ENGLISH
18 މޭ 2026
ގާނޫނު އެކުލަވައިލިއިރު ކައުންސިލުތައް ތަސައްވުރުކުރީ ސަރުކާރަށް އެހީތެރިވާ މަދަދުވެރިންތަކެއްގެ ގޮތުގައި: ނަރީޝް
18 މޭ 2026
|
ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަހްމަދު ނަރީޝް، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ލާމަރުކަޒީ ގާނޫނު އެކުލަވައިލާ ރަށްރަށުގެ ކަންކަން ނިންމުމުގައި ކައުންސިލުތަކެއްގެ ދައުރު އޮންނަ ގޮތަށް ހަމަޖެއްސިއިރު ގާނޫނު އެކުލަވައިލެއްވި ބޭފުޅުން ތަސައްވުރުކުރެއްވި ކައުންސިލުތަކަކީ ސަރުކާރަށް އެހީތެރިވެ މަދަދުވެރިވާ ބައެއްކަމަށް ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަހްމަދު ނަރީޝް ވިިދާޅުވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރުގެ މަގާމު ކުރިން އަދާކުރެއްވި ނަރީޝް އެމްއެމްޓީވީގެ "ބޮޑު ހަބަރު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ވިދާޅުވީ، ކައުންސިލުތަކުން ސަރުކާރު ޖަވާބުދާރީކުރުވުމަކީ ގާނޫނުގެ އެއްވެސް ހިސާބެއްގަައި އޮތް ކަމެއް ނޫންކަމަށާއި، އެއީ ގާނޫނު އެކުލަވައިލި މަރުހަލާގައި ރައްޔިތުންގެ މަޖިލީހުގައި ހިނގި ބަހުސްތަކަށް ބަލާއިރު މެންބަރުން ތަސައްވުރު ކުރެއްވި ކަމެއްވެސް ނޫން ކަމަށެވެ.
އިތުރަށް ނަރީޝު ވިދާޅުވީ ކައުންސިލުތައް އެކުލަވައިލާފައިވަނީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ސަރުކާރު ހިންގާ ބާރުގެ ފަށަލައެއްގެ ގޮތުގައި ކަމަށެވެ. އަދި ކައުންސިލުތަކުގެ މައިގަނޑު ދައުރަކީ ސަރުކާރުން ރަށްރަށުގައި ކުރާ މަސައްކަތްތަކާއި ހިންގާ މަޝްރޫއުތަކުގައި ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލުވުން ބޭއްވުމާއި ރައްޔިތުންގެ ފަރާތުން ހިޔާލުތައް ހޯދައިދިނުން ކަމަށެވެ.
"އެއްވެސް އިރެއްގައި ގާނޫނުގެ އެއްވެސް ތަނެއްގައި ލިޔެފައި އޮތް ތަނެއް އަޅުގަނޑުމެންނެއް ނުދެކެން އަދި ދިވެހިރާއްޖޭގެ އެއްވެސް ގާނޫނީ ބޭފުޅެއްވެސް (ދެކެވަޑައިނުގަންނަވާ) އަދި ލާމަރުކަޒީ ގާނޫނު ގާނޫނަކަަށް ހެދުމަށް މަޖިލީހުގެ ތެރޭގައި ކުރެވުނު ބަހުސްތަކުގައި މަޖިލީހުގެ މެންބަރުންވެސް ތަސައްވުރުކުރެއްވި ގޮތެއް ނޫން، ސަރުކާރު ޖަވާބުދާރީކޮށް ސަރުކާރާ ދެކޮޅަށް ގަރާރު ނެރެ، ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ ކައުންސިލުތަކެއްގެ ގޮތުގައި އިންތިހާބުކުރާ ކައުންސިލުތަކެއްގެ ގޮތުގައެއް،" ނަރީޝް ވިދާޅުވިއެވެ.
ނަރީޝް ވިދާޅުވި ގޮތުގައި ގާނޫނު އެކުލަވައިލި މަރުހަލާގައި ކައުންސިލުތައް ތަސައްވުރުކުރެވިފައި އޮތީ ރައްޔިތުންގެ ފަރާތުން ސަރުކާރުގެ މަސައްކަތްތަކަށް އެހީތެރިވެ، ސަރުކާރުން ކުރާ މަސައްކަތްތަކަށް ފަސޭހަކޮށްދީ ރައްޔިތުންގެ ހިޔާލާއި ބައިވެރިވުން އެކަންކަމުގައި އޮންނަކަން ކަށަވަރުކުރާ މަދަދުވެރިންގެ ދައުރު އަދާކުރާ ބައެއްގެ ގޮތުގައ ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ ރައްޔިތުން ބޭނުންވަނީ އެ ރައްޔިތުން ދިރިއުޅޭ ރަށްރަށުގައި ސަރުކާރުން ފަށާފައި ހުރި ތަރައްގީގެ މަޝްރޫއުތައް މަޑުނުޖެހި ކުރިއަށްގެންދެވި އެ މަޝްރޫއުތައް ނިމިގެންދިއުން ކަމަށެވެ. އެހެންކަމުން ރައްޔިތުން ބޭނުންވާނީ އަލަށް އިންތިހާބުވެ މަގާމުތަކާ ހަވާލުވި ހުރިހާ ކައުންސިލަރުންނަކީ އެމަގުން މަސައްކަތްކުރައްވައި ސަރުކާރަށް މަދަދުވެރިވެވަޑައިގަންނަވާނެ ބޭފުޅުންނަށް ވެވަޑައިގަތުމަކީ ރައްޔިތުން ބޭނުންވާނެ ގޮތް ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ހިތުން ހާއްސަކޮށް އެމްޑީޕީގެ ކައުންސިލުތައް އިންތިހާބުވި ރަށްރަށުގެ ރައްޔިތުންވެސް އެދޭނެހެނެއް ސަރުކާރަށް ޖެއްސުންކޮށް ތަރައްގީގެ މަޝްރޫއުތައް ހުއްޓުވައި އެ ރަށެއްގެ ކައުންސިލުތަކުން ދޭންޖެހޭ ހުއްދަތައް ނުދީ ހިފަހައްޓާ ގޮތަށް ކަންކަން ތަރުތީބުކުރާކަށް ހިތްވަރުދޭނެ ރައްޔިތުންތަކެއް ދިރިއުޅޭނެ ކަމުގައި އަޅުގަނޑު ނުދެކެން،" ނަރީޝް ވިދާޅުވިއެވެ.
ނަރީޝު ވިދާޅުވީ ސިޔާސީ މަސްރަހު ހޫނުވެގެންދާއިރު ރައްޔިތުންގެ މަސްލަހަތުތަކަށްވުރެ ޕާޓީތަކުގެ މަސްލަހަތުތައް އިސްކޮށް ޕާޓީން ބޭނުންވާ ގޮތަށް ސިޔާސީ ނަތީޖާނެރެ، ކަންކަން ނުކުރެވެނީ ސަރުކާރާހުރެކަން ދައްކައިދިނުމަށް ބައެއް ކައުންސިލުތަކުން ސަރުކާރަށް ހުރަސްއަޅާ ކަމަށެވެ. އަދި އެގޮތަށް ކަންކަން ކުރުމުގެ ސަބަބުން ސަރުކާރަށް ސިޔާސީ ގޮތުން އަގެއް އަދާކުރަންޖެހުނު ނަަމަވެސް އެ މަޝްރޫއުތައް ލަސްވުމުގެ ހަގީގީ ގެއްލުން ލިބެނީ އެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަަށް އޭނާ ވިދާޅުވިއެވެ.
އަލަށް ކައުންސިލުތަކަށް އިންތިހާބުވެވަޑައިގެންނެވި އަދި މަގާމުތަކާ އިއްޔެ ހަވާލުވެވަޑައިގެންނެވި ކައުންސިލަރުންނަށް ނަރީޝް އިލްތިމާސްކުރެއްވި ރަށްރަށުގެ ރައްޔިތުންގެ މަސްލަހަތުގެ ކުރިއަށް ޕާޓީތަކުގެ މަސްލަހަތުތައް އިސްނުކުރައްވައި ސަރުކާރަށް އެއްބާރުލުންދެއްވައި އެހީތެރިވެވަޑައިގަތުމަށެވެ.