ENGLISH

16 މޭ 2026

Advertisement

ސިފައިންގެ ޑައިވަރު މަހުދީ ނިޔާވުމާ ގުޅިގެން ނައިބު ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

16 މޭ 2026

|

ޢަލީ ޝަހީމް

ހާލުދެރަވެގެން ނިޔާވި ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ. ފޮޓޯ: އެމްއެންޑީއެފް

ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަނިކޮށް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ޑައިވަރު ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީގެ ހާލުދެރަވެގެން ފަރުވާދެނިކޮށް މިއަދު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. 

ނައިބު ރައީސް 'އެކްސް' ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރަނިކޮށް ހާލުދެރަވި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށެވެ. 

"މަރްޙޫމް ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީގެ ލޮބުވެތި ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަމެވެ. މާތްﷲ މަރްޙޫމްގެ ފުރާނަ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ. އަދި ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ! آمين" ނައިބު ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. 

މަހުދީ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ. 

"މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކޮށް، އެ ޢާއިލާއަށާއި އެމްއެންޑީއެފަށް ތަޢުޒިޔާ ދަންނަވަން. ޑިއުޓީގަައި މަޤާމުގެ ވާޖިބު އަދާކުރަމުން ދަނިކޮށް ކުއްލި ޙާލަތެއް މެދުވެރިވެ ނިޔާވި އެމްއެންޑީއެފްގެ ހިތްވަރުގަދަ ޑައިވަރު، ސްޓާފް ސާޖެންޓް، މަރުޙޫމް މުޙައްމަދު މަހުދީއަށް ޝަހީދެއްގެ ދަރަޖަ ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލަހައްޓަވާށި. އާމީން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.   

ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނަކީ ހައި ރިސްކު، ނުރައްކާތެރި އޮޕަރޭޝަނެކެވެ.

ޑައިވް ކުރަނިކޮށް މަހުދީ ޑީކޯވެ ހާލު ދެރަވުމުން ވަގުތުން ވަނީ އޭޑީކޭއަށް ގެނެސް ފަރުވާދީފައެވެ. ނިޔާވީ ފަރުވާދެމުން ދަނިކޮށެވެ. 

މަހުދީ ދިވެހި ސިފައިންގެ ހިދުމަތާ ގުޅިވަޑައިގަތީ 19 ޑިސެމްބަރު 2005 ގަ އެވެ. މިއަދާ ހަމައަށް މަހުދީ ވަނީ ސިފައިންގެ ހިދުމަތުގައި 20 އަހަރާއި ހަތަރު މަސް ދުވަހު މަސައްކަތްކުރައްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު