ENGLISH
17 މޭ 2026
އެސްޓީއޯގެ ހިއްސާދާރުންނަށް އިނާޔަތް ލިބޭ ލޯޔަލްޓީ ޕްރޮގްރާމެއް ފަށައިފި
17 މޭ 2026
|
އެސްޓީއޯ ލޯޔަލްޓޯ ޕްރޮގްރާމްގެ ކާޑުތައް-- ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން "މައި އެސްޓީއޯ ލޯޔަލްޓީ" ޕްރޮގްރާމް ލޯންޗްކޮށްފި އެވެ.
މި ޕްރޮގްރާމް ލޯންޗުކޮށްފައިވަނީ ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އިނާމު ޖަލްސާގެ ތެރެއިންނެވެ. މި ލޯޔަލްޓީ ޕްރޮގްރާމްގެ ހާއްސަ އިނާޔަތްތައް ދިނުމަށް ހަމަޖެހިފައިވަނީ މާލެ ސަރަހައްދުގެ އެސްޓީއޯގެ އައުޓްލެޓްތަކުން ވިޔަފާރި ކުރާ ފަރާތްތަކަށެވެ.
އެސްޓީއޯއިން ބުނީ، މި ޕްރޮގްރާމަކީ އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ ހިއްސާދާރުންގެ ފަރާތުން ހުށަހެޅި ކަންތައްތަކަށް ބަލައިގެން ފަރުމާކޮށްފައިވާ ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމްގައި އެންމެ ފުރަތަމަ ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ އެ ކުންފުނީގެ ހިއްސާދާރުން ކަމަށް އެސްޓީއޯ އިން ބުންޏެވެ. އެ ފަރާތްތަކަށް މި ޕްރޮގްރާމްގެ އެންމެ މަތީ ދަރަޖަ ކަމަށްވާ "ޕްލެޓިނަމް" ލޯޔަލްޓީގައި ރަޖިސްޓްރީ ކޮށްފައިވާކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ. އެގޮތުން ޝެއާހޯލްޑަރ ޕޯޓަލް މެދުވެރިކޮށް އެސްޓީއޯ ލޯޔަލްޓީ ކާޑަށް ހުށަހެޅުމުގެ ފުރުސަތު، އެ ކުންފުނީގެ ހިއްސާދާރުންނަށް ވަނީ ހުޅުވާލެވިފަ އެވެ.
އެސްޓީއޯ އިން ބުނީ، ލޯޔަލްޓީ ޕްރޮގްރާމް ބަހާލާފައިވަނީ ތިން ދަރަޖައަކަށް ކަމަށެވެ. އެއީ ސިލްވަ، ގޯލްޑް އަދި ޕްލެޓިނަމް ކަމަށެވެ. މިއިން ކޮންމެ ދަރަޖައަކުން ވެސް އެސްޓީއޯގެ ކަނޑައެޅޭ އައުޓްލެޓްތަކުން ވިޔަފާރިކޮށްގެން ޕޮއިންޓް ލިބޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
އެސްޓީއޯ އިން އިތުރަށް ބުނީ ވިޔަފާރިކުރާ މިންވަރުން ކާޑުގެ ދަރަޖަ މަތިވަމުން ދާނެ ކަމަށެވެ. ދަރަޖަތަކުގަ ޕޮއިންޓް ލިބޭ ނިސްބަތް ތަފާތުއިރު، ކޮންމެ ދަރަޖައަކުން ވެސް އެއްކުރެވޭ ޕޮއިންޓް ވިޔަފާރި ކުރުމުގައި ރިޑީމްކޮށް ނުވަތަ ފައިސާ ކުރާ މުޢަމާލާތައް އަގު ދެއްކުމަށް ބޭނުން ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.
ލޯޔަލްޓީ ޕްރޮގްރާމުގެ ކޮންމެ ކާޑެއްގައިވެސް 200 ޕޮއިންޓް ހަމަވުމުން ކާޑު ބޭނުންކޮށް ވިޔަފާރި މުޢާމަލާތްތަކަށް ފައިސާ ދެއްކުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށާއި އަދި ޕޮއިންޓްތައް ބޭނުންކުރުމަށް ދެ އަހަރުގެ މުއްދަތެއްވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ބުނެފައިވެ އެވެ.
އެސްޓީއޯ އިން ބުނީ، ލޯޔަލްޓީ ޕްރޮގްރާމުގެ ދަށުން އެންމެ ދަށް ދަރަޖައަށް އައުޓްލެޓްތަކުން ކުރާ މޫޢަމަލާތްތަކުން ލިބޭ ޕޮއިންޓް ގުނަ ނުކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް ގޯލްޑް ދަރަޖައިން މަތީގެ ކާޑުތަކުގައި ކޮންމެ މުޢާމަލާތްތަކަށް ލިބޭ ޕޮއިންޓް ގުނަ ކުރެވިގެންދާނެ ކަމަށެވެ. އަދި ގޯލްޑް ކާޑުތަކަށް 1.5 ނިސްބަތުން ޕޮއިންޓް ގުނަކުރާއިރު، ޕްލެޓިނަމް ކާޑުތަކަށް ލިބޭ ޕޮއިންޓް ދެ ގުނަ ވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ލޯޔަލްޓީ ކާޑު މެދުވެރިކޮށް ވިޔަފާރި ކުރެވޭ އައުޓްލެޓްތައް:
މިވަގުތު ލޯޔަލްޓީ ޕްރޮގްރާމުގައި ރަޖިސްޓްރީކޮށްފައި ވަނީ ވަކިވަކި ފަރުދުންގެ ގޮތުގައި ތިބި އެސްޓީއޯގެ ހިއްސާދާރުންކަމަށާއި، އެހެންނަމަވެސް ކުރިއަށް އޮތް ތަނުގައި ލޯޔަލްޓީ ޕްރޮގްރާމުގައި ބައިވެރިވުމަށް އާންމު ކަސްޓަމަރުންނަށް ހުޅުވާލާނެކަމަށް އެސްޓީއޯއިން ބުންޏެވެ.