ENGLISH
17 މޭ 2026
އެމްޑީޕީގެ ވެރިކަމުގައި ކައުންސިލަރުން ހުވާކުރަން ޖެހުނީ ގޭބަންދުގައި ތިބެގެން: މެންބަރު ޝުޖާއު
17 މޭ 2026
|
ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު
އެންމެ މަޤްބޫލު
އެމްޑީޕީގެ ވެރިކަމުގައި ކައުންސިލަރުން ހުވާކުރަން ޖެހުނީ ގޭބަންދުގައި ތިބެގެންކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިފަދައިން ވިދާޅުވީ ލޯކަލް ކައުންސިލްތަކަށް އިންތިހާބުވި މެންބަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް އިންތިޚާބުވި މެންބަރުން އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތުތައް ބާއްވަމުންދާ މި ދަނޑިވަޅާ ދިމާކޮށް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މީގެ ފަސް އަހަރު ކުރީގެ ހަނދާންތައް އައުކުރައްވަމުން މެމްބަރު ވިދާޅުވީ ކޮވިޑް ހުއްޖަތަކަށް ހަދައި އެމްޑީޕީން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ކޮންގްރެސް ޕާޓީގެ ކައުންސިލަރުންނަށް ހުވައިކުރައްވަން ޖެއްސެވީ ގޭބަންދުގައި ތިއްބަވައިގެން ކަމަށެވެ.
"ނަމަވެސް ކޮވިޑްގެ ނުރައްކާތެރި ހާލަތެއް އެއިރަކު ނެތެވެ. ފުރަތަމަ ދަރުބާރު ބާއްވަން ދަރުބާރުގެ ވެސް ހަމަޖެއްސެވި އެވެ. ފަހުން އެފުރުޞަތު ވެސް އެމްޑީޕީ ސަރުކާރުން ބަންދުކުރި އެވެ،". ޝުޖާއު ވިދާޅުވި އެވެ.
ނަމަވެސް މިއަދު އެމްޑީޕީގެ ކައުންސިލަރުންނާއި މޭޔަރު ހުވާކުރުމަށް ސަރުކާރުން ހުރަސްއަޅާފައިނުވާކަމަށާއި ކައުންސިލަރުންގެ ހުވާކުރުމުގެ ދަރުބާރު ބޭއްވުމަށް ރައީސް މުއިއްޒު ހާއްސަ އިސްކަމެއް ދެއްވިކަމަށް ޝުޖާއު ވިދާޅުވި އެވެ.
"މިއަދުގެ ރައީސަކީ އިއްޔެގެ މޭޔަރެވެ. ހުވާކުރަން ގޭގައި ޖެއްސެވި މޭޔަރެވެ. ތަފާތަކީ އެމޭޔަރުގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގައި މާލޭގެ ރައްޔިތުންގެ ނިންމެވުމަށް އިޚްތިރާމް ކުރައްވައި މިނިޒާމަށް ދެއްވި ޚާއްޞަ އިސްކަމެވެ. ސަރުކާރުގެ ބެލުމުގެ ދަށުގައި މިފަދަ ދަރުބާރުތައް ބޭއްވުމަށް ފުރަމާލޭގައި މިވަގުތު ހުރި އެންމެ ފުރިހަމަ އިމާރާތުގައި މިބޮޑު ދަރުބާރު ބޭއްވުމަށް ދެއްވި ޚާއްޞަ އިސްކަމެވެ،". ޝުޖާއު ވިދާޅުވި އެވެ.
މި ހުރިހާކަމަކަށް ބަލާއިރު ލާމަރުކަޒީ ނިޒާމުގެ ހަގީގީ ޗެމްޕިއަނަކީ ރައީސް މުއިއްޒުކަމަށް ވިދާޅުވެ ޝުޖާއު ވަނީ މާލޭގެ އައު ކައުންސިލަށް މަރުހަބާ ވިދާޅުވެފަ އެވެ.