ENGLISH
17 މޭ 2026
ގްރީން ސްޓްރީޓްސްގެ ކޯޗުކަމުން ނިސްތާރު ވަކިވެއްޖެ
17 މޭ 2026
|
ކުލަބު ގްރީން ސްޓްރީޓްސްގެ ކޯޗުގެ މަގާމުން ވަކިވި އަލީ ނިސްތާރު މުޙައްމަދު --- ފޮޓޯ: އެފްއޭއެމް
އެންމެ މަޤްބޫލު
ކުލަބު ގްރީން ސްޓްރީޓްސްގެ ކޯޗުގެ މަގާމުން އަލީ ނިސްތާރު މުޙައްމަދު ވަކިވެއްޖެއެވެ.
2020 ވަނަ އަހަރު ގްރީން ސްޓްރީޓްސްއާ ހަވާލުވި ނިސްތާރު، ހަ އަހަރަށްފަހު އެ ޓީމުގެ ކޯޗުގެ މަގާމުން ވަކިވިކަން އިއުލާންކުރީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ.
ދިވެހި ޕްރިމިއަރ ލީގުގައި އއ. މާޅޮހާއި ށ. ފޯކައިދޫ ޓީމަށްވެސް މީގެ ކުރިން އިރުޝާދު ދީފައިވާ ނިސްތާރު ވަނީ ގްރީން ސްޓްރީޓްސްގައި ރަނގަޅު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އޭނާގެ އިރުޝާދުގެ ދަށުން ދެ ސީޒަނެއްގައި ދިވެހި ޕްރިމިއަރ ލީގުގެ ގަދަ ހަތަރު ޓީމުގެ ތެެރޭގައި ގްރީން ސްޓްރީޓްސް ހިމެނުނުއިރު، އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުގެ ތިންވަނަ އެ ޓީމުން ވަނީ ހޯދާފައެވެ.
އެކަމަކު މި ސީޒަނުގެ އަށްވަނައަށް ގްރީން ސްޓްރީޓްސް ދިޔުމާއެކު، އެ ޓީމު ދެން ޖެހޭނީ ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފިކޭޝަނުގައި ކުޅޭށެވެ. ކޮލިފިކޭޝަނުގައި ދެން ވާދަކުރާނީ ދިވެހި ޕްރިމިއަރ ލީގުގެ ހަތްވަނައަށް ދިޔަ ޓީސީ ސްޕޯޓްސް ކުލަބާއި، ނޯތު ރީޖަން ލީގުގެ ޗެމްޕިއަން ހއ. ދިއްދޫގެ އިތުރުން، މާލެ ރީޖަން ލީގުގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކުލަބާއި، ސެންޓްރަލް ރީޖަން ލީގާއި، ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ޓީމުތަކެވެ.
ހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއަރ ލީގު ކޮލިފިކޭޝަންގެ ގަދަ ހަތަރު ޓީމަށް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ޖާގަ ލިބިގެންދާނެއެވެ.