ENGLISH

19 މޭ 2026

Advertisement

ފަސްޓްލޭޑީ ސާޖިދާގެ އާމްދަނީއާ ގުޅުވާ މެމްބަރު އައްބާސް ހެދި ދޮގު ފަޅާއެރުމުން ޕޯސްޓް ފޮހެލައިފި

19 މޭ 2026

|

އައިމިނަތު ޝަފާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން މެމްބަރު އައްބާސް.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދަށް، ސިއްހަތާ ބެހޭ ވުޒާރާގެ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން ލިބިވަޑައިގެންނެވި އާމްދަނީއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ހެއްދެވި އިތުރުފުޅު ފަޅާއެރުމާއެކު "އެކްސް" ޕްލެޓްފޯމުން  ޕޯސްޓް ފޮހެލައިފި އެވެ.

މެންބަރު އައްބާސް ކުރިން ކުރެއްވި ޕޯސްޓުގައި ވިދާޅުވި ފަސްޓްލޭޑީއަށް ސިއްހަތާ ބެހޭ ވުޒާރާގެ ކޮންސަލްޓަންޓެއްގެ ގޮތުން ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި ފަސް މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. 

ނަމަވެސް އިއްޔެ އާއްމުކުރެއްވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މާލީ ބަޔާނާއެކު މެމްބަރު އައްބާސް ހެއްދެވީ އިތުރުފުޅެއްކަން ވަނީ ހާމަވެފަ އެވެ. 

ރައީސް މުއިއްޒުގެ މާލީ ބަޔާނުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާއަށް ސިއްހަތާ ބެހޭ ވުޒާރާގެ ކޮންސަލްޓަންޓެއްގެ ގޮތުގައި ހުންނަވައިގެން ލިބިވަޑައިގެންނެވިކަމަށް އޮތީ ޖުމްލަ 4,927.32 (ހަތަރު ހާސް ނުވަސަތޭކަ ހަތާވީސް ރުފިޔާ ބައްތިރިސް ލާރި) އެވެ. މިއީ މަހަކު ގާތްގަނޑަަކަށް 820 ރުފިޔާ އެވެ. އަދި ހަ މަހުން ބަލާނަމަ 4،927 ރުފިޔާ އެވެ. 

ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުން މެމްބަރު އައްބާސްއަށް އަމާޒުވުމުން އޭނާ ވަނީ ކުރިން ކުރެއްވި ޕޯސްޓު "އެކްސް"އިން ފޮހެލާފަ އެވެ. 

މިކަމާ ގުޅިގެން މެމްބަރު އައްބާސް އަށް ފާޑުކިޔުން އަމާޒުވެފައިވާއިރު، ރައީސް މުއިއްޒާއި އެމަނިކުފާނުގެ އާއިލާއަށް ނިސްބަތްކޮށް މިފަހުން އިދިކޮޅު ފަރާތްތަކުން އަންނަނީ ސާބިތުނުހިފޭ ގިނަ ވާހަކަތަކެއް ފަތުރަމުން ނެވެ. 

ކިޔުންތެރިންގެ ހިޔާލު