ENGLISH
19 މޭ 2026
އޮސްޓްރޭލިއާއާއި ރާއްޖޭގެ ދެމެދުގައި ފެށުނު ދަތުރުތަކުން ފަތުރުވެރިކަމަށް ފައިދާވާނެ: ވަޒީރު އަމީން
19 މޭ 2026
|
ފަތުރުވެރިކަމާއި މަދަނީ ވައިގެ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީނު، ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
ގައުމީ އެއާލައިން މޯލްޑިވިއަންއިން ރާއްޖެއާއި އޮސްޓްރޭލިއާގެ މެދުގައި ފެށި ސީދާ ދަތުރުތަކުގެ ސަބަަބުން ރާއްޖޭގެ އިގުތިސާދަށް އަދި ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ފަތުރުވެރިކަމާއި މަދަނީ ވައިގެ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީނު ވިދާޅުވެއްޖެއެވެ.
އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދުގައި ގައުމީ އެއާލައިނުގެ ސީދާ ދަތުރުތައް ފެށުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ދައުލަތުގެ މީޑިޔާ ޕީއެސްެއެމްއަށް ދެއްވި ބަސްދީގަތުމެއްގަައި އަމީނު ވިދާޅުވީ އެ ދަތުރުތައް ފެށުމަކީ ރާއްޖޭގެ މަދަނީ ވައިގެ އުދުހުންތަކާއި ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ލިބުނު ވަރަށް ބޮޑު އުފާވެރިކަމެއް ކަމަށެވެ.
މި ދަނޑިވަޅަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބުރޫއަރައި ރާއްޖެއަށް އަންނަ ފުލައިޓުތައް މަދުވެފައިވާ ދުވަސްރެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމަކީ އެ ގައުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމެއް ކަމަށެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިހާރު އޮސްޓްރޭލިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެހެންކަމުން ދެ ގައުމުގެ މެދުގައި ސީދާ ދަތުރުތައް ފެށުމުން އެ އަދަދު މިހާރަށްވުރެ އިތުރުވުމަށް ފަސޭހަވާނެއެވެ.
"މި ދުވަސްވަރަކީ، ރާއްޖޭގެ ޓުއަރިސްޓް މާކެޓުގައި އޮސްޓްރޭލިއާ އެންމެ ޓޮޕް މާކެޓުތަކުގެ ތެރޭގައި ހިމެނޭ ވަގުތައް ވެފައި މިފަދަ ޑައިރެކްޓް ރޫޓެއް ފެށިގެން ދިޔައީމަ އޮސްޓްރޭލިއާގެ މާކެޓު ރާއްޖެއަށް އިތުރުވެގެންދާނެ. މިއީ، ހަމަ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް. އަދި ޑައިރެކްޓް ފްލައިޓެއް އޮސްޓްރޭލިއާއި މާލެއާ ދޭތެރެ އޮޕަރޭޓް ކުރުމަކީ، ޓުއަރިޒަމް އިންޑަސްޓްރީއަށް އަދި ޖުމްލަ ގޮތެއްގައި ކުދި ވިޔަފާރިތަކަށާއި، ދެ ޤައުމުގެ ގުޅުމަށްވެސް ލިބިގެންދިޔަ ފައިދާއެއް." އަމީނު ވިދާޅުވިއެވެ.
ގައުމީ އެއާލައިނުން އޮސްޓްރޭލިއާއާއި ރާއްޖޭގެ ދެމެދުގައި ކުރަން ފެށި ދަތުރުތަކަކީ އަލަށް ދެ ގައުމުގެ ދެމެދުގައި ކުރެވޭ ސީދާ ދަތުރުތަކެވެ. ކުރިން އެހެން މަންޒިލެއްގައި މަޑުކުރުމަށްފަހު އޮސްޓްރޭލިއާއަށް ކުރާ ދަތުރުތަކުގައި ގިނަ ވަގުތުތަކެއް ދަތުރުމަތީ ހޭދަކުރަންޖެހޭއިރު، މި ދަތުރުތަކާއެކު، ދަތުރުމަތީ ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށް މަދުވެގެންދާނެއެވެ.
ވަޒީރު ސިފަކުރެއްވި ގޮތުގައި މޯލްޑިވިއަންއަށް ވައިޑް ބޮޑީ މަތިންދާބޯޓެއް ގެނެވި، އެއާލައިނުގެ އޮޕަރޭޝަންސް ފުޅާކުރެވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި އެކަމުގެ ސަބަބުން އެއާލަައިނުގެ ވިލުންތެރިކަން އިތުރުވެ، އިގުތިސާދުގައި ގައުމީ އެއާލައިނުގެ ދައުރު ފުޅާކުރެވި، ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމުގައި އެއާލައިނުގެ ހިއްސާ އިތުރުވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.