ENGLISH

17 މޭ 2026

Advertisement

ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯގައި ބައިވެރިވެ، ދިވެހި ރަހަތައް ދުނިޔޭގެ ބާޒާރަށް

17 މޭ 2026

|

މުޙައްމަދު އަދުހަމް

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އިން "ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯ 2026" ގައި ބައިވެރިވެ، ދިވެހި ރަހަތައް ދުނިޔޭގެ ބާޒާރުގައި އިޝްތިހާރު ކުރުމުގެ މުހިއްމު ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.

އިނގިރޭސިވިލާތުގެ ނިއުޕޯޓްގައި ހުންނަ އިންޓަރނޭޝަނަލް ކޮންވެންޝަން ސެންޓަރ ވޭލްސްގައި މި އެކްސްޕޯ ކުރިއަށް ދާނީ މޭ މަހުގެ 16 އިން 19 ގެ ނިޔަލަށެވެ.

ބައިނަލްއަޤުވާމީ ފެންވަރުގައި ކުރިއަށްދާ މި ބޮޑު ހަރަކާތުގެ ތެރެއިން "ދަ ސަނީ ސައިޑް އޮފް ލައިފް" ގެ މުއްސަނދި ކާބޯތަކެތީގެ ސަގާފަތާއި، ކެއުންބުއިމުގެ ތަފާތު ތަޖުރިބާތައް ދުނިޔޭގެ މާކެޓްތަކަށް ދައްކާލައި، ބައިނަލްއަޤުވާމީ ބާޒާރުގައި ދިވެހިރާއްޖޭގެ މަޤުބޫލުކަން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތް ކުރެވޭނެ އެވެ.

ވޯލްޑްޝެފްސް ކޮންގްރެސް އަކީ ދުނިޔޭގެ މަޝްހޫރު ޝެފުންނާއި، ގޭސްޓްރޮނޮމީ ދާއިރާގެ ތަޖުރިބާކާރުންނާއި، ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އިސް ފަރާތްތައް އެއްތަންވާ މުހިންމު ޕްލެޓްފޯމެކެވެ. 2026 ވަނަ އަހަރުގެ އެކްސްޕޯގައި މަތީ ފަންތީގެ މުބާރާތްތަކާއި، ފަންނީ މަޝްވަރާތަކުގެ އިތުރުން ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ލިބިގެންދާނެއެވެ. މިއީ ދުނިޔޭގެ ކާބޯތަކެތީގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކާއެކު ބައިނަލްއަގުވާމީ ގުޅުންތައް ޤާއިމުކޮށް، އައު ވިޔަފާރީގެ ފުރުސަތުތައް ހޯދުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ.

މި ހަރަކާތުގެ ސަބަބުން ބައިނަލްއަޤުވާމީ ކާބޯތަކެތީގެ ޖަމުޢިއްޔާތަކާއި، މަޝްހޫރު ޝެފުންނާއި، ހޮސްޕިޓާލިޓީ ދާއިރާގެ އިސް ފަރާތްތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް މަގުފަހިވާނެއެވެ. އަދި މުހިއްމު މާކެޓްތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އެހީތެރިވެދޭނެއެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ މީޑިއާތަކާއި ނޫސްތަކުގެ ސަމާލުކަން ރާއްޖެއަށް ހޯދުމަށް މިއީ ލިބޭ ރަނގަޅު ފުރުޞަތެކެވެ.

ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހިންގެ ސަގާފީ ކެއުންތައް ތައްޔާރުކުރާ ގޮތް ވަގުތުން ބަލާލުމުގެ ފުރުޞަތު ލިބޭނެ އެވެ. މީގެއިތުރުން، ވިޔަފާރިވެރިންނާއި ފަންނީ ބޭފުޅުންނާއެކު ބައްދަލުވުންތައް ބޭއްވުމާއި، ރާއްޖޭގެ ކެއުންތަކާ ބެހޭ މަޢުލޫމާތު ހިމެނޭ ފޮތްތަކާއި ލީފްލެޓް ފަދަ ތަކެތި ބެހުން ކުރިއަށްދާނެ އެވެ.

މި އެކްސްޕޯގައި ވިޒިޓް މޯލްޑިވްސްގެ ބެނާގެ ދަށުން، ބައިވެރިވާ ފަރާތްތަކާއި ޝެފުންނާއި، ތަޢުލީމީ ދާއިރާގެ ބޭފުޅުންނާއި، އެފް.އެންޑް.ބީ (ކާބޯތަކެތީގެ ޚިދުމަތްދޭ) ދާއިރާގެ އިސްވެރިންނާއި، މީޑިއާ ފަރާތްތަކާ ބައްދަލުކުރާނެ އެވެ. މި ހަރަކާތުން ލިބޭ މަޢުލޫމާތުތަކުގެ އެހީގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރަށް އަންނަ ބަދަލުތަކާ އެއްގޮތަށް ރާއްޖޭގެ މާކެޓިންގ ސްޓްރެޓެޖީތައް ބައްޓަންކުރުމަށް ފަސޭހަވެގެންދާނެ އެވެ.

"ވޯލްޑްޝެފްސް ކޮންގްރެސް 2026" ގައި ބައިވެރިވުމަކީ ރާއްޖޭގެ ފަތުރުވެރިކަން ފުޅާކޮށް ތަފާތު ތަޖުރިބާތައް އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސް އިން ގެންގުޅޭ ސިޔާސަތުގެ ދަށުން، ކުރެވޭ މުހިއްމު މަސައްކަތެކެވެ. ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ ބައިނަލްއަގުވާމީ ބާޒާރުގައި ރާއްޖޭގެ މަޤާމު ވަރުގަދަކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ދެމެހެއްޓެނިވި ކުރިއެރުން ހޯދައިދިނުމެވެ.

ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ ދިވެހި ސަގާފީ ރަހަތަކާއި، ދުނިޔޭގެ ފެންވަރުގެ ރިސޯޓުތަކުން ލިބޭ މަތީ ފަންތީގެ ކެއުންބުއިމުގެ ތަޖުރިބާތައް ދައްކާލައި، ގޭސްޓްރޮނޮމީގެ ރޮނގުން ހާއްސަ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމެވެ. ރާއްޖޭގެ ރަށްތަކުގެ ގުދުރަތީ ރީތިކަމާއި ސަގާފީ އާދަކާދަތަކުގެ މައްޗަށް ބިނާވެފައިވާ ކެއުންތަކުގެ އިތުރުން، ލަގްޒަރީ ރިސޯޓުތަކުގެ ފުރިހަމަ ޚިދުމަތްތައް ހާމަކޮށްދިނުމަކީ މި ދަތުރުގެ މުހިންމު ބަޔެކެވެ.

ކިޔުންތެރިންގެ ހިޔާލު