ENGLISH

17 މޭ 2026

Advertisement

ފިއްލަދޫން ތާރީޚީ މަންޒަރެއް: ކައުންސިލް ރައީސަށް ހުވާލައިދެއްވީ އޭނާގެ އަނބިކަނބަލުން

17 މޭ 2026

|

އަޙުމަދު ޙަމީދު

ފިއްލަދޫ ކައުންސިލަށް އަލަށް އިންތިޚާބުވީ ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުން އިޤްރާރުވުމުގެ ދަރުބާރު --

  • ހއ. ފިއްލަދޫން - އަހްމަދު ޙަމީދު އާދަމް

މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އާދަމް ޝަމީމް ބިން އިބްރާހިމްގެ އަރިހުގައި ދަޢުވަތުގެ ދަތުރެއްގައި ހއ. ފިއްލަދޫއަށް އަޅުގަނޑު ދިޔައީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނެވެ. ރާއްޖޭގެ އެންމެ ބިން ބޮޑު ރަށްތަކުގެ ތެރޭގައި ހިމެނޭ ފިއްލަދޫއަކީ ގުދުރަތީ ރީތިކަމާއި މުއްސަދިކަން އިންތިހާއަށް ލިބިފައިވާ ރަށެކެވެ.

އެ ރަށުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޕްރަގްރާާމްތައް ހުކުރު އަދި ހޮނިހިރު ދުވާހައި އާދިއްތަ ދުވަހުގެ ހެނދުނު ކުރިއަށް ގެންގޮސް ނިންމައިލީމެވެ. އޭރު އަޅުގަނޑާއި ޑރ. ޝަމީމަށް ރަށު ކައުންސިލުން ދަޢުވަތެއް އައިސް އޮތެވެ. އެއީ ފިއްލަދޫ ކައުންސިލަށް އަލަށް އިންތިޚާބުވީ ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުން އިޤްރާރުވުމުގެ ދަރުބާރަށް ދިއުމަށް ލިބިފައިވާ ދައުވަތެވެ.

ކައުންސިލްގެ ރައީސް ކަމުގެ ހުވާކުރެއްވުމަށް ފަހު އިޤްރާރުގައި ސޮއިކުރައްވަނީ --

އަޅުގަނޑުމެން ތިބުމާއި ކެއިން ބުއިމުގެ އިންތިޒާމުތައް ހަމަޖެހިފައި އޮތީ މި ރަށު "ދޫރެސް" ގޭގަ އެވެ. މިއަދުގެ ހުވައިކުރުމުގެ ރަސްމިއްޔާތަށް އެންމެ ބޮޑު ތައްޔާރީއެއް ވާތީވެސް ފެނުނީ އެގޭގެ ތެރެއިންނެވެ. ފިއްލަދޫ ކައުންސިލްގެ އައު ރައީސަކީ އެގެއަށް ނިސްބަތްވާ މުހައްމަދު ހާމިދު އެވެ.

އޭރުވެސް ގޭތެރޭގައި އެންމެ ހަރުއަޑުން ދައްކާތީ އިވޭ އެއް ވާހަކައަކީ މިއަދަކީ އެރަށާއި މުޅި ރާއްޖެއަށްވެސް ވަރަށް ތާރީޚީ ދުވަހަކަށް ވާނެ ވާހަކަ އެވެ. ހަޤީޤަތުގައިވެސް މިއަދަކީ ވަރަށް ތާރީޚީ ދުވަހެކެވެ. ފިއްލަދޫން ފެނުނީ ވަރަށް ވެސް ތާރީޚީ އެހާމެ ތަފާތު މަންޒަރެކެވެ.

ފިއްލަދޫ ކައުންސިލްގެ ރައީސް ކަމުގެ ހުވާ، މުޙައްމަދު ޙާމިދު ކުރެއްވިއިރު އޭނާއަށް ހުވާލައިދެއްވީ އޭނާގެ އަނބިކަނބަލުން އައިޝަތު ފަރީދާ އެވެ. އައިޝަތު ފަރީދާއަކީ ފިއްލަދޫ ކޯޓްގެ އިސް މެޖިސްޓްރޭޓެވެ.

ފިއްލަދޫ ކައުންސިލަށް އަލަށް އިންތިޚާބުވީ ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުން އިޤްރާރުވުމުގެ ދަރުބާރު -- 

އެހެން ކަމުން މިއަދުގެ ރަސްމިއްޔާތުގައި އަލަށް އިންތިޚާބުވީ ބޭފުޅުންނަށް ހުވާލައިދެއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ފިއްލަދޫ އިސް މެޖިސްޓްރޭޓްގެ މަޤާމާއި ހަވާލުވެވަޑައިގެންނެވި އައިޝަތު ފަރީދާ އެވެ.

މިއީ ރާއްޖޭގެ ތާރީޚުގައި މިފަދަ މަންޒަރެއް ފެނުނު ފުރަތަމަ ފަހަރެވެ. ފަހަރުގައި ދުނިޔޭގެ ފެންވަރުގައިވެސް މިއީ ތާރީޚީ ކަމަކަށް ވެދާނެ އެވެ. މުޅި ރާއްޖޭގައި މިއަދު އޮތީ ރަށްރަށާއި ސިޓީތަކަށް އަލަށް އިންތިޚާބުވީ ކައުންސިލަރުންނާއި މޭޔަރުން ހުވާކުރެއްވުމާއި ރަށްރަށާއި ސިޓީތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުން އިޤްރާރުވުމުގެ ދަރުބާރުތަކެވެ. 

އެކަމަކު އެ ހުރިހާ ދަރުބާރުތަކެއްގެ ތެރެއިން ފިއްލަދޫގައި މިއަދު އޮތް މިދަރުބާރު، ތާރީޚުން ޖާގަ ހޯދަނީ އެ ރަށު ކައުންސިލްގެ ރައީސަށް އޭނާގެ އަނބިކަނބަލުން ހުވާލައިދެއްވުމުންނެވެ. ޤައުމީ ދިދަތަކުން ޖަރީކޮށް ރަތްދޫލަ އަޅާފައިވާ މި ދަރުބާރަށް ހާޒިރުވި މި ރަށުގެ ހުރިހާ ރައްޔިތުންވެސް ނުހަނު އުފަލާއެކު ދެއްކި އެއް ވާހަކައަކީ މިއީ އެވެ.

މުޙައްމަދު ޙާމިދު އާއި އައިޝަތު ފަރީދާ އަކީ ވެސް ޝަރީއާ އެންޑް ލޯ އިން ޑިގްރީ ހާސިލުކުރައްވާފައިވާ ޢިލްމީގޮތުން ފާހަގަކޮށްލެވޭ ދެ ބޭފުޅުންނެވެ. އެ ދެމަފިރީންގެ ތިން ކުދީން ތިބިއިރު ދިރިއުޅުން ބިނާކޮށްފައި ވަނީ ހިތްހެޔޮ ރައްޔިތެއް ދިރިއުޅޭ ފިއްލަދޫގަ އެވެ.

ފިއްލަދޫ ކައުންސިލަށް އަލަށް އިންތިޚާބުވީ ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުން އިޤްރާރުވުމުގެ ދަރުބާރަށް ފަހު ހާމިދުއާ ފަރީދާ ފޮޓޯއަކަށް ހުއްޓިގެން --

ފިއްލަދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް ހާމިދު، ވަޑައިގެންނެވީ ރަށަށް އިޖްތިމާއީ ގޮތުންނާއި އިޤްތިސާދީ ގޮތުން މުހިންމު ހެޔޮ ބަދަލުތަކެއް ގެނެސްދެއްވުމުގެ ވަރުގަދަ އަޒުމުގަ އެވެ. ކެމްޕެއިންގައި ހާމިދުގެ ޓީމުން ހިއްސާކުރި ސިޔާސަތުތައް އެ ރަށުގެ ރައްޔިތުން ފުރިހަމައަށް ބަލައިގަތެވެ. ނަތީޖާއެއްގެ ގޮތުން ފިއްލަދޫ ކައުންސިލްގެ ހުރިހާ ގޮނޑިއަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ތިން ގޮނޑިވެސް ދީފައިވަނީ ސަރުކާރު ހިންގާ ޕާޓީ -- ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށެވެ. މިއީވެސް އެރަށަށް ތާރީޚީ ކަމެކެވެ. 

މިއީ ފިއްލަދޫގެ ހުރިހާ ގޮނޑިތަކެއް އެއް ޕާޓީއަކުން ހޯދި ފުރަތަމަ ފަހަރެވެ.

އިންތިޚާބުގައި ޙާމިދު ވަނީ 382 ވޯޓް ހޯއްދަވާފަ އެވެ. ރައްޔިތުން ކުރެއްވި ބޮޑު އިތުބާރާއެކު ޙާމިދު، މަޤާމުގެ މަސްއޫލިއްޔަތާއި މިއަދު ހަވާލުވެވަޑައިގެންނެވީ ފިއްލަދޫއަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަމާ އެކު އެވެ. ފިއްލަދޫ ހިމެނޭ ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުﷲ ޝަރީފަކީ ފިއްލަދޫގެ ފަޚުރުވެރި ދަރިއެކެވެ. އެއީ ފިއްލަދޫއަށް އައު ޒަމާނެއް ގެނައުމަށް ޙާމިދު ފެއްޓެވި ދަތުރަަށް އޮތް އެންމެ ބޮޑު އިތުބާރެވެ.

އެ އިތުބާރު ދެއްވުމުގެ ގޮތުން ފިއްލަދޫއަށް ވަޑައިގެން މެންބަރު އަބްދުﷲ ޝަރީފް މިއަދު ވަނީ މި ތާރީޚީ ދަރުބާރުގައި ބައިވެރިވެވަޑައިގެންފަ އެވެ.

ކިޔުންތެރިންގެ ހިޔާލު