ENGLISH

19 މޭ 2026

Advertisement

ހަނގުރާމައާ ގުޅިގެން ފަތުރުވެރިން އަންނަ މިންވަރު މަދުވި ނިސްބަތް ދަށްކޮށް، އެރައިވަލް އިތުރުކުރެވިއްޖެ

19 މޭ 2026

|

ޝިފްޒާން އަޙްމަދު

ފަތުރުވެރިކަމާއި މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ ވަޒީރު މުހައްމަދު އަމީނު، ފޮޓޯ: ރައީސް އޮފީސް

މެދުއިރުމަތީގައި ފެށިގެން ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ދަތުރުފަތުރަށް އެރި ލޮޅުމާއެކު ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު ވަރަށް ބޮޑަށް ދަށްވުމަށްފަހު، ފަތުރުވެރިން އަންނަ ނިސްބަތް އިތުރުކުރެވިފައިވާކަމަށް ފަތުރުވެރިކަމާއި މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ ވަޒީރު މުހައްމަދު އަމީނު ވިދާޅުވެއްޖެއެވެ. 

ހަނގުރާމައާ ގުޅިގެން ސިޔާސަތު އެކަށައަޅައި ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެކުލަވައިލެއްވި ވަޒީރުންގެ ކޮމިޓީން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީނު ވިދާޅުވީ މާޗު މަހުގައި ފަތުރުވެރިން އައި ނިސްބަތް 2025 ވަނަ އަހަރުގެ މާޗު މަހާ އަޅާބަލާއިރު 22 އިންސައްތަ ދަށްވި ކަމަށެވެ. އަދި އޭޕްރީލު މަހުގައި އޭގެ ކުރީ އަހަރުގެ އޭޕްރީލު މަހަށްވުރެ 26 އިންސައްތަ ދަށްވިކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

ނަމަވެސް މޭ މަހުގައި އެ ނިސްބަތް ބޮޑުތަނުން ކުޑަކުރެވިފައިވާކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ މޭ މަހު ފަތުރުވެރިން އައި ނިސްބަތް ކުރީ އަހަރުގެ މޭ މަހާ އަޅާބަލާއިރު ހުރީ 8.9 އިންސައްތައިގަ ކަމަށެވެ. އެހެންކަމުން އެއީ ކުރީ މަސްތަކާ ބަލާއިރު 17 ވަރަކަށް އިންސައްތައިގެ ކުރިއެރުމެއްކަން ފާހަގަކުރެއްވިއެވެ. 

"އެހެންވީމާ މިދަންނަވާ ވާހަކައަކީ އަޅުގަނޑުމެންނަށް އިމްޕެކްޓުކުރި އަދަދު އެންމެންގެ މަސައްކަތުން މިހާރު 17 ވަރަކަށް ޕަސެންޓް މައްޗަށް ޖެހިއްޖެޔޭ،" ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވީ މިއީ މުޅި ދުނިޔެ ތަހައްމަލުކުރަމުންދާ މައްސަލައެއްގެ ތެރޭގައި، ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ އިތުރަށް ފަތުރުވެރިކަމާއި މަދަނީ ވައިގެ އުދުހުމުގެ ދާއިރާގެ ހިއްސާދާރުންނާއެކު ކުރެވުނު މަސައްކަތުން ހާސިލުކުރެވުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. 

ވަޒީރު ފާހަގަކުރެއްވި ގޮތުގައި އަދިވެސް ނިމުނު އަހަރާ އަޅާބަލާއިރު ފަތުރުވެރިން އަންނަ ނިސްބަތް ހުރީ 6.8 އިންސައްތަ ދަށުގައެވެ. ނަމަވެސް އުންމީދަކީ މިހާރު ސަރުކާރާއި ސިނާއަތުގެ ބައިވެރިންނާއެކު ކުރެވޭ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އަހަރުގެ ފަހުކޮޅުގައި ފަތުރުވެރިން އަންނަ މިންވަރު އިތުރުވުންކަމަށް ވިދާޅުވިއެވެ. 

އިތުރަށް ވަޒީރު ފާހަގަކުރެއްވީ މިހާރު އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދުގައި ގައުމީ އެއާލައިންގެ ސީދާ ދަތުރުތައް ފެށިފައި އޮތުމަކީވެސް ބޮޑު ކާމިޔާބެއް ކަމަަށެވެ. މިއަދު މެލްބަންއިން މޯލްޑިވިއަންގެ ވައިޑް ބޮޑީ މަތިންދާބޯޓު އައީ 92 ޕަސެންޓު ފުރިފައި އޮވެގެންކަން ވަޒީރު ހާމަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު