ENGLISH

19 މޭ 2026

Advertisement

ފުވައްމުލަކުގައި ގާއިމްކުރި "ލިވިން ލެބް" އަދި މަލްޓި ހަޒާޑް އާލީ ވޯނިން ސިސްޓަމް ލޯންޗުކޮށްފި

19 މޭ 2026

|

އައިމިނަތު ޝަފާ

ފުވައްމުލަކުގައި ގާއިމްކުރި "ލިވިން ލެބް" އަދި މަލްޓި ހަޒާޑް އާލީ ވޯނިންގް ސިސްޓަމް ލޯންޗުކުރުމުގެ ތެރެއިން.

ފުވައްމުލައް ސިޓީގައި ގާއިމްކުރި "ލިވިން ލެބް" އަދި މަލްޓި ހަޒާޑް އާލީ ވޯނިން ސިސްޓަމާ މޯބައިލް އެޕް "އުދަ" ރަސްމީކޮށް އިފްތިތާޙްކޮށްފި އެވެ.

ޑީމެޑް ޕްރޮޖެކްޓްގެ ދަށުން ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ ޕައިލެޓް ޕްރޮޖެކްޓެއް ކަމަށްވާ މަލްޓި ހަޒާޑް އާލީ ވޯނިންގް ސިސްޓަމްގެ މަސައްކަތް ނިންމައި، މި ޕްރޮޖެކްޓްގެ ދަށުން ޤާއިމްކުރި ލިވިން ލެބް ހުޅުވާފައިވާއިރު މަލްޓި ހަޒާޑް އާލީ ވޯނިން ސިސްޓަމްގެ އިތުރުން މޯބައިލް އެޕްލިކޭޝަން ކަމުގައިވާ "އުދަ" ވެސް ރަސްމީކޮށް އިފްތިތާހުކޮށްފައިވެއެވެ. 

ފުވައްމުލައް ސިޓީ ކައުންސިލްގައި މި މަހުގެ 13 ވަނަ ދުވަހުގެ ބޭއްވި ރަސްމިއްޔާތުގައި ލިވިން ލެބް ހުޅުވައިދެއްވައި އަދި ސިސްޓަމް އިފްތިތާޙް ކޮށްދެއްވީ މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އަލީ ޝަރީފް އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރު އަލީ ޝަރީފް ދެއްކެވި ވާހަކަފުޅުގައި، ހަމައެކަނި މޫސުން ލަފާކުރުމާއި އެ ލަފައަށް ބަރޯސާވުމުގެ ސަގާފަތް ދޫކޮށް، މޫސުމުގެ ސަބަބުން ދިމާވާ ނުރައްކަލުގެ ހާދިސާތައް ލަފާކޮށް އެކަމަށް ރައްކާތެރިވުމުގެ ފިޔަވަޅު އަޅާ ބަޔަކަށް ދިވެހިން ބަދަލުވާންޖެހޭކަމަށް ވިދާޅުވި އެވެ.

އަދި ބައިނަލްއަޤްވާމީ ފްރޭމްވޯކްތަކަށް ރިއާޔަތްކޮށް، އޯޕަން ޑޭޓާ ޝެއާ ކުރުމާއި، މީހުން ބިނާކުރުމާއި، ފުރިހަމަގޮތުގައި ވަސީލަތްތައް ބިނާކުރުމުގެ މުހިންމުކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ފުވައްމުލަކުގައި ގާއިމްކުރި "ލިވިން ލެބް" އަދި މަލްޓި ހަޒާޑް އާލީ ވޯނިންގް ސިސްޓަމް ލޯންޗުކުރުމުގެ ތެރެއިން.

މި ސިސްޓަމަކީ ޔުނައިޓަޑް ކިންގްޑަމްގެ ޔުނިވާސިޓީ އޮފް ސެލްފޯޑްގެ ތިންކް ލެބުން ތައްޔާރުކޮށްފައިވާ މޯބިލައިޒް ސިސްޓަމްގެ މައްޗަށް ބިނާކޮށް ފުވައްމުލައް ސިޓީގެ ޖިއޯގްރަފީއަށް ހާއްސަކޮށް ޑިވެލޮޕްކޮށްފައިވާ ސިސްޓަމެކެވެ. މި ސިސްޓަމްގައި މައިގަނޑު ހަތަރު ބައެއް ހިމެނެ އެވެ.

އެގޮތުން މޮބިލައިޒްގެ މަލްޓި-އެޖެންސީ ރިސްކް އެސެސްމަންޓް ޕްލެޓްފޯމުގެ ރިސްކް ނޮލެޖް އެންޑް އިމްޕެކްޓް އެނަލައިޒާ ބޭނުންކޮށްގެން ޤައުމީ އިދާރާތަކާއި ލޯކަލް ކައުންސިލް ފެންވަރުގައި ގެންގުޅޭ ޑޭޓާބޭސްތަކުގެ ޑޭޓާ ބޭނުންކޮށްގެން ރިސްކް އެނެލައިޒް ކުރެވެ އެވެ. މިގޮތުން ރިސްކު އެނަލައިޒް ކުރުމަށް ވިޝުއަލް ޓޫލްސް ހިމަނާފައިވުމުގެ އިތުރުން، އެކި ހާލަތްތައް ސިމިއުލޭޓްކޮށް އެފަދަ ހާލަތްތަކުން މުޖްތަމައުއަށާއި، އިންފްރަސްޓްރަކްޗަރަށް ކުރާނެ އަސަރު ދެނެގަނެވެ އެވެ.

އަދި މި ސިސްޓަމްގެ ސަބަބުން ނާޒުކު ހާލަތްތަކުގައިވާ ފަރާތްތައް ދެނެގަނެވި ދުރާލާ ފިޔަވަޅު އެޅުމަށް އެފަރާތްތަކަށް ރައްކާތެރިވުމުގެ އިންޒާރުގެ މެސެޖްތައް ފޯރުކޮށްދޭން ފަސޭހަވެގެންދެއެވެ.

މި ސިސްޓަމްގެ މޮނިޓަރިން އެންޑް ފޯކާސްޓިން ޕްލެޓްފޯމް "އީގަލް އައި" އަކީ މޫސުން ލަފާކުރުމަށް ބޭނުން ކުރާ ބައިނަލްއަޤްވާމީ މޮޑެލްސް ތަކާއި އަދި އެތަނެއްގައި ހުންނަ މޫސުމީ ސެންސަރު ތަކުގެ އެހީގައި، އުފެދެމުން އަންނަ މޫސުމީ ނުރައްކާތައް އަންދާޒާ ކުރަން ބޭނުންކުރާ ސިސްޓަމެކެވެ.

އެގޮތުން ވާރޭ ވެހޭނެ މިންވަރާއި، ވައިގެ ބާރުމިނާއި މިސްރާބާއި، ރާޅުގެ އުސްމިނާއި ފެންބޮޑުވެދާނެ މިންވަރު ދެނެގަތުމަށް މި ސިސްޓަމް ބޭނުންކުރެވެ އެވެ.

މި ސިސްޓަމްގައި ދެންހިމެނެނީ ރައްކާތެރިވުމަށް ފޯރުކޮށްދޭ އިންޒާރުގެ މެސެޖްތައް ފޮނުވާ "ބީކޮން އެކްސް" މޮޑިއުލް އެވެ. މިގޮތުން އެސްއެމްއެސް، ވަޓްސް އެޕް ނުވަތަ ވައިބާ ފަދަ ޕްލެޓް ފޯމް މެދުވެރިކޮށް މެސެޖް ފޮނުމުގެ އިތުރުން މޯބައިލް އެޕެއް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދެވެ އެވެ.

މި ނިޒާމުގެ ހަތަރު ވަނަ ބަޔަކީ މޮބައިލް އެޕެވެ. "އުދަ"އިގެ ނަމުގައި ލޯންޗް ކުރި މޯބައިލް އެޕްއިން މޫސުމީ އިންޒާރު ލިބުމުގެ އިތުރުން، އެކި ކަހަލަ ހާދިސާތައް ކައުންސިލް އަށް ރިޕޯޓް ކުރެވޭނެ ނިޒާމެއް ވަނީ އެޕްގެ ތެރޭގައި ހިމަނާފަ އެވެ. މިއީ ދިވެހި، އިނގިރޭސި އަދި ބެންގާލީ ބަސް ހިމަނައިގެން ވީހާވެސް ގިނަ ރައްޔިތުންނާއި، ބިދޭސީ މަސައްކަތްތެރިންގެ ބޮޑުބައެއް ހިއްސާކުރާ ބަންގްލަދޭޝް މީހުންނާއި، ފަތުރުވެރިންނަށް ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ އެޕެކެވެ.

މި ސިސްޓަމް ލޯންޗް ކުރުމުގެ ކުރިން ފުވައްމުލައް ސިޓީ ކައުންސިލާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު ހިމެނޭހެން މި ސިސްޓަމްގެ ޓްރެއިނިން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މީގެ އިތުރުން "ލިވިންގ ލެބް" ނަމުގައި ހުޅުވުނު ވަސީލަތަކީ، ވަކިވެފައިވާ ޓެކްނިކަލް މެކޭނިޒަމްއެއްގެ ބަދަލުގައި، މޫސުމީ އެކި ހާދިސާތަކަށް ތައްޔާރުވުމުގެ ގޮތުން ދުރާލައި ކަންކަން ރޭވުމަށްޓަކައި ފުވައްމުލަކު ސިޓީ ކައުންސިލާއި، ސަލާމަތީ ބާރުތަކާއި، ޤައުމީ އިދާރާތައް ގުޅިގެން މަސައްކަތްކުރަން ޤާއިމުކުރެވުނު މަލްޓިހަޒާޑް އާލީ ވޯނިން ޑިސިޝަން ސަޕޯޓް ސެންޓަރެކެވެ.

ކިޔުންތެރިންގެ ހިޔާލު