ENGLISH

19 މޭ 2026

Advertisement

ގާޑިއޯލާގެ ބަދަލުގައި ސިޓީގެ ކޯޗަކަށް މަރެސްކާ

19 މޭ 2026

|

އިސްމާއިލް ޝާހު

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި އެންޒޯ މަރެސްކާ އެކުގައި ---

މި ސީޒަން ނިމުމުން މެންޗެސްޓާ ސިޓީގެ ކޯޗުކަމުން ޕެޕް ގާޑިއޯލާ ވަކިވާން ނިންމާފައިވާ ކަމަށާއި، ދެން އެ މަގާމާ ހަވާލުވާނީ ކުރިން ޗެލްސީންއަށް ކޯޗުކޮށްދިން އެންޒޯ މަރެސްކާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 55 އަހަރުގެ ގާޑިއޯލާ، ސިޓީއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަހަރެއް އޮތް ނަމަވެސް، އިނގިރޭސި ޕްރިމިއަރ ލީގުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗަކީ އޭނާ ސިޓީއަށް އިރުޝާދުދޭނެ ފަހު މެޗު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސިޓީގައި 10 އަހަރު ހޭދަކުރުމަށްފަހު ގާޑިއޯލާ އެ ޓީމު ދޫކޮށްލާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާ އާއި ބަޔާން މިއުނިކަށް މީގެ ކުރިން ކޯޗުކޮށްދިން ގާޑިއޯލާ ވަނީ ސިޓީއަށް މިހާތަނަށް 20 ޓްރޮފީ ހޯދައިދީފައެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއަރ ލީގު ހަ ފަހަރު ހޯދުމުގެ އިތުރުން ސިޓީގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕް ކާމިޔާބުކުރުން ހިމެނެއެވެ. އަދި އޭނާ ވަނީ ސިޓީއަށް އެފްއޭ ކަޕް ތިން ފަަހަރު އަދި އިނގިރޭސި ލީގު ކަޕް ފަސް ފަަހަރު ކާމިޔާބުކޮށްދީފައެވެ.

ގާޑިއޯލާ ސިޓީ ދޫކޮށްލުމުން ދެން އެ މަގާމާ ހަވާލުވާނީ އުމުރުން 46 އަހަރުގެ މަރެސްކާ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ޗެލްސީގެ ވެރިންނާ ޖެހުނު މައްސަލަތަކެއްގެ ސަބަބުން އެ ޓީމުގެ ކޯޗުގެ މަގާމުން މަރެސްކާ ވަކިވީ މި އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހެވެ. މަރެސްކާ ވަނީ ޗެލްސީއަށް ޔުއެފާ ކޮންފަރެންސް ލީގާއި، ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކޮށްދީފައެވެ.

މާރެސްކާ އަކީ ސިޓީގައި މީގެ ކުރިންވެސް މަސައްކަތް ކޮށްފައިވާ ކޯޗެކެވެ. އެގޮތުން އޭނާ ވަނީ މީގެ ކުރިން ގާޑިއޯލާގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. އެ މުއްދަތުގައި ސިޓީން ވަނީ 2022/2023 ގެ ސީޒަނުގައި ތިން ތަށި (ޕްރިމިއަރ ލީގު، އެފްއޭ ކަޕް އަދި ޗެމްޕިއަންސް ލީގު) ހާސިލުކޮށްފައެވެ. އަދި މީގެ ކުރިން މަރެސްކާ ވަނީ ސިޓީގެ އެކެޑަމީގައިވެސް ކޯޗިންގެ މަސައްކަތްތަކެއް ކޮށްފައެވެ.

މަރެސްކާގެ މަޝްވަރާތައް އެންމެ ފަހު މަރުހަލާގައި އޮތް ކަމަށް ރިޕޯޓުތައް ބުނާއިރު، ސިޓީގެ ކޯޗުކަމުން ގާޑިއޯލާ ވަކިވުމަށް ތައްޔާރުވެފައިވާތާ ހަ މަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު