ENGLISH

19 މޭ 2026

Advertisement

ޖެޓް ފިއުލް އަގެހެޔޮކުރުމާއެކު، ހޫނު މޫސުމުގައި ރާއްޖެއަށް ދަތުރުކުރާ ފުލައިޓުތައް އިތުރުކޮށްފި

19 މޭ 2026

|

ޝިފްޒާން އަޙްމަދު

ގަތަރު އެއާލައިނުގެ ފުލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަނީ، ފޮޓޯ: އެމްއޭސީއެލް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެއާލައިންތައް ރާއްޖެއަށް ގެނައުމަށް ޖެޓް ފިއުލުގެ އަގުހެޔޮކޮށް، ހޫނު މޫސުމުގައި ރާއްޖެއަށް ދަތުރުކުރާ ފުލައިޓުތަކުގެ އަދަދު އިތުރުކުރެވިފައިވާކަން ފަތުރުވެރިކަމާއި މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ ވަޒީރު މުހައްމަދު އަމީނު ހާމަކުރައްވައިފިއެވެ. 

ހަނގުރާމައާ ގުޅިގެން ސިޔާސަތު އެކަށައަޅައި ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެކުލަވައިލެއްވި ވަޒީރުންގެ ކޮމިޓީން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީނު ވިދާޅުވީ ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު މަދުވާވުން ހިފަހައްޓައި ވައިގެ އުދުހުންތައް އިތުރުކުރުމަށް ހާއްސަ ސަމާލުކަމެއްދީގެން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. 

އެ މަސައްކަތްތަކުން ހާސިލުކުރެވުނު ކާމިޔާބުތަކުގެ ތަފުސީލަށް އަލިއަޅުވައިލައްވަމުން ވަޒީރު ވިދާޅުވީ ހަނގުރާމަ ފެށުނުއިރު ކޮންމެ ހަފުތާއަކު އެވެރެޖުކޮށް 99 ފުލައިޓު ކެންސަލުވަމުންދިޔަ ކަމަށެވެ. ނަމަވެސް މިހާރު އެ ނިސްބަތް 70 ކޮންމެވެސް އަދަދަކަށް ދަށްކުރެވިފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އެއީ 22 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ. 

"އަޅުގަނޑު ކުރިއެރުމެއް ކަމުގައި ދަންނަވަނީ ކުރިން ހުރި ސްޓޭޖަށް ގެނެވުނު ވާހަކައެއް ނޫން. 90 ވަރަކަށް ފުލައިޓު ކެންސަލްވެގެން ގޮސްފައި އޮތީ ފުރަތަމަ ދުވަސްކޮޅު. ނަމަވެސް މިހާރު ގަލްފުގެ މޭޖާ ކެރިއާތަކުންވެސް އޮޕަރޭޓުކުރަން ފަށައިފި. އެމިރޭޓްސްއިންވެސް އޮޕަރޭޓުކުރަން ފަށައިފި. ގަތަރު އެއާވޭސްކުރަން ފަށައިފި. މޭޖާ ފަސް އެއާލައިނުވެސް ރާެއްޖެއަށް އޮޕަރޭޓުކުރައްވާ.،" ވަޒީރު ވިދާޅުވިއެވެ. 

ހޫނު މޫސުމުގައި ދަތުރުކުރާ ފުލައިޓުތަކުގެ ތާވަލު އެކުލަވައިލެވެމުންދާއިރު، މަތިންދާ ބޯޓުތައް އޮޕަރޭޓުކުރާ މިންވަރަށް ބަލާއިރު ރާއްޖެއަށް ގެނެވޭ ފަސިންޖަރުންގެ އަދަދު ނިމުނު އަހަރަށްވުރެ ދެ އިންސައްތަ އިތުރުކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވި ގޮތުގައި ރާއްޖެއަށް އައުމަށް ފަސިންޖަރުންނަށް އަންނަން އޮތް އޮޕްޝަންތަައް ނިމުނު އަހަރަށްވުރެ މަދުނުވާނެއެވެ. 

އޭގެ އިތުރަށް ފާއިތުވި މޭ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖެޓް ފިއުލް ވިއްކަމުންދާ އަގު ލީޓަރެއް 1.9 ޑޮލަރުން 1.6 ޑޮލަރަށް ދަށްކޮށްފައިވާކަމަށާއި، އެއީވެސް ރާއްޖެއަށް އަންނަ އެއާލައިންތައް އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު