ENGLISH
19 މޭ 2026
މިދިޔަ އަހަރު ތެލަށް 10 ބިލިއަން ރުފިޔާ ހަރަދުވި: ތިމާވެއްޓާ ބެހޭ ވުޒާރާ
19 މޭ 2026
|
ދިޔަ އަހަރު އެކަނިވެސް ތެޔޮ އެތެރެކުރުމަށް 10 ބިލިއަން ރުފިޔާ ހަރަދުވިކަމަށް ވުޒާރާއިން ބުނޭ. ފޮޓޯ؛މިހާރު
އެންމެ މަޤްބޫލު
މިދިޔަ އަހަރު އެކަނިވެސް ތެޔޮ އެތެރެކުރުމަށް 10 ބިލިއަން ރުފިޔާ ހަރަދުވިކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
މިއަދު ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ޑިރެކްޓާ ޖެނެރަލް އަހުމަދު އަލީ ވިދާޅުވީ ރާއްޖެއަކީ ހަކަތަ އުފެއްދުމަށް މުޅިން ތެލަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު މިދިޔަ އަހަރު އެކަނިވެސް ތެޔޮ އެތެރެކުރުމަށް 10 ބިލިއަން ރުފިޔާ ހަރަދުވިކަމަށެވެ. އެއީ ޖީޑީޕީގެ 10 އިންސައްތަކަން އަހުމަދު އަލީ ފާހަގަކުރެއްވި އެވެ.
މިއީ ރަށްރަށުގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގޭނެހާ ފައިސާކަމަށް އަހުމަދު އަލީ ވިދާޅުވި އެވެ.
ރާއްޖެ ތެލަށް ބަރޯސާވެފައިވާ މިންވަރު ބޮޑުކަމުން ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ކޮންމެ ލޮޅުމެއްގެ އަސަރު ރާއްޖެއަށް ކުރާކަމަށް ވިދާޅުވި އެވެ.
ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި 2023 ވަނަ އަހަރު ކުރިއަށްދިޔަ ކޮޕް28 ގެ ބައްދަލުވުމުގައި ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އުފައްދައިދޭނެ އިއާދަކުރަނިވި ހަކަތައިގެ ނިޒާމެއް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ގާއިމުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ. އެކަމަށް އިޝާރާތް ކުރައްވައި އަހުމަދު އަލީ ވިދާޅުވީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރެވޭނީ ރާއްޖެއިން ލިބެންހުރި އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށް، ހަކަތަ އިސްރާފުކުރުން ކުޑަކޮށްގެން ކަމަށެވެ.
އެގޮތުން 2024-2029 އަށް ހަކަތައިގެ ސިޔާސަތުތަކާއި އިސްތިރާޖީތައް ކަނޑައަޅައި، އަދި މި އަމާޒަށް ވާސިލުވުމަށް މަގުޗާޓެއް ވެސް އެކުލަވާފައިވާނެ ކަމަށް އަހުމަދު އަލީ ވިދާޅުވި އެވެ.
އިޔާދަކުރަނިވި ހަތަކަތައިގެ ޖުމްލަ އިންސްޓޯލް ކެޕޭސިޓީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި 53 މެގަވޮޓުން 110 މެގަވޮޓަށް އިތުރުކުރެވިފައިވާކަމަށާއި، އަދި 101 ރަށެއްގައި ޖުމްލަ 164 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އެކި މަރުހަލާގައި ކުރިއަށްދާކަމަށް ވިދާޅުވި އެވެ. މި ރަށްރަށުގައި ޖުމްލަ 158 މެގަވޮޓް ބެޓެރި އެނާޖީ ސްޓޯރޭޖް ގާއިމުކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާކަން އަހުމަދު އަލީ ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އުފައްދައިދޭނެ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމެއް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ގާއިމުކުރުމަށް އަމާޒު ހިފާފައިވާއިރު މި އަމާޒަށް ވާސިލުވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ.