ENGLISH

17 މޭ 2026

Advertisement

ބޮޑުތަކުރުފާނު މަގުގެ ތިން ސެގްމެންޓެއްގެ 347 މީޓަރު ޝީޓްޕައިލްކޮށްފި

17 މޭ 2026

|

ހަނާން އަހުމަދު ނައީމް

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުން- ފޮޓޯ: އެމްޓީސީސީ

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން ތިން ސެގްމެންޓެއްގެ 347 މީޓަރުގައި ޝީޓްޕައިލްކޮށް ނިންމާލައިފިއެވެ.

މިއީ ޝީޓްޕައިލް ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ 66 އިންސައްތައެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްގެންދަނީ ފޭސް 1 ގައި ހިމެނޭ 4 ސެގެމެންޓްގެ މަސައްކަތެވެ.

މި މަސައްކަތުގެ ތެރެއިން ތަރައްޤީކުރަނީ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް 700 މީޓަރުގެ ސަރަޙައްދެކެވެ.

އެމްޓީސީސީ އިން ބުނީ، މިހާރު ކުރިއަށްދާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ނަރުދަމާ ނިޒާމު އިތުރަށް ފުރިހަމަ ކުރުމާއި، ފެނާއި ނަރުދަމާގެ މައި ހޮޅިތައް އެޅުމާއި، ފެން ހިންދާ ކެޗްޕިޓްތަކާއި ވަޅުތައް ހެދުމުގެ އިތުރުން، އެންކަރ ބްލޮކްތަކާއި، ކީވޯލް ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

މަގު ތަރައްޤީކުރަމުން އަންނަ ސަރަހަދުގައި ތާރުއެޅުމަށް ހަމަޖެހިފައިވަނީ ހުރިހާ ސެގްމަންޓެއް އެކީގައެވެ. އެމްޓީސީސީން ބުނީ، ޖޫންމަހު ތާރުއެޅުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

ފަހަރަކު ބައެއް ހިމެނޭހެން މަގު ބަންދުކޮށް، ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އެ ސަރަހައްދަށް އެންމެ ބޮޑު ބަދަލެއް އަންނާނީ، މަގުގެ ތިންވަނަ ސެގްމަންޓަށް ކަމަށް އެމްޓީސީސީ އިންބުނެއެވެ.

އެ ސަރަހައްދުގައި މަގުން ބޭރަށް ބައެއް ހިއްކާ ބޮޑު ޕާކިން ޒޯނެއް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ. އެތަނުގައި 500 ސައިކަލު ޕާކު ކުރެވޭ ޖާގައިގެ ޕާކިން ޒޯނެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޕާކިން ޒޯނަށް ބަނދަރުގެ ތެރެއިން ގާތްގަނޑަކަށް 98 މީޓަރު ދިގު، 28 މީޓަރު ފުޅާ ސަރަހައްދެއް ވަނީ ހިއްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު