ENGLISH

17 މޭ 2026

Advertisement

މިއަހަރު 350 ދަރިވަރުންނާއެކު ވަތަނީ ހިދުމަތުގެ ދެ ބުރެއްގެ ތަމްރީނުތައް ކުރިއަށްދާނެ: ދިފާއީ ވަޒީރު

17 މޭ 2026

|

އައިމިނަތު ޝަފާ

ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، ޙަސަން ރަޝީދު ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ.

މިއަހަރުގެ ބާކީ އޮތް މުއްދަތުގައި ދިވެހި ވަތަނީ ހިދުމަތުގެ ދެ ބުރެއްގެ ތަމްރީނުތައް 350 ދަރިވެރުންނާއެކު ކުރިއަށްދާނެކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، ޙަސަން ރަޝީދު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިންގެ ދެވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވަރާ އެއްގޮތަށް ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމް ހުއްޓުމެއް ނެތި ކުރިއަށްގެންދާނެ ކަމަށެވެ. 

އަދި މި ޕްރޮގްރާމް އިތުރަށް ފުރިހަމަކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވެސް ދިފާއީ ވުޒާރާގެ ފަރާތުން ކުރިއަށް ގެންދާނެކަމަށް ވަޒީރު ވިދާޅުވި އެވެ. 

ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މިދިޔަ އަހަރުގެ މޭ މަހު މި ޕްރޮގްރާމަށް ހުޅުވާލުމުން 1،200 އަށް ވުރެ ގިނަ ޒުވާނުން ކުރިމަތިލިކަމަށާއި، އަދި މިއަހަރު މި ޕްރޮގްރާމަށް 1،700 އަށް ވުރެ ގިނަ ދަރިވަރުން ކުރިމަތިލާފައިވާކަމަށެވެ. 

"ތަމްރީނުގެ ތާވަލަށް ބަލާއިރު މިއަހަަރުގެ ބާކީ އޮތް މުއްދަތުގައި 350 ބައިވެރިންނާއެކު ވަތަނީ ހިދުމަތުގެ ދެ ބުރެއްގެ ތަމްރީނުތައް ކުރިއަށްދާނެ. އަދި ފަންނީ ތަމްރީނުތައް ކިހާދޫގައި ކުރިއަށްދާނެ،". ވަޒީރު ވިދާޅުވި އެވެ. 

ވަޒީރު ވަނީ ވަތަނީ ހިދުމަތާ ގުޅެން ބޭނުންވާ ޒުވާނުންނަށް ތަރުތީބުން އެ ފުރުސަތު ސަރުކާރުން ފަހިކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. 

ޒުވާނުންގެ ގާބިލުކަމަށް އިސްކަންދީގެން ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމް ފެށީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. 

ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން އަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު ދެއްވި އިފުތިތާޙީ ތަޤްރީރުގައި ވިދާޅުވި، އިންސާނުން ބިނާކުރުމާއި ޤައުމުގެ ސިނކުޑިތައް ބިނާކުރުމުގެ ސިޔާސަތުގެ އެންމެ މުހިންމު އެއް ތަނބެވެ. އަދި، އެއީ ޒުވާނުން ތަރައްޤީކޮށް، ޒުވާނުން ބާރުވެރިކޮށް، ޤައުމަށް ފައިދާހުރި މަސައްކަތްތަކުގައި އިސްނަގައި ހަރަކާތްތެރިވާނެ ބަޔަކަށް ދިވެހި ޒުވާނުން ހެދުމަށާއި، ޒުވާނުންނަށް ބޭނުންވާނޭ މަސައްކަތުގެ އަޚުލާޤާއި ސުލޫކާއި ހުނަރު އަށަގެންނެވުމުގެ ސިޔާސަތެކެވެ. 

މި ޕްރޮގްރާމަށް ގާނޫނީ ހައިސިއްޔަތު ދިނުމަށްޓަކައި ވަޠަނީ ހިދުމަތުގެ ބިލެއް ވެސް އެކުލަވާލާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު