ENGLISH

17 މޭ 2026

Advertisement

މަހުދީ ނިޔާވުމާ ގުޅިގެން އިޓަލީގެ ޚާރިޖީ ވަޒީރު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފި

17 މޭ 2026

|

ޢަލީ ޝަހީމް

ރަސްމީ އިއްޒަތުގައި ބޭއްވި މަހުދީގެ ޖަނާޒާގެ ތެރެއިން. ފޮޓޯ: އެމްއެންޑީއެފް

ޤައުމީ ދިފާޢީ ބާރުގެ ޑައިވަރު، ސިފައިންގެ ޑައިވަރު ސްޓާފް ސާޖެންޓް، މއ. ޖަމްބުގަސްދޮށުގެ، މުޙައްމަދު މަހުދީ (43އ) ނިޔާވި ޚަބަރާއި ގުޅިގެން އިޓަލީވިލާތުގެ ޚާރިޖީ ވަޒީރު އެންޓޯނިއޯ ޓަޔާނީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

އިޓަލީވިލާތުގެ ޚާރިޖީ ވަޒީރުގެ މެސެޖުގައި، ފެލިދެއަތޮޅުގައި ފީނަން ގޮސް އުޅުމުގެ ތެރޭގައި ގެއްލުނު، އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުންގެ ތެރެއިން އެކަކު ނިޔާވެ، އިތުރު ހަތަރު ޑައިވަރުން ގެއްލުނު ހިތާމަވެރި ހާދިސާ އާ ގުޅިގެން، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ފޮނުއްވި ތަޢުޒިޔާގެ މެސެޖަށް ޝުކުރު އަދާ ކުރައްވާފައިވެއެވެ. އަދި ގެއްލިފައިވާ އިޓަލީ ގެ ފަތުރުވެރިން ހޯދަން ފީނަމުންދިޔަ ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ހިތްވަރުގަދަ ފައުޖުގެ ސްޓާފް ސާޖަންޓް  މުޙައްމަދު މަހުދީ ނިޔާވި ޚަބަރަކީ، އިޓަލީވިލާތަށް ކުރިމަތިވެފައިވާ ހިތާމަވެރި ދުވަސްތަކަށް އިތުރު ހިތްދަތިކަމެއް ގެނެސްދިންކަމެއް ކަމުގައި އެ މަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.  

ދިވެހިރާއްޖެއަށް ދިމާވި މި ހިތާމައިގައި ބައިވެރިވެވަޑައިގެން، އިޓަލީ ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އަދި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ދިވެހި ސަރުކާރަށާއި، ޤައުމީ ދިފާއީ ބާރަށާއި، ދިވެހި ރައްޔިތުންނަށް ތަޢުޒިޔާ ވަނީ ވިދާޅުވެފައެވެ. 

މި ހިތާމަވެރި ހާދިސާގެ ސަބަބުން އަސަރުކޮށްފައިވާ ޢާއިލާތަކަށް ލިބިފައިވާ ފުން ހިތާމާގައި ފުރިހަމައަށް ދެ ޤައުމުގެ ރައްޔިތުން އެކުގައި ބައިވެރިވާ ކަމަށާއި، އަދި އެ ޢާއިލާތަކަށް ކެތްތެރިކަން ލިބުމަށް އެދިވަޑައިގަންނަވާ ކަމުގައި ވެސް އެ މަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ. 

މީގެ އިތުރުން، ގެއްލުނު ފަތުރުވެރިން ހޯދުމުގައި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށް ޝުކުރުއަދާ ކުރެއްވިއެވެ.

ފަތުރުވެރިން ހޯދުމަށް ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަން އަށް އިޓަލީވިލާތުގެ ސަރުކާރުގެ އެހީތެރިކަމާއި ފުރިހަމަ އެއްބާރުލުން ފޯރުކޮށްދެއްވުމަށް ތައްޔާރަށް ތިއްބެވިކަމަށްވެސް އެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

މަހުދީ ދިވެހި ސިފައިންގެ ހިދުމަތާ ގުޅިވަޑައިގަތީ 19 ޑިސެމްބަރު 2005 ގަ އެވެ. މިއަދާ ހަމައަށް މަހުދީ ވަނީ ސިފައިންގެ ހިދުމަތުގައި 20 އަހަރާއި ހަތަރު މަސް ދުވަހު މަސައްކަތްކުރައްވާފައެވެ.

މަހުދީގެ ޖަނާޒާ ރޭ 10 ޖެހިއިރު އިސްލާމީ މަރުކަޒުގައި ވަނީ ބާއްވާފައެވެ. ރަސްމީ އިއްޒަތުގައި ބޭއްވި ޖަނާޒާގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވިއެވެ. 

ކިޔުންތެރިންގެ ހިޔާލު