ENGLISH

17 މޭ 2026

Advertisement

ބާވެ ހަލާކުވާ ނޫޓުތަކަށް މަރުކަޒީ ބޭންކުން ކުރަނީ ކޮން ކަމެއް!

17 މޭ 2026

|

އާމިނަތު ނުޒްލާ

ޝްރެޑް ކުރެވިފައިވާ ފައިސާތައް-- ފޮޓޯ: ވެކަޓީޒީ

ޝްރެޑެޑް ނުވަތަ ކުނޑިކޮށްފައިވާ ފައިސާގެ ނޫޓުތައް ބޭނުންކޮށްގެން ހަނދާނެއްގެ ގޮތުގައި ރައްކާކުރެވޭނެ ސުވެނިއަރ ފަރުމާކުރުމަށާއި އަސާސީ މާއްދާއެއްގެ ގޮތުގައި ކުނޑިކޮށްފައިވާ ނޫޓު ބޭނުންކޮށްގެން އާޓްވޯކް އުފެއްދުމުގެ މުބާރާތެއް ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އިއުލާނުކޮށްފި އެވެ.

މި މުބާރާތްތައް ސޯޝަލް މީޑިއާގެ މަންސަތަކުގައި އެ އޮތޯރިޓީން އިއުލާންކުރުމާއެކު، ބައެއް ފަރާތްތަކުން ކޮށްފައިވާ ކޮމެންޓުތަކުގައި ނޫޓު ހަލާކު ކުރަނީތޯ، ވީދައި ކުދިކުރުމަކީ މަނާކަމެއް ނޫންތޯ، މި ފަދަ ސުވާލުތަކެއް ކޮށްފައިވެ އެވެ.

އެހެންކަމުން، އާންމު ގޮތެއްގައި އެމްއެމްއޭއިން އެ އޮތޯރިޓީއަށް ލިބޭ ބާވެ ހަލާކުވާ ނޫޓުތަކާމެދު އަމަލުކުރާ ގޮތަށް ބަލައިލާނަމެވެ. ނޫޓު ވީދައި ކުނޑިކޮށް ނުވަތަ އެ ނޫން ވެސް ގެއްލުމެއް ނޫޓުތަކަށް ދީގެން ނުވާނެ އެވެ. އެއީ ކުށެކެވެ. ދެން އޮތީ މި މުބާރާތުގައި ބޭނުންކުރާ ކުނޑިކޮށްފައިވާ ފައިސާއާ ބެހޭ މައުލޫމާތެވެ. އެ ކުނޑިތައް އުފެދިގެން އަންނަ ގޮތުގެ ތަފްސީލަށް ބަލާލާނަމެވެ.

އެމްއެމްއޭ އިން ބުނީ، ބާވެ ހަލާކުވެފައިވާ ނޫޓުގެ އެތައް ނޫޓެއް ކޮންމެ އަހަރަކު ވެސް އެމްއެމްއޭއަށް ލިބޭކަމަށެވެ. ފާއިތުވި ދެ އަހަރަށް އެކަނި ބެލިޔަސް މި އަދަދު އެއް މިލިއަން ނޫޓަށް ވުރެ ގިނަކަމަށް ބުނެފައިވެ އެވެ. އެމްއެމްއޭގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، 938،033 ނޫޓު ކުނޑިކޮށްފައިވެ އެވެ. މިއީ އާންމު ވިޔަފާރީގެ ބޭނުމުގައި ބޭނުންކުރެވޭ ވަރަށް ވުރެ ބޮޑަށް ހަލާކުވެފައި ހުންނަ ނޫޓުތައް ކަމަށްވެސް އެމްއެމްއޭއިން ބުނެފައިވެ އެވެ. މީގެތެރޭގައި ކުލަ ކެހިފައި ނުވަތަ ކުލަ ފަނޑުވުމާއި، ވީދައިގެން ދިއުމުގެ އިތުރުން ބައެއް ފަހަރު އަނދާފައި ވެސް ހުންނަކަމަށްވެ އެވެ. ބައެއްފަހަރަށް ރުފިޔާ ހަލާކުވަނީ ޖީބަށް ލުމުގެ ސަބަބުންނާއި، ބޮނޑިކޮށްގެން ގެންގުޅުމުގެ ސަބަބުން ބޮޑަށް ރޫޖެހިގެންނެވެ. މި ފައިސާތަކުގެ ތެރޭގައި ހިމެނެނީ އޭޓީއެމް ގަބޫލުނުކުރާ ވަރަށް ހަލާކުވެފައި ހުންނަ ނޫޓުތަކެވެ.

މި ފަދަ އެތައް ނޫޓެއް ކޮންމެ ދުވަހަކު ވެސް އާންމުންނާއި ވިޔަފާރިވެރީން އަދި ބޭންކުތަކުން ވެސް އެމްއެމްއޭއަށް ގެންނަކަމަށް އެ އޮތޯރިޓީން ބުނެފައިވެ އެވެ. މިއިން ކޮންމެ ނޫޓަކަށް ބަދަލުދިނުމަށް ފަހު އެ ހަލާކުވެފައި ހުންނަ ފައިސާތައް އެމްއެމްއޭގައި ހުންނަ ނޫޓުގެ ފެންވަރު ޗެކުކުރާ މެޝިނަކަށް ލާކަމަށްވެ އެވެ. މި މެޝިނުން އެ ނޫޓުތައް ޗެކްކުރުމަށް ފަހު، އަލުން އަނބުރާ ބާޒާރަށް ނެރޭވަރަށް ވުރެ ފެންވަރު ދަށް ކަމަށް ކަނޑައަޅައި ވަގުތުން ކުނޑިކުރެވިގެންދާ ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.

އެމްއެމްއޭއިން އިއުލާންކޮށްފައިވާ މުބާރާތްތަކުގައި ސްވެނިއަރ އަދި އާޓްވޯކް އުފައްދާނީ މި ގޮތަށް ކުނޑިކުރެވޭ ފައިސާއިން އުފެދޭ ކުނޑީގަ އެވެ. އެއްގޮތަކަށް ވެސް އައު ނޫޓުތަކެއް ކުނޑިކޮށް ވީދައި ހަލާކުކޮށްގެންނެއް ނޫނެވެ.

މި މުބާރާތްތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަން ފުރަތަމަ ރަޖިސްޓަރީކުރަން ޖެހެ އެވެ. އެއަށްފަހު ހުށަހަޅާފައިވާ ޕްރޮޕޯސަލާއި ކޮންސެޕްޓްތަކަށް ބަލައި ޝޯޓްލިސްޓްކުރެވިގެންދާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ. އަދި ޝޯޓްލިސްޓްވާ ފަރާތްތަކަށް ޕްރޮޓޯޓައިޕް ހެދުމަށާއި އާޓްވޯކް އުފެއްދުމަށް އެ އޮންނަ އުސޫލެއްގެ ތެރެއިން ފައިސާ ނޫޓުގެ ކުނޑި ހަވާލުކުރެވޭނެ ކަމަށްވެސް އެމްއެމްއޭ އިން ބުނެފައިވެ އެވެ.

ސްވެނިއަރ ޑިޒައިން ކުރުމާއި އާޓްވޯކް، މި ދެ ކެޓަގަރީން ވެސް 1، 2 އަދި 3 ވަނައަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވެ އެވެ. މި މުބާރާތްތަކުގައި ބައިވެރިވުމަށް ރަޖިސްޓަރީ ވުމުގެ ސުންގަޑި މިހާރު ވަނީ 31 މޭ، 2026ގެ ނިޔަލަށް އިތުރުކޮށްފަ އެވެ.  

ކިޔުންތެރިންގެ ހިޔާލު