ENGLISH
17 މޭ 2026
އެންމެ މަޤްބޫލު
ޒަކާތު ފަންޑުން ދޫކުރާ ސްކޮލާޝިޕްތަކަށް ހުޅުވާލައިފި އެވެ.
ޒަކާތު ފަންޑުން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ސްކޮލާޝިޕާއި ޚާއްސަ ސްކޮލާޝިޕްގެ ފުރުސަތުތަކުގެ ތަފްސީލްތައް މިހާރު ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކޮށްފަ އެވެ.
މާސްޓާސް އަދި ޕީ.އެޗް.ޑީ ލެވެލްއިން ރާއްޖޭގެ ހަތް މަރުކަޒެއްގައި 11 ދާއިރާއަކުން ކިޔެވުމަށް މިފަހަރު ފުރުސަތު ހުޅުވާލާފައިވާއިރު މާސްޓާސް އަދި ޕީ.އެޗް.ޑީ ލެވެލްއިން ރާއްޖެއިން ބޭރުގެ ފަސް މަރުކަޒަކުން 28 ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
ޒަކާތު ހައުސްއިން ބުނީ މި ލިސްޓުގައި ހިމަނާފައިވާ ދާއިރާތަކުގެ އިތުރުން، އެހެން ދާއިރާއަކުން ތައުލީމު ހާސިލުކުރުމަށް ވެސް ފޯމު ހުށަހެޅިދާނެކަމަށެވެ. އެ ހާލަތުގައި ކިޔަވަން ބޭނުންވާ ކޯހާއި އެ ކޯސް ފުރިހަމަކުރުމަށް ބޭނުންވާ ތައުލީމީ މަރުކަޒާއި، އެ ކޯސް ފުރިހަމަކޮށްގެން ދަރިވަރު ދިވެހި އިސްލާމީ މުޖުތަމަޢުއަށް މަންފާކޮށްދޭނެ ތަސައްވުރެއް ހިމެނޭ ގޮތަށް ޕްރޮޕޯސަލެއް ހުށަހަޅަންޖެހޭނެ އެވެ.
މި ގޮތަށް ހުށަހަޅާ ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލެވިފައިވަނީ މާސްޓާސްއާއި ޕީ.އެޗް.ޑީއަށް ކިޔެވުމަށްކަމަށާއި ލިސްޓުގައި ހިމަނާފައިވާ ދާއިރާތަކާއި މި ދާއިރާތަކުގެ އިތުރުން ޕްރޮޕޯސަލް ހުށަހަޅައިގެން ސްކޮލާޝިޕަށް އެދި ހުށަހަޅާ ކޯހަކީ އިސްލާމިކް މޮޑިއުލްތައް ހިމެނޭ ކޯހެއްކަމުގައި ވާންޖެހޭނެކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެފަ އެވެ.
ރާއްޖެއިން - 10 ފުރުސަތު
ރާއްޖެއިން ބޭރުން - 20 ފުރުސަތު
ޚާއްސަ ސްކޮލާޝިޕް:
މި ސްކޮލާޝިޕްގެ ތެރެއިން ސަޢުދީ ޢަރަބިއާއި މިސްރުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ފަސް ދަރިވަރަކަށް ސްޓައިޕެންޑް ލިބިގެންދާނެ އެވެ.
ސްޓައިޕެންޑްގެ އެހީއަށް އެދެވޭ ޝަރުތުތައް:
ހ. އިސްލާމީ ގިއުގަނޑުގެ ތެރޭގައި ހިމެނޭ އިސްލާމިކް މޮޑިއުލްތައް ހިމެނޭ ކޯހަކަށްވުން.
ށ. ޑިގްރީ (ލެވެލް 7)އަށް ވުރެ ދަށްނޫން ލެވެލްއެއްގެ ކޯހެއްކަމުގައިވުން.
ނ. ސްކޮލަރޝިޕަށް އެދިފައިވާ ކޯހުގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރެއް ކަމުގައިވުން.
ރ. ކައިވެނި ކޮށްގެން، އަނބިދަރިންނާ އެކު ޔުނިވަރސިޓީން ބޭރުގައި ދިރިއުޅޭ ފަރާތެއްކަމުގައިވުން.
ބ. މި އިއުލާނުގެ 3ވަނަ މާއްދާގެ (ކ)ގައި ބަޔާންކޮށްފައިވާ ހާލަތްތަކުން މި ފަރާތްތައް އިސްތިސްނާވާނެއެވެ.
ސްކޮލާޝިޕް އަދި ޚާއްސަ ސްކޮލާޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތަކާއި ސްކޮލާޝިޕަށް އެދި ހުށަހަޅަންޖެހޭ ތަކެތީގެ ތަފްސީލުތައް މިހާރު ވަނީ ގެޒެޓުކޮށްފަ އެވެ.
ޒަކާތު ސްކޮލާޝިޕްގެ އެހީއަކީ ދިވެހި އުންމަތް ހަރުދަނާކުރުމަށް ޓަކައި އެ ދާއިރާއަކުން މީހުން ތައްޔާރުކޮށް. ތަމްރީނުކުރުމަށް ކޮންމެހެން ލާޒިމުވާ، ޝަރުޢީގޮތުން ހުއްދަ ދާއިރާތަކުން ކިޔެވުމަށް ބޭނުންވާ ދަރިވަރުންގެ ތެރެއިން މާލީގޮތުން ފުދުންތެރިކަން ނެތް ދިވެހި ދަރިވަރުންނަށް ޒަކާތު ފަންޑުން ދެވޭ އެހީއެކެވެ.