ENGLISH
02 ޖޫން 2025
އިންޑިއާ އިން ޗެމްޕިއަންސް ޓްރޮފީގެ މެޗުތައް ކުޅޭނީ ނިއުޓްރަލް ދަނޑެއްގައި
20 ޑިސެމްބަރު 2024
|
އިންޑިއާގެ ކެޕްޓަން، ރޯހިތު ޝަރްމާ (ވ) އާއި ޕާކިސްތާނުގެ ކުރީގެ ކެޕްޓަން، ބާބަރް އާޒަމް. --ފޮޓޯ: ގެޓީ އިމޭޖަސް
ޗެމްޕިއަންސް ޓްރޮފީގައި އިންޑިއާ ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް ކުޅޭނީ ނިއުޓްރަލް ދަނޑެއްގައި ކަމަށް އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ބުނެފިއެވެ.
އަންނަ އަހަރުގެ ފެބުރުއަރީ އާއި މާރޗް މަހުގެ ތެރޭގައި ޕާކިސްތާންގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މެޗުތަކަށް އެ ގައުމަށް ދަތުރުނުކުރާނެކަން މާކުރިން ވެސް އިންޑިއާ އިން ވަނީ އައިސީސީ އަށް އަންގާފައެވެ.
އައިސީސީގެ ބަޔާނުގައި ވަނީ، 2024 އިން 2027 އާ ދެމެދު ޕާކިސްތާނާއި އިންޑިއާ އިން ބައިވެރިވެގެން ބާއްވާ އައިސީސީގެ ކޮންމެ މުބާރާތެއްގައި އެ ދެ ޓީމު ކުޅޭ މެޗުތައް ކުރިއަށްގެންދާނީ ނިއުޓްރަލް ދަނޑެއްގައި ކަމަށެވެ.
މީގެތެރޭގައި، ޗެމްޕިއަންސް ޓްރޮފީގެ އިތުރުން އަންނަ އަހަރު އިންޑިއާގައި ބާއްވާ ވިމެންސް ވޯލްޑް ކަޕާއި، އިންޑިއާ އަދި ސްރީ ލަންކާގައި ކުޅުމަށް ހަމަޖެހިފައިވާ 2026 ވަނަ އަހަރުގެ ޓީ20 ވޯލްޑް ކަޕް ހިމެނެއެވެ.
އިންޑިއާ އާއި ޕާކިސްތާން ދެމެދުގައި އޮތް ސިޔާސީ ހަމަނުޖެހުމުގެ ސަބަބުން 2013 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިއިރު ބޮޑެތި މުބާރާތްތަކުގައި މި ދެ ޓީމު މެޗެއް ކުޅެފައެއް ނުވެއެވެ. އަދި، 2008 ވަނަ އަހަރުގެ ފަހުން ޕާކިސްތާނުގައި އެ ޓީމާ ދެކޮޅަށް އިންޑިއާ އިން ކުޅެފައެއް ވެސް ނުވެއެވެ.
އަންނަ އަހަރު ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޗެމްޕިއަންސް ޓްރޮފީގައި ވާދަކުރާ ޤައުމުތަކުގެ ތެރޭގައި، ޔޫއޭއީގެ އިތުރުން، އަފްޣާނިސްތާން، އޮސްޓްރޭލިއާ، ބަންގްލަދޭޝް، އިނގިރޭސިވިލާތް، އިންޑިއާ، ނިއުޒީލަންޑް އަދި ދެކުނު އެފްރިކާ ހިމެނެއެވެ.
ކުރިއަށް އޮތް ޗެމްޕިއަންސް ޓްރޮފީ އަކީ 1996 ވަނަ އަހަރުގެ ފަހުން ޕާކިސްތާންގައި ބާއްވާ ފުރަތަމަ ގްލޯބަލް އިވެންޓެވެ.