ENGLISH
17 މޭ 2026
ގެގް އޯޑަރުގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
17 މޭ 2026
|
ހައިކޯޓް
އެންމެ މަޤްބޫލު
އަދަދު ނޫހުން ގެނައި ޑޮކިއުމެންޓަރީއަކާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރު ބާތިލުކުރުމަށް، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.
އަދަދު ނޫހުން، ހުތުރު އަދި ޙަޤީޤަތެއް ނެތް ވާހަކަތަކެއް ހިމަނާ ނެރެފައިވާ ވީޑިއޯ ޑޮކިއުމަންޓްރީއާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެެެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެ އެ ކޯޓުން ނެރުނު އަމުރުގައި ވަނީ އެ މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅަންދެން އަދަދުގެ ވީޑިއޯ ޑޮކިއުމަންޓްރީ މުޖްތަމަޢުގެ ތެރޭގައި ދައުރު ނުކުރުމަށް އަމުރުކޮށްފަ އެވެ.
މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓުން ނެރުނު މި އަމުރު އެމްޖޭއޭއިން ހައިކޯޓަށް ހުށަހެޅިއިރު މި މައްސަލައާ ގުޅިގެން ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައި ވަނީ ކްރިމިނަލް ކޯޓުގެ އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ތެރޭގައި އެމްޖޭއޭ ހިމެނޭކަން ހުށަހެޅިފައިވާ ލިއެކިޔުންތަކުން އެނގެން ނެތް ކަމަށެވެ.
އެމްޖޭއޭއަކީ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ފަރާތެއްކަމަށް ނުވާތީ، އެ އަމުރު އިސްތިއުނާފުކުރުމުގެ ޙައްޤު އެ ފަރާތަށް ލިބިގެންނުވާކަމަށް ބަލައި އެމްޖޭއޭއިން ހުށަހަޅާފައިވާ މި މައްސަލަ މި ކޯޓަށް ބަލައިގަނެވެން ނެތްކަމަށް ހައިކޯޓުން އަންގާފައިވެއެވެ.
ހައިކޯޓުގެ ރަޖިސްޓްރާ މިފަދައިން ނިންމި ނަމަވެސް ރަޖިސްޓްރާ ނިންމާ ނިންމުމަކާއި މެދު ހިތްހަމަނުޖެހޭ ނަމަ އެ ނިންމުމެއް ނިންމާ އެ ކަން އެ ފަރާތަކަށް އެންގި ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ ނިންމުމެއް އަލުން ބަލައިދިނުމަށް އެދި ހައިކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު އެ ނިންމުމާއި ގުޅުން ހުރި ކޮންމެ ފަރާތަކަށް ލިބިގެންވެއެވެ.
އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ގަޛްފުކުރުމުގެ ދައުވާ އުފުލާފައިވާއިރު އެ ދެ މީހުންގެ ޝަރީއަތް އިއްޔެ ކްރިމިނަލް ކޯޓުގައި ވަނީ ފަށާފަ އެވެ.
އަދި ކޯޓުގެ ހުރުމަތް ކެނޑުމުން އެ ނޫހުގެ ދެ ނޫސްވެރިންކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ވަނީ ޖަލަށް ލާފަ އެވެ.