ENGLISH
18 މޭ 2026
ޖުލައި މަހާ ހަމައަށް ފުރިހަމަ ވަސީލަތްތަކާއެކު އައު 55 ކައުންސިލު އިމާރާތް ނިމިގެންދާނެ
18 މޭ 2026
|
ހަންޏާމީދޫ ކައުންސިލު އިމާރާތް ރައީސް ހުޅުވައިދެއްވަނީ، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރެއްވިއިރު ކައުންސިލަރުންގެ ފަރާތުން އެމަނިކުފާނާ ހަމައަށް އަައި އެންމެ ބޮޑު ޝަކުވާކަމަށްވާ އިމާރާތާއި ޖާގައިގެ މައްސަލަތައް ހައްލުކުރެއްވުމަށް ފެއްޓެވި މަޝްރޫއުގެ ދަށުން އަންނަ ޖުލައި މަހާ ހަމައަށް 55 ކައުންސިލެއްގެ އިމާރާތް ނިންމައި އަލަށް މަގާމާ ހަވާލުވި ކައުންސިލަރުންނަށް އެ އިމާރާތްތައް ބޭނުންކުރެވޭނެ މަގުފަހިވާނެ ކަމުގައި ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓު މިނިސްޓަރު އަދި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުހީ ވިދާޅުވެއްޖެއެވެ.
ކައުންސިލުތަކަށް މަދަދުވެރިވެ، ކައުންސިލުތަކުގެ ހިންގުމުގައި ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށް ރައީސް އުފެއްދެވި ސިޓީތަކާއި އިދާރީ ހިންގުމާއި އާއްމު ހިދުމަތްތަކާ ބެހޭ ވުޒާރާ އުވައިލެއްވުމާ ހަމައަށް އެ ވުޒާރާގައި މަސައްކަތްކުރެއްވި ފަތުހީ އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ވިދާޅުވީ ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވައި އެ ކައުންސިލުތަކަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތަކާއި ދަތިތަތައް ރައީސް ޑރ.މުޢިއްޒު އަމިއްލަފުޅަށް އޮޅުންފިލުއްވި ކަމަށެވެ.
ފަތުހީ ވިދާޅުވި ގޮތުގައި ރައީސް ރަށްރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ކައުންސިލަރުން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެއްވީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ބޭނުންކުރަން ހުރި އިމާރާތްތައް ބާވެފައި ހުރުމާއި، އެކަށީގެންވާ ވަސީލަތާއި ޖާގަ ނެތުން ކަމަށެވެ. އިތުރަށް އޭނާ ފާހަގަކުރެއްވީ އެބައެއްގެ ބަނޑުން ލާމަރުކަޒީ ނިޒާމު އުފަންކުރެއްވިކަމަށް ވިދާޅުވާ ބޭފުޅުންނަށް ވެރިކަން ކުރައްވަން ލިބިވަޑައިގަތް ފުރުސަތުގައި މި މައްސަލަަ ހައްލުކުރެއްވުމަށް ކުރެއްވި މަސައްކަތެއް ނެތް ކަމަށެވެ.
ނަމަވެސް ރައީސް ޑރ.މުޢިއްޒު ކައުންސިލަރުންގެ އަޑުއައްސަވައި، އެ ބޭފުޅުންނަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތައް ހައްލުކުރެއްވުމުގެ ގައުމީ މަޝްރޫއެއް ފެއްޓެވި ކަމަށް ފަތުހީ ވިދާޅުވިއެވެ. އެ މަސައްކަތްޕުޅުގެ ތެރޭގައި ކައުންސިލުތަކުގެ އިމާރާތްތައް ތަރައްގީކޮށްދެއްވުމާއި، އާމްދަނީ ލިބޭނެ އިތުރު ވަސީލަތްތަައް ފަހިކޮށްދެއްވުމާއި، ރަށްރަށުގެ އިހުތިސާސުގެ ތެރެއަށް ފަޅުރަށާއި ފަޅުތައް ހިމެނުއްވުން ފަދަ އެތައް ކަމެއް ހިމެނޭކަން ފާހަގަކުރެއްވިއެވެ.
"މި ދައުރު ފެށިގެން ލާމަރުކަޒީ ނިޒާމުގެ ފަސްވަނަ ދައުރު ފެށިގެން ހުވައިކުރެއްވި ކައުންސިލަރުންނަށް ވަރަށް ފުރިހަމަ އޮފީސް އިމާރާތްތަކެއް ވަރަށް އަވަހަށް ލިބިގެންދާނެ. މިއީ މި ރާއްޖޭގައި ލާމަރުކަޒީ ނިޒާމު އެބައެއްގެ ބަނޑުން އުފަންކުރިކަމަށް ބުނެ ވަކާލާތުކުރި މީހުންނަށް ކުރެވިފައި އޮތް ކަމެއް ނޫން. މިއާއެކު ކައުންސިލުތަކަށް އާމްދަނީ ލިބޭނެ ގޮތްތައް ފަހިކުރެއްވުމާއި، ބްލޮކް ގްރާންޓުގެ ދާއިރާ ފުޅާކުރެއްވުމާއި، މިހެން ގޮސް ކައުންސިލުތަކަށް ދިމާވެފައި ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ގައުމީ މަޝްރޫއުތަކެއް އެކުލަވައިލެވިގެން ނަތީޖާ ހޯދައިދެވުނު ޒައާމަތެއް ނެތް،" ފަތުހީ ވިދާޅުވިއެވެ.
މި އަހަރުގެ ޖުލައި މަހާ ހަމައަށް 55 ކައުންސިލު އިމާރާތް އަލަށް ހިދުމަތަށް ނެރެވޭނެކަން ފާހަގަކުރައްވައި ފަތުހީ ވިދާޅުވީ އެއީ ހަމައެކަނި ފުރާޅެއް ނުވަތަ އޮނިގަނޑުތަކެއް ނޫންކަމަށާއި، އެތަންތަނުގައި ކައުންސިލުތަކުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭން ބޭނުންވާ ހުރިހާ ވަސީލަތްތަކެއް އެކަށީގެންވާ މިންވަރަށް ގާއިމުކުރެވިފައި ހުންނާނެ ކަމަށެވެ.
ފަތުހީ ފާހަގަކުރެއްވި ގޮތުގައި ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމަކީ އަލަށް މި ސަރުކާރުން ކުރި ކަމެއް ނޫން ކަމަށެވެ. މި ނިޒާމަށް ބަދަލުތައް ގެނައުމީ އައު ކަމެއް ނޫންކަން ފާހަގަކުރައްވައި ފަތުހީ ފާހަގަކުރެއްވީ ރައީސް ޑރ.މުއިއްޒުގެ ޒައާމަތުގައި ގެންނެވި ބަދަލުތަކަކީ ފުޅާ ދާއިރާއެއްގައި ކައުންސިލަރުންނާ މަޝްވަރާކުރައްވައި، އެ ބޭފުޅުންގެ ހިޔާލު ހޯއްދަވައިގެން ގެންނެވި ބަދަލުތަކެއް ކަމަށެވެ.
އެގޮތުން ރައީސް 1،900 ކައުންސިލަރުންނާ ބައްދަލުކުރައްވަައި 600 އެތައް ހުށަހެޅުމެއް ކައުންސިލުތަކުން އެމަނިކުފާނާ ހިއްސާކުރެއްވިކަމަށާއި، އެމަނިކުފާނުގެ ޒައާމަތުގައި ގެންނެވި އިސްލާހުތަކަކީ އެ ހުށަހެޅުންތަކަށް ބިނާކުރައްވައި ގެންނެވި އިސްލާހުތަކެއް ކަމުގައި ރައީސް ވިދާޅުވިއެވެ.