ENGLISH
16 މޭ 2026
އެންމެ މަޤްބޫލު
ދ. މީދޫ ކައުންސިލް ރައީސް އިންތިޚާބު ކުުރުމުގެ ވޯޓާއި ގުޅިގެން ހައިކޯޓަށް ހުށައަޅާފައިވާ މައްސަލަ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް ސުހާ އިބްރާހިމްއާ އެއްކޮޅަށް ނިމުމާއި ގުޅިގެން އަލުން އިންތިޚާބު ބާއްވާނެ ތާރީޚް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފި އެވެ.
ކޮމިޝަނުން މިއަދު ބުނީ މީދޫ ކައުންސިލް ރައީސްގެ ވޯޓް ޖޫން 13 ވާ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ. ވޯޓް ނެގުން އޮންނާނީ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ.
މިއީ އޭޕްރީލް މަހު އޮތް އިންތިޚާބުގައި އެންމެ މައްސަލަ ބޮޑުވި ވޯޓެވެ. މީދޫ ކައުންސިލް ރައީސް ކަމަށް ވާދަކުރީ އެމްޑީއޭ ކެންޑިޑޭޓް މުޙައްމަދު ޝާހިދާއި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް ސުހާ އިބްރާހިމް އެވެ. އިންތިޚާބުގެ ފުރަތަމަ ނަތީޖާއިން ކުރި ހޯދީ ސުހާ އެވެ. އެއީ 393 ވޯޓެވެ. ޝާހިދަށް ލިބުނީ 392 ވޯޓެވެ.
ނަމަވެސް އިތުރު ވޯޓެއް ލާފައިވާ ކަމަށް ބުނެ އެމްޑީއޭއިން މައްސަލަ ހުށައެޅުމުން ކޮމިޝަނުން އަލުން ވޯޓް ގުނާ ސުހާއަށް ލިބުނު އެއް ވޯޓް ބާތިލު ކަަމަށް ކަނޑައެޅި އެވެ. އަދި އަލުން ވޯޓް ގުނާ 392 ވޯޓުން އިންތިޚާބު ކާމިޔާބޫ ކުރީ ޝާހިދު ކަމަށް އިއުލާނު ކުރި އެވެ.
އެ މައްސަލަ ހައިކޯޓަށް ހުށައެޅީ ސުހާގެ ފަރާތުންނެވެ. އެ ކޯޓުން މައްސަލަ ބެލުމަށް ފަހު ނިންމީ ބާތިލު ކަމަށް ކަނޑައެޅި ވޯޓް ސައްހަ ކަމަށެވެ. އެހެން ކަމުން ދެ ކެންޑިޑޭޓުންނަށް ވެސް މިހާރު ލިބިފައިވަނީ 392 ވޯޓެވެ.
ހައިކޯޓުން ވަނީ ވޯޓްގެ ނަތީޖާ އަލުން އިއުލާނު ކުރުމަށް ކޮމިޝަނަށް އަމުރުކޮށްފަ އެވެ.