ENGLISH

18 މޭ 2026

Advertisement

މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ސްޓްރީޓް ސޮކަރ މުބާރާތެއް ބާއްވައިފި

18 މޭ 2026

|

އިސްމާއިލް ޝާހު

މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ކުރިއަށްގެންދިޔަ ސްޓްރީޓް ސޮކަރ މުބާރާތުގެ ތެރެއިން --- ފޮޓޯ: ހައި ކޮމިޝަން

ހައި ކޮމިޝަނަރސް ކަޕުގެ ދަށުން "ސްޓްރީޓް ސޮކަރ" ގެ ނަމުގައި އެއް ދުވަހުގެ މުބާރާތެއް މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުގައި ބާއްވައިފިއެވެ.

"ހައި ކޮމިޝަނަރސް ކަޕް" އަކީ މެލެޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުގެ ދަށުން ގާއިމުކުރެވިފައިވާ މޯލްޑިވްސް ސެންޓަރގެ ފަރާތުން އިސްނަގައިގެން 2025 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ ކުޅިވަރު މުބާރާތެކެވެ. މި ސިލްސިލާގެ ދަށުން ބޭއްވި ފުރަތަމަ މުބާރާތް ކަމަށްވާ "ބެޑްމިންޓަން އެޑިޝަން" ބޭއްވީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. ސްޓްރީޓް ސޮކަރ މުބާރާތަކީ "ހައި ކޮމިޝަނަރސް ކަޕް" ގެ ދަށުން މި އަހަރު ބޭއްވި ފުރަތަމަ މުބާރާތެވެ. އަދި ކުރިއަށް އޮތް ތަނުގައ ިމި ސިލްސިލާގެ ދަށުން ތަފާތު ކުޅިވަރު މުބާރާތްތައް މެލޭޝިއާގައި ބޭއްވުމަށް ރޭވިފައިވާ ކަމަށް ހައި ކޮމިޝަނުން މައުލޫމާތުދެއެވެ.

މި މަހުގެ 16 ވަނަ ދުވަހު ބޭއްވި ސްޓްރީޓް ސޮކަރ މުބާރާތުގައި މެލޭޝިއާގައި ދިރިއުޅޭ ފަރާތްތަކާއި، ގިނަ އަދަދެއްގެ ކިޔަވާ ކުދީން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގައި 9 ޓީމެއް ވާދަކުރިއިރު، މުޅި ޖުމްލަ 40 މެޗު ވަނީ ކުޅެފައެވެ.

މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ކުރިއަށްގެންދިޔަ ސްޓްރީޓް ސޮކަރ މުބާރާތުގެ ތެރެއިން --- ފޮޓޯ: ހައި ކޮމިޝަން

މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު، ޑރ. މަރިޔަމް ޝަީބނާ އަޙްމަދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކުޅިވަރަކީ އެކަކު އަނެކަކަށް އެހީތެރިވުމާއި، ގުޅުން ބަދަހިކޮށް، އެކުވެރިކަން ދަމަހައްޓަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި މިފަދަ މުބާރާތްތަކުގެ ތެރެއިން މެލޭޝިއާގައި ދިރިއުޅޭ ދިވެހި ކޮމިއުނިޓީގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެކަކު އަނެކަކަށް އަޅާލާ މުޖުތަމައެއް އުފެދިގެން ދިއުމަކީ އެކަމަނާގެ ވަރަށް ބޮޑު އުއްމީދެއް ކަމުގައިވެސް ވިދާޅުވިއެވެ. މީގެ އިތުރުން، ކުޅިވަރުގެ މައިދާނުގައިވެސް ދިވެހިރާއްޖެ ތަމްސީލުކޮށް، ދިވެހިންގެ ރީތި އާދަކާދަ ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗައް ސަފީރު އަލިއަޅުވާލެއްވިއެވެ.   

މި މުބާރާތް ބޭއްވުމުގައި ދިވެހިރާއްޖޭގެ ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިން ކަމަށް ހައި ކޮމިޝަނުން މައުލޫމާތުދެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ހެޔޮއެދޭ ބައެއް ފަރާތްތަކުން މި މުބާރާތް ބޭއްވުމުގައި ހައިކޮމިޝަނަށް އެހީވެފައިވާ ކަމަށްވެސް މައުލޫމާތުދެއެވެ. އަދި މެލޭޝިއާގެ ސަންވޭ މެޑިކަލް ސެންޓަރުގެ ފާރާތުން މުބާރާތް ހިނގަމުންދިޔަ ވަގުތު ޕެރަމެޑިކްސް އަދި މެޑިކަލް އެމްިބއުލެންސްއެއްގެ އިންތިޒާމު ހަމަޖެއްސިކަން އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ތައްޓާއި އިނާމު ދެއްވ ީސަފީރު ޑރ. މަރިޔަމް ޝަީބނާ އަޙްމަދެވެ. އަދި މުބާރާތުގެ އެހެނިހެން ވަނަތަކަށް ދިޔަ ފަރާތްތަކަށް ތައްޓާއި އިނާމު ދެއްވީ ހައި ކޮމިޝަނުގެ މުވައްޒަފުންނެވެ. މެލޭޝިއާގައި ދިރިއުޅޭ ދިވެހި ކޮމިއުނިޓީގެ ވަރަށް ހޫނު ތަރުހީބެއް މި މުބާރާތައް ލިބުނު ކަމަށް ހައި ކޮމިޝަނުން މައުލޫމާތުދެއެވެ.  

ކިޔުންތެރިންގެ ހިޔާލު