ENGLISH
19 މޭ 2026
ކޮންމެ އަތޮޅެއްގައި އެލްޖީއޭގެ ގޮތްޕެއް؛ ކައުންސިލުތަކަށް އެހީވުމަށް ކޮށޭ މަގެއް
19 މޭ 2026
|
ކ.އަތޮޅު އޮފީހުގެ އިމާރާތް
އެންމެ މަޤްބޫލު
ގާނޫނުއަސާސީއާއި ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހާއެކު އުވައިލެވުނު އަތޮޅު ކައުންސިލުތައް ހިންގުމަށް އަތޮޅުތަކުގައި ގާއިމުކޮށްފައި ހުރި އަތޮޅު އޮފީސްތަކުގެ އިމާރާތްތަކުގައި އެލްޖީއޭގެ ގޮފިތަކެއް ގާއިމުކޮށް، ކައުންސިލުތަކާ ކައިރިން އެލްޖީއޭގެ ހިދުމަތް ދޭން ފަށައިފިއެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށާއި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރެއިން އަތޮޅު ކައުންސިލުތައް އުވައިލި ނަމަވެސް، އެ ކައުންސިލުތަކުގައި މަސައްކަތްކުރަމުންއައި އިދާރީ މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެކަން ކަށަވަރުކޮށް، ރަށު ކައުންސިލުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެލްޖީއޭއަށް މަގުފަހިވާނެ އިސްލާހެއް ގާނޫނުގައި ހިމެނިއެވެ.
ލާމަރުކަޒީ ގާނޫނުގެ 58 ވަނަ މާއްދާއަށް އިތުރުކުރި އަކުރެއްގެ ދަށުން، އެލްޖީއޭގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އިދާރީ ދާއިރާތަކުގެ ފެންވަރުގައި ތަންފީޒުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން އެ އިދާރާގެ މައްޗަށް ލާޒިމުކޮށްފައިވެއެވެ. އަދި އިދާރީ ދާއިރާތަކުގެ ފެންވަރުގައި އެލްޖީއޭގެ ހިދުމަތްތައް ދިނުމަށްޓަކައި، އިދާރީ ދާއިރާތަކުގައި އެ އިދާރާގެ އޮފީސްތައް ގާއިމުކުރުމުގެ އިހުތިޔާރު ދީފައިވެއެވެ. އެ މަގުސަދުގައި ގާއިމުކުރާ އޮފީސްތައް ހިންގަންވާނީ އަތޮޅުގެ ވެރިކަން ކުރާ ރަށްތަކުގައި ކަން ގާނޫނުގައި ބަޔާންކުރިއެވެ.
އަތޮޅު ވެރިކަންކުރާ ރަށްރަށުގައި ހިންގަމުންއައި އަތޮޅު ކައުންސިލުތަކުގެ އިދާރާތައް އެލްޖީއޭގެ ދަށަށް ބަދަލުކޮށް އެތަންތަނަކީ ގާނޫނުން އެލްޖީއޭގެ މައްޗަށް ލާޒިމުކުރާ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްކުރާ އިދާރާތަކެއްގެ ގޮތުގައި ހަމަޖައްސައި، ކުރިން އަތޮޅު ކައުންސިލުތަކުގައި މަސައްކަތްކުރި މުވައްޒަފުން އެ އިދާރާތަކަށް ބަދަލުކުރުމަށް ނިންމާފައިވާކަން އެލްޖީއޭއިން ހާމަކޮށްފައިވެއެވެ.
މި އޮފީސްތަކުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނެ މަސައްކަތްތަކަކީ އެލްޖީއޭގެ ފަރާތުން ކައުންސިލުތަކަށް ފޯރުކޮށްދޭންޖެހޭ ތަމްރީނުތައް ފޯރުކޮށްދިނުމާއި، ކައުންސިލުތަކުގެ މުވައްޒަފުން ތަމްރީނުކުރުމާއި، އަދި ކައުންސިލުތަކުގެ މަސައްކަތްތައް މޮނީޓާކުރުމެވެ.
އެލްޖީއޭގެ ހުރިހާ މުވައްޒަފުން ސިވިލް ސާވިސްއަށް ބަދަލުކޮށްފައިވާއިރު، އަތޮޅު ކައުންސިލުތަކުގެ އިދާރީ މުވައްޒަފުންނަކީ ކުރިއްސުރެ ސިވިލް ސާވިސް މުވައްޒަފުންކަމަަށްވާތީ އެ މުވައްޒަފުންގެ ވަޒީފާއަށް އަދި މުސާރައަށް މި ބަދަލުގެ ސަބަބުން އެއްވެސް އުނިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން އެލްޖީއޭއިން ދީފައިވެއެވެ.
އެ އިދާރާއިން ބުނި ގޮތުގައި އަތޮޅުތަކުގައި އެލްޖީއޭގެ ގޮފިތައް ގާއިމުކުރެވުމުން ކައުންސިލުތަކާ ގުޅިގެން ކައިރިން އެލްޖީއޭގެ ހިދުމަތްތައް ފޯރުކޮށްދީ ކައުންސިލުތަކުގެ ހިންގުން މޮނީޓާކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ފަސޭހަވެ، ކައުންސިލުތަކާ ކައިރިން މަސައްކަތްކުރުމަށް މަގުފަހިވާނެއެވެ.