ENGLISH
18 މޭ 2026
އެސްޓީއޯގެ ސާފު ފައިދާ އިތުރުވެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި
17 މޭ 2026
|
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން. ފޮޓޯ: އެސްޓީއޯ
އެންމެ މަޤްބޫލު
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސާފު ފައިދާ އިތުރުވެ، ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނީގެ ފައިދާއިން 85 ރުފިޔާ ބަހަން ފާސްކުރީ ރޭ ޑުސިޓް ޑީ-2 ފޭދޫ މޯލްޑިވްސްގައި ބޭއްވި ކުންފުނީގެ އަހަރީ ޖަލްސާގައެވެ.
މިދިޔަ އަހަރު އެސްޓީއޯއިން ފައިދާގެ ގޮތުގައި ބެހީ ހިއްސާއަކަށް 80 ރުފިޔާއެވެ. މިއީ ފަހުގެ ތާރީހެއްގައި އެސްޓީއޯއިން މިވަރުގެ އަދަދެއް ހިއްސާއަކަށް ބަހާ ފުރަތަމަ ފަހަރެވެ.
އަހަރީ ޖަލްސާގައި 263 ހިއްސާދާރުން ވަނީ ބައިވެރިވެފައެވެ. ޖަލްސާއަށް 176 ހިއްސާދާރުން ހާޒިރުވިއިރު ޕްރޮކްސީ މެދުވެރިކޮށް 87 މީހަކު ވަނީ ބައިވެރިވެފައެވެ.
ހިއްސާގެ ގޮތުގައި ބޮޑު އަދަދެއް ބަހަން ފާސްކުރިއިރު މިދިޔަ އަހަރު އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 15.55 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ސާފު ފައިދާގެ ގޮތުގައި 763 މިލިއަން ރުފިޔާ ލިބުނެވެ.
ޖަލްސާގައި ވަނީ މުހިއްމު އެހެނިހެން ނިންމުންތައް ވެސް ނިންމައިފައެވެ. މިގޮތުން ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި އާނެސްޓް އެންޑް ޔަންގް ވަނީ ހަމަޖައްސާފައެވެ. އެ ކުންފުނީގެ އުޖޫރައަކަށް ފާސްކުރީ 1,009,800 (އެއް މިލިއަން ނުވަހާސް އަށްސަތޭކަ) ރުފިޔާއެވެ.
ކުންފުނީގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރެއްގެ ގޮތުގައި ހިއްސާދާރުންގެ ވޯޓުން އައްޔަންކުރީ މުޙައްމަދު އަޙުސަން ސަލީމެވެ.
ޖަލްސާގައި ވަނީ 2024 ވަނަ އަހަރުގެ ޔައުމިއްޔާގެ އިތުރުން، 2025 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓު ފާސްކޮށްފައެވެ.
ޖަލްސާގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހީމް ވިދާޅުވީ، އެކުންފުނި ފެށުނު ދުވަސްވަރު ފުރަތަމަ ހިއްސާގަތް ފަރާތްތަކުގެ ކެޕިޓަލް މިހާރު ވަނީ 500 އިންސައްތައަށް އިތުރުވެފައި ކަމަށެވެ. މިގޮތުން އެސްޓީއޯގެ އިންވެސްޓްމެންޓްތަކަކީ އިންފްލޭޝަނުން ރައްކާތެރިކޮށްދޭ ފައިދާހުރި އިންވެސްޓްމެންޓްތަކެއް ކަމަށް ޝިމާދު ވިދާޅުވިއެވެ. އަދި، މިދިޔަ 60 އަހަރުތެރޭ ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގުމަކީ ހިއްސާދާރުންނަށް ބޮޑެތި މަންފާތަކެއް ވަމުންދާ ކަމެއްކަމުގައި ޝިމާދު ވިދާޅުވިއެވެ.
އެސްޓީއޯއިން މިހާރު އަމާޒުހިފާފައިވަނީ ކުންފުނީގައި މިހާރު ކުރިއަށްގެންދާ 5 އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިތުރަށް ފުޅާކޮށް ފައިދާ އިތުރުކުރުމަށެވެ.