ENGLISH

19 މޭ 2026

Advertisement

މިއަދުވެސް މޫސުން ގޯސް، ހއ. އިން ފެށިގެން މ. އާ ހަމައަށް ހުދު ސަމާލު

19 މޭ 2026

|

އާމިނަތު ނުޒްލާ

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރުން-- ފޮޓޯ: މެންދުރު ޓީވީ

މިއަދު މެންދުރު 13:00 އިން ފެށިގެން އިރުއޮއްސި 19:00 އާ ހަމައަށް، ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފައި ވަނީ ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި މި ހިސާބުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

ފާއިތުވި 24 ގަޑިއިރަށް ބަލާއިރު އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރެކޯޑް ކުރެވިފައިވަނީ އދ. މާމިގިއްޔަށެވެ. އެއީ 43.5 މިލިމީޓަރުގެ ވާރޭ އެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑް ކުރެވިފައިވަނީ އދ. މަހިބަދޫ އަށެވެ. އެއީ 27.3 މިލިމީޓަރުގެ ވާރޭ އެވެ.

މޫސުން ގޯސްވެ، ކޮޅިގަނޑުގައި ވައިގަދަވާނެ ކަމަށް ލަފާކޮށް އެކަމަށް ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާގުޅުންހުރި އިދާރާތަކުން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވިލާގަނޑުގައި އެންމެ ވައިގަދަވިކަމަށް ރެކޯޑްކުރެވިފައިވަނީ ހުޅުލެއަށެވެ. ހުޅުލެއަށް 39 މޭލު ބާރު މިނުގައި ވައިޖެހުނު ކަމަށް ރެކޯޑް ކުރެވިފައިވެ އެވެ. ދެން އެންމެ ބާރަށް ވައި ޖެހިފައިވަނީ އދ. މާމިގިއްޔަށެވެ. އެއީ 38 މޭލު ބާރު މިނުގަ އެވެ.

މެޓް އިން ބުނީ ދެކުނުގެ އަތޮޅުތަކަށް މިއަދު ވައިޖެހޭނީ ހުޅަނގާއި ހުޅަނގުދެކުނުން ކަމަށެވެ. އެއީ ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގަ އެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެކަމަށް މެޓް އިން ލަފާކޮށްފައިވެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓް އިން ލަފާކޮށްފައިވެ އެވެ.

ރާއްޖޭގެ ކަނޑުގެ ރާޅުތަކުގެ އުސްމިން ހުންނާނެ ކަމަށް ދެކުނަށް ލަފާކޮށްފައިވަނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދު އެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގައި ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދުގައި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ އެންމެ މޫސުން ގޯސްވާ ދުވަސްވަރެވެ. އެހެންކަމުން ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށާއި، އެ އިދާރާއިން ނެރެމުން އަންނަ މޫސުމުގެ އެލާޓުތަކަށް ވެސް ސަލާލުކަން ދިނުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެ އެވެ. މަގުމަތީގައި ދުއްވާ ފަރާތްތަކުންވެސް ސަމާލުކަންދޭންވި ކަންތައްތައް، ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވެ އެވެ.

މޫސުން ގޯސްވުމާއި ގުޅިގެން ކަމާގުޅުން ހުރިހާ އިދާރާތަކުން ވެސް އަންނަނީ، ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ނުވަތަ ގެއްލުން ކުޑަކުރުމަށްޓަކައި، މޫސުމަށް ސަމާލުވުމަށް ނަސޭހަތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު