ENGLISH
18 މޭ 2026
ނިމުނު އަހަރު އިގުތިސާދީ ކުރިއެރުމުގައި އިމާރާތްކުރުމުގެ ދާއިރާގެ ހިއްސާ 3.7 އިންސައްތަ އިތުރުވި
18 މޭ 2026
|
އިމާރާތްކުރުމުގެ ދާއިރާއަށް 2025 ވަނަ އަހަރު ބޮޑު ކުރިއެރުމެއް ލިބުނު، ފޮޓޯ: ފަރުދުން
އެންމެ މަޤްބޫލު
ފާއިތުވި 2025 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުމުގައި އިމާރާތްކުރުމުގެ ދާއިރާއިން ހިއްސާވި މިންވަރު 3.7 އިންސައްތަ އިތުރުވެފައިވާކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އަހަރީ ރިޕޯޓުން ހާމަަވެއްޖެއެވެ.
އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި 2024 ވަނަ އަހަރު އިމާރާތްކުރުމުގެ ސިނާއަތުން ގައުމީ އުފެއްދުންތެރިކަމަށް އަގު އިތުރުކުރި މިންވަރު 1.7 އިންސައްތަ ދަށްވިއެވެ. އެހެންކަމުން 2025 ވަނަ އަހަރުގައި އެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިފައިވެއެވެ.
މަރުކަޒީ ބޭންކުގެ ހިސާބުތަކަށް ބަލާއިރު، ރިއަލް އެސްޓޭޓު ވިޔަފާރިތައް 2025 ވަނަ އަހަރު 3.1 އިންސައްތައިން ފުޅާވިއެވެ. އޭގެ ކުރީ އަހަރު އެ ދާއިރާއަށް 5.3 އިންސައްތަައިގެ ކުރިއެރުމެއް ލިބިފައިވެއެވެ. 2025 ވަނަ އަހަރު އިމާރާތްކުރުމާއި ރިއަލްއެސްޓޭޓު ދާއިރާގެ އެކި ހަރަކާތްތައް އިތުރުވިއެވެ.
އިމާރާތްކުރުމުގެ ސިނާއަތުގެ ހަރަކާތްތައް އިތުރުވިކަމުގެ އެންމެ ބޮޑު ދަލީލެއްގެ ގޮތުގައި އެމްއެމްއޭއިން ފާހަގަކުރީ އެ ދާއިރާއާ ގުޅުންހުރި މުދާ އެތެރެކުރި މިންވަރު 11 އިންސައްތަ އިތުރުވިއެވެ. އޭގެ ކުރީ އަހަރުގައި އެ ދާއިރާގެ މުދާ އެތެރެކުރި މިންވަރު ހަތް އިންސައްތަ ދަށްވިއެވެ.
އޭގެ އިތުރަށް އެމްއެމްއޭއިން ފާހަގަކުރި ގޮތުގައި އިމާރާތްކުރުމުގެ ދާއިރާއަށް ވިޔަފާރި ބޭންކުތަކުން ދޫކުރި ލޯނުތަކުގެ އަދަދު އިތުރުވިއެވެ. މިއީ އެކި ސިނާއަތްތަކުގެ ހަރަކާތްތެރިކަން އިތުރުވާ މިންވަރު ވަޒަންކުރުމަށް ބޭނުންކުރާ މުހިއްމު މިންގަނޑެކެވެ.
އެ މިންގަނޑަށް ބަލާއިރު 2025 ވަނަ އަހަރު ބޭންކުތަކުން އިމާރާތްކުރުމުގެ ސިނާއަތަށް ދޫކުރި ލޯނުގެ މިންވަރު އަހަރުން އަހަރަށް 13 އިންސައްތަ އިތުރިވިއެވެ. ބޭންކުތަކުން އިމާރާތްކުރުމަށް ދޫކުރި ލޯނު އިތުރުވީ ރިސޯޓު ތަރައްގީކުރުމަށާއި، ގެދޮރު އެޅުމަށް ދޫކުރި ލޯނުތައް އިތުރުވުމުގެ ސަބަބުންނެވެ.
އޭގެ އިތުރަށް ރިސޯޓު މަރާމާތުކުރުމަށާއި ގެސްޓުހައުސް އެޅުމަށާއި، މީހުން ދިރިއުޅޭ ގެދޮރު ބިނާކުރުމަށާއި ވިޔަފާރި އިމާރާތްތައް އެޅުމަށް ބޭނުންވާ ލޯނުތައް ބޭންކުތަކުން ދޫކުރި މިންވަރު އިތުރުވެފައިވާކަން އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.