ENGLISH

18 މޭ 2026

Advertisement

ވޭޕް ބޭނުންކުރުމުގެ ސަބަބުން ދަރިފުޅު މަރުވުމުން، އޭގެ ބިރުވެރިކަމުގެ އިންޒާރު ދިނީ ބައްޕަ

18 މޭ 2026

|

އާމިނަތު ނުޒްލާ

ޓޮމީ ހަބީބު އަދި ދަރިފުޅު ތޯމަސް ހަބީބު-- ފޮޓޯ: ޕީޕަލް.ކޮމް

އެމެރިކާގެ ޖޯޖިއާގެ ހޮޝްޓަންއަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ ތޯމަސް ހަބީބް، ނުރައްކާތެރި މަސްތުވާއެއްޗެއް ކަމަށްވާ ފެންޓަނީލް އެކުލެވޭ ވޭޕެއް ބޭނުންކުރުމުގެ ސަބަބުން މަރުވުމާ ގުޅިގެން، އޭނާގެ ބައްޕަ މުޖުތަމައަށް ބޮޑު އިންޒާރެއް ދީފި އެވެ.

2025ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ހެނދުނު ތޯމަސް މަރުވެފައި އޮއްވާ ފެނުނީ އޭނާގެ މަންމަ އޭނާއަށް ގޮވަން ދިޔަ ވަގުތު އެވެ. އޮޓޮޕްސީ ރިޕޯޓުން ދެއްކި ގޮތުގައި ތޯމަސް މަރުވީ ފެންޓަނީލް އޯވަޑޯޒް ވެގެންނެވެ.

ތޯމަސްގެ ބައްޕަ، ޓޮމީ ހަބީބް ބުނި ގޮތުގައި އޭނާގެ ދަރިފުޅަކީ ވަރަށް ހިތްހެޔޮ، މީހުންނަށް އެހީތެރިވުމަށް ލޯބިކުރި ކުއްޖެކެވެ. ނޯތު ޖޯޖިއާ ކޮލެޖުގައި ފައިނޭންސްގެ ދާއިރާއިން ކިޔަވަމުންދިޔަ ތޯމަސް، ހައިސްކޫލް ދުވަސްވަރު މަސްތުވާތަކެތީގެ މައްސަލަތަކެއް ކުރިމަތިވި ނަމަވެސް، ފަހުން އެކަމުން ސަލާމަތްވެ ހުރީ ރަނގަޅު މަގުގައިކަމަށް އޭނާގެ ބައްޕަ ބުނެފައިވެ އެވެ. އެހެންނަމަވެސް، ތޯމަސްގެ ބައްޕަ ބުނީ އެ ދުވަސްވަރު ތޯމަސް ދިޔައީ އާދަޔާ ހިލާފަށް ގިނައިން ވޭޕް ބޭނުންކުރަމުން ކަމަށެވެ. އޭގެ ތެރޭގައި "ޓީ.އެޗް.ސީ" އެކުލެވޭ ވޭޕްތައްވެސް ތޯމަސް ބޭނުންކުރާ ކަމަށް އޭނަގެ ބައްޕަ ބުނެފައިވެ އެވެ.  

ޓޮމީ ގަބޫލުކުރާ ގޮތުގައި އޭނާގެ ދަރިފުޅު ގަސްތުގައި ފެންޓަނީލް ބޭނުމެއް ނުކުރާނެ އެވެ. ސަބަބެއްކަމަށް އޭނާ ބުނެފައިވަނީ ފެންޓަނީލްގެ ނުރައްކާތެރިކަން ތޯމަސްއަށް އެނގޭތީ އެވެ. އަދި އޭގެ ސަބަބުން ތޯމަސްގެ ބައެއް ރައްޓެހިން މަރުވެފައިވާތީ އެވެ. ޓޮމީ ތުހުމަތު ކުރަނީ، ތޯމަސް ބޭނުންކުރި ވޭޕަށް މީހަކު ގަސްތުގައި ފެންޓަނީލް އަޅާފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ވާހަކަދައްކަމުން ޓޮމީ ބުނީ، އުމުރުން 21 އަހަރު ނުފުރޭ ކުދިންނަށް ފިހާރަތަކުންނާއި މަގުމަތިން ވަރަށް ފަސޭހައިން ވޭޕް ލިބެން ހުންނަ ކަމަށެވެ. އަދި މިފަދަ މައްސަލަތައް ތަހުގީގުކުރުމަކީ "ވިނަގަނޑެއްގެ ތެރެއިން ކައްޓެއް ހޯދުން" ކަހަލަ އުނދަގޫ ކަމެއް ކަމަށް ތަހުގީގު ކުރާ ފަރާތްތަކުން ބުނާ ކަމަށްވެސް އޭނާ ފާހަގަކުރި އެވެ.

ޓޮނީ ބުނީ، ދަރިއަކު ވަކިވުމުން ލިބޭ ހިތާމައަކީ ބަޔާންކުރަން ދަތި ހިތާމައެއް ކަމަށެވެ. އޭނާގެ ދަރިފުޅުގެ ވާހަކަ އޭނާ ހިއްސާކުރުމުގެ ބޭނުމަކީ އޭނާ އެއްވެސް މީހަކަށް ނުވަތަ ބެލެނިވެރިއަކަށް އެ ހިތާމަ ލިބުމަށް ނޭދޭތީކަމަށް ޓޮމީ ބުންޏެވެ. ޓޮމީގެ އިލްތިމާސްއަކީ ބެލެނިވެރިން މިކަމަށް ބޮޑަށް ހޭލުންތެރިވެ، މިފަދަ ތަކެތި ކޮންޓްރޯލް ކުރުމަށް ގާނޫނީ ހުރަސްތައް އެޅުމަށް ވަކާލާތު ކުރުމެވެ.

ތޯމަސްގެ ހަނދާނުގައި އޭނާގެ އާއިލާއިން ވަނީ ޔުނިވަރސިޓީ އޮފް ޖޯޖިއާ މެދުވެރިކޮށް "ތޯމަސް ހަބީބް IV ވެލްނެސް އެންޑް ހެލްތު މެމޯރިއަލް އެންޑޯމަންޓް" ގެ ނަމުގައި ހިލޭސާބަހަށް މަސައްކަތްކުރާ ފަންޑެއް ގާއިމުކޮށްފަ އެވެ. ތޯމަސްގެ ބައްޕަ ބުނީ، މި ފަންޑުގެ މަގްސަދަކީ ނޯތު ޖޯޖިއާ ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

ވޭޕް ބޭނުންކުރާ މީހުން އިތުރުވަމުންދިއުމަކީ މުޅި ދުނިޔެއަށް ދިމާވެފައިވާ ބޮޑު ބިރުވެރިކަމެކެވެ. އެގޮތުން 2019 ވަނަ އަހަރު ހެދުނު ގްލޯބަލް ޔޫތު ޓޮބެކޯ ސާވޭއިން ދައްކާ ގޮތުގައި 13 އަހަރާއި 15 އަހަރާ ދެމެދުގެ ދިވެހި ފިރިހެން ކުދިންގެ ތެރެއިން 23.1 އިންސައްތަ އަދި އަންހެން ކުދިންގެ ތެރެއިން 10.7 އިންސައްތަ ކުދިން ވަނީ އީ-ސިގިރެޓް ބޭނުންކޮށްފަ އެވެ.

ދުންފަތާ ދެކޮޅަށް ދިވެހި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމާއި، ދުންފަތް ވިއްކާ އަގު ބޮޑުކުރުމާއި ދުންފަތުގެ ބާވަތްތަކަށް ވާޞިލުވެވޭނެ މަގުތައް ހަނިކުރުން ހިމެނެ އެވެ. ދުންފަތުން ލިބޭ ގެންލުންތަކަށް ހޭލުންތެރިކޮށް އެކަން ހުއްޓާލުމަށް އެހީތެރިވެދޭނެ ހިލޭ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޞިއްޙީ މަރުކަޒުތަކުގައި ވަނީ ގާއިމުކުރެވިފަ އެވެ.

މީގެ އިތުރުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ގެނައި މުހިންމު އިޞްލާޙުތައް ރައީސް ތަޞްދީޤުކުރެއްވުމާއި ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ސަރަހައްދުތައް އިތުރުކުރުމާއި، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕާއި އެފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީއާއި އާލާތްތަކެއް، ރާއްޖެ އެތެރެކުރުމާއި ގެންގުޅުން މަނާކުރުންފަދަ ކަންކަން ހިމެނެއެވެ. އަދި ދުންފަތުގެ ބާވަތްތައް ގަނެވިއްކުމުގެ ޤާނޫނީ އުމުރުފުރާ، 21 އަހަރަށް އިތުރުކުރެއްވުމާއި، ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުމާއި ސްޕޮންސަރކުރުން، މަނާކުރުންވެސް ހިމެނެ އެވެ.

މީގެ އިތުރުން ރާއްޖޭގައި ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް ޖަނަވަރީ 1، 2007 އިން ފެށިގެން އުފަންވެފައިވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހިމެނޭގޮތަށް "ޖެނެރޭޝަނަލް ބޭން" އަށް އަމަލު ކުރަން ފަށާފައިވަނީ ނޮވެމްބަރ 1 ، 2025 ގަ އެވެ. 

ކިޔުންތެރިންގެ ހިޔާލު