ENGLISH

16 މޭ 2026

Advertisement

ދިވެހި ޤައުމުގެ ހައްޤުގައި، މި ދައުލަތުގެ ޝަރަފުގައި ވަކިވެގެން އެދިޔައީ އަގުހުރި ސިފައިންގެ ބޭކަލެއް: މަޖިލިސް ރައީސް

16 މޭ 2026

|

ޢަލީ ޝަހީމް

ޤައުމީ ޚިދުމަތުގައި އުޅެނިކޮށް މިއަދު ނިޔާވި، ސިފައިންގެ ޑައިވަރު ސްޓާފް ސާޖެންޓް، މއ. ޖަމްބުގަސްދޮށުގެ، މުޙައްމަދު މަހުދީ (43އ) އަކީ ދިވެހި ޤައުމުގެ ހައްޤުގައި، މި ދައުލަތުގެ ޝަރަފުގައި ވަކިވެގެންދިޔަ އަގުހުރި ސިފައިންގެ ބޭކަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މިފަދައިން ވިދާޅުވީ މަހުދީ ނިޔާވުމުގެ ހިތާމައިގައި 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ. 

މަޖިލިސް ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ވ އަތޮޅު އަލިމަތާ ކައިރީގައި ކަނޑުގެ އަޑީގެ ހޮހަޅައަކަށް ފީނަން ދިޔަ އިޓަލީވިލާތުގެ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރަނިކޮށް ހާލުދެރަވި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވި ޚަބަރު އެހީ ނުހަނު ހިތާމައާއެކު ކަމަށެވެ. 

"ދިވެހިޤައުމުގެ ހައްޤުގައި، މި ދައުލަތުގެ ޝަރަފުގައި އަޅުގަނޑުމެންނާއި ވަކިވެގެން އެދިޔައީ އަގުހުރި ސިފައިންގެ ބޭކަލެކެވެ. ކީރިތި الله މަރުޙޫމުގެ ފުރާނަޔަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށިއެވެ. ޢާއިލާ އަށް ކެތްތެރިކަން މިންވަރު ކުރައްވާށި" އަބްދުއްރަހީމް ޢަބްދުﷲ ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ. 

މަހުދީ ދިވެހި ސިފައިންގެ ހިދުމަތާ ގުޅިވަޑައިގަތީ 19 ޑިސެމްބަރު 2005 ގަ އެވެ. މިއަދާ ހަމައަށް މަހުދީ ވަނީ ސިފައިންގެ ހިދުމަތުގައި 20 އަހަރާއި ހަތަރު މަސް ދުވަހު މަސައްކަތްކުރައްވާފައެވެ.

މަހުދީ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވެސް ވަނީ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެއެވެ. 

ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނަކީ ހައި ރިސްކު، ނުރައްކާތެރި އޮޕަރޭޝަނެކެވެ.

ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ފަސް ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނިފައިވާއިރު ބާކީ ތިބި މީހުން ވަނީ ކޭވްއެއްގެ ތެރޭ ތާށިވެފައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. 

ކިޔުންތެރިންގެ ހިޔާލު