ENGLISH
19 މޭ 2026
"ކުރިން ރޭވުންތެރިކަމެއް ނެތް، 24 ގަޑިއިރު ކަރަންޓް ފޯރުކޮށްދެން ކުރަންޖެހޭ މަސައްކަތް ގިނަ"
19 މޭ 2026
|
24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން.
އެންމެ މަޤްބޫލު
ރާއްޖެއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މީގެ ކުރީގެ ސަރުކާރުންތަކުން ކޮށްފައިވަނީ ރޭވުންތެރިކަމެއްނެތް މަސައްކަތްތަކެއްކަމަށާއި ވުމާއެކު ރަށްރަށަށް 24 ގަޑިއިރު ކަރަންޓް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް އަދިވެސް ވަރަށް ގިނަ ކަމަށް މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާ ބެހޭ ވުޒާރާގެ ޑިރެކްޓާ ޖެނެރަލް އަހްމަދު އަލީ ވިދާޅުވެއްޖެ އެވެ.
އަހްމަދު އަލީ މިފަދައިން ވިދާޅުވީ ވުޒާރާއިން ކުރަމުންގެންދާ އެންމެ ފަހުގެ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެކި ރަށްރަށުގައި ކުރެވިފައި ހުރި އިންވެސްޓްމަންޓްތަކަކީ، އެވަގުތެއްގައި ހާލަތު އޮތްގޮތަކަށް ބަލައި ކުރެވިފައި ހުރި އިންވެސްޓްމަންޓްތައް ކަމުން، އެކި ރަށްރަށުގައި އެޅިފައިވާ ޑިސްޓްރިބިއުޝަން ނެޓްވޯކްތަކުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާކަމަށެވެ. އަޅާފައިހުރި ކޭބަލް ތަކަކީ އެކި ސައިޒުތަކުގެ އަދި އެކި އުމުރުތަކުގެ ކޭބަލްތައްކަމަށް ވުމުން ބައެއް ރަށްރަށުގެ ޑިސްޓްރިބިއުޝަން ލޮސް 20 އިންސައްތައިގައި ވެސް ހުންނަކަމަށް ވިދާޅުވި އެވެ.
"އެއްވެސްކަހަލަ ރޭވުންތެރިކަމެއް ނެތި އެކިއިރަށް އެކި ބޭނުމަކަށް ބަލާފަ ގާއިމްކޮށްފަ ހުރި ސިސްޓަމްތަައް. އެހެންވީމަ ރަށްރަށުގަ މިހުރީ، އެކި ސައިޒުގެ ކޭބަލްތަކާއި، އެކި ސައިޒުގެ ޖެނެރޭޓަރުތައް. ވަރަށް އިންއެފިޝިއެންޓްކޮށް އޮޕަރޭޓްކުރާކަމަށް އަޅުގަނޑުމެން ބެލިބެލުމުންވެސް އަދި ޔޫޓިލިޓީ ކުންފުނިތަކުންވެސް މައުލޫމާތު ދީފައިވޭ. ޑިސްޓްރިބިއުޝަން ލޮސް ބައެއް ރަށްރަށުގައި 20 އިންސައްތައިގައިވެސް އެބަހުރި. އެކަމަކު ގަވާއިދު ތަންދެނީ ފަސް އިންސައްތަ އާއި ހަމައަށް،". އަހުމަދު އަލީ ވިދާޅުވި އެވެ.
އަހްމަދު އަލީ ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި މެދުކެނޑުމެއް ނެތި 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ފާއިތުވީ ދެ އަހަރު ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އެގޮތުން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ޖުމްލަ 115 މެގަވޮޓް ކެޕޭސިޓީ ހިމެނޭ 157 ޖަނަރޭޓަރު އެކި ރަށްރަށުގައި ބަހައްޓާފައިވާކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން އެކި ރަށްރަށުގެ ތަރައްގީއާއެކު އިތުރުވަމުންދާ ޑިމާންޑާއި އެއްވަރަށް ހިދުމަތް ފޯރުކޮށްދިނުމަށް މުޅިން އައު ހަ އިންޖީނުގެއެއް އިމާރާތް ކުރެވިފައިވާނެކަމަށާއި، އިގްތިސާދީ ކުރިއެރުމާއި، އުމްރާނީ ތަރައްގީ އަދި ދިރިއުޅުމުގެ ފެންވަރު މަތިވުމުގެ ސަބަބުން އިތުރުވާނެ ޑިމާންޑަށް ބަލައި، އިތުރު 48 އިންޖީނުގެއެއް އިމާރާތްކުރުމަށް ރޭވިފައިވާކަމަށް ވެސް އަހުމަދު އަލީ ވިދާޅުވި އެވެ.