ENGLISH

19 މޭ 2026

Advertisement

ހަނގުރާމައިގެ ސަބަބުން ތެޔޮ ގަތުމުގެ ހަރަދު 116 މިލިއަން ޑޮލަރަށް މަތިވެއްޖެ: ތިމާވެއްޓާ ބެހޭ ވުޒާރާ

19 މޭ 2026

|

އައިމިނަތު ޝަފާ

ކޯގެ އިމާރާތް ތެރޭގައި ބަހައްޓާފައި ހުރި ތެޔޮ ފީފާ ތަކެއް. ފޮޓޯ؛ ދައުރު

މެދުއިރުމަތީ ހަނގުރާމައާ ގުޅިގެން ސަރުކާރުން ތެޔޮ އެތެރެކުރުމަށް ޓަކައި ކުރަންޖެހޭ ހޭދަ ކުރިއަށްވުރެ 110 އިންސައްތަ އިތުރުވެ، މިހާރު މަހަކު 116 މިލިއަން ޑޮލަރު ތެލަށް ހަރަދުކުރަން ޖެހިފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނެފި އެވެ. 

މިއަދު ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ޑިރެކްޓާ ޖެނެރަލް އަހުމަދު އަލީ ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައިގެ ކުރިން ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް މަހަކު ހޭދަވަނީ ގާތްގަޑަކަށް 50 މިލިއަން ޑޮލަރު ކަމަށެވެ. 

ނަމަވެސް މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން މާޗު މަހުން ފެށިގެން ރާއްޖެއަށް ތެޔޮ އެތެރެކުރުމަށްޓަކައި 116 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް އަހުމަދު އަލީ ވިދާޅުވި އެވެ. އެއީ 110 އިންސައްތައިގެ އިތުރުވުމެކެވެ. ނުވަތަ ތެލުގެ ހަރަދަށް ވަނީ 61 މިލިއަން ޑޮލަރު އިތުރުވެފަ އެވެ. 

"މީގެ ކުރީގަ މެދުއިރުމަތީގަ ދިމާވެގެން އުޅޭ މައްސަލައިގެ ކުރިން ގާތްގަނޑަކަށް ފަންސާހަކަށް މިލިއަން ޑޮލަރު މަހެއްގެ މައްޗަށް އެބަ ހަރަދުކުރަންޖެހޭ ތެޔޮ އެތެރެކުރުމަށް، އެކަމަކު މިހާރު އެ އަދަދު 116 މިލިއަން ޑޮލަރު މަހަކު. އެއީ މާޗު މަހުގެ ހިސާބަށް ބެލިކަމަށްވާނަމަ،". އަހުމަދު އަލީ ވިދާޅުވި އެވެ. 

އަހުމަދު އަލީ ވިދާޅުވީ އަދިވެސް ހަނގުރާމަ ކުރިއަށްދާތީ ތެލަށްް ކުރާ ހަރަދު އަދިވެސް އިތުރުވުން އެކަށީގެންވާކަމަށެވެ. 

ރާއްޖޭގެ ތެލުގެ ސަޕްލައި މައިގަނޑު ގޮތެއްގައި ބަރޯސާވެފައި އޮތީ އޮމާނަށެވެ. އެގޮތުން ރާއްޖެއަށް އެތެރެކުރާ ތެލުގެ 98 އިންސައްތަ އެތެރެކުރަނީ އޮމާނުން ނެވެ. ކަސްޓަމްސްއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖަނަވަރީމަހާއި ފެބުރުއަރީމަހު ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރީ ޑީސަލް އެވެ. މިއީ މުޅި ތެލުގެ އިމްޕޯޓުގެ 76.6 އިންސައްތަ އެވެ. ޖުމްލަ ޑީސަލްގެ ތިންބައިކުޅަ ދެބައި އޮމާނުން އެތެރެކުރާއިރު އެއީ 83،986 ޓަނެވެ. ދެވަނައަށް އެންމެ ގިނައިން އެތެރެކުރާ ޕެޓްރޯލުގެ 60.8 އިންސައްތަ އެތެރެކުރަނީ ވެސް އޮމާނުން ނެވެެެ. ޖެޓް ފިއުލްގެ 98.3 އިންސައްތަ އޮމާނުން އެތެރެކޮށްފައިވެއެވެ. 

ރާއްޖޭގެ ތެލުގެ ސަޕްލައި އޮމާނަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން ނެވެ. 

އަދި މި ދަނޑިވަޅުގައި ރައްޔިތުންނަށް ވިއްކާ ތެލުގެ އަގު ބޮޑުކުރުމުގެ ވިސްނުމެއްވެސް ނުގެންގުޅޭކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު