ENGLISH
16 މޭ 2026
މަހުދީ ނިޔާވުމަކީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބުނު ފުން ހިތާމައެއް: ރައީސް
16 މޭ 2026
|
އެންމެ މަޤްބޫލު
ގެއްލިފައިވާ ފަތުރުވެރިން ހޯދަން ފީނަމުންދިޔަ ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޑައިވަރަކު ނިޔާވުމަކީ އެމަނިކުފާނަށާއި ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ހާދިސާގައި ނިޔާވީ މއ. ޖަމްބުގަސްދޮށުގެ، ސިފައިންގެ ޑައިވަރު ސްޓާފް ސާޖެންޓް، މުޙައްމަދު މަހުދީ (43އ) އެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މަހުދީ ނިޔާވުމާ ގުޅިގެން އާއިލާއަށް ތަޢުޒިޔާ ވިދާޅުވެ މީސްމީޑިއާގައި ކުރެއްވި ޕޯސްޓުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ ހިތްދަތިވެ، ނުތަނަވަސްކަން ވެރިވި ޚަބަރެއް ކަމަށެވެ.
"މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކޮށް، އެ ޢާއިލާއަށާއި އެމްއެންޑީއެފަށް ތަޢުޒިޔާ ދަންނަވަން. ޑިއުޓީގަައި މަޤާމުގެ ވާޖިބު އަދާކުރަމުން ދަނިކޮށް ކުއްލި ޙާލަތެއް މެދުވެރިވެ ނިޔާވި އެމްއެންޑީއެފްގެ ހިތްވަރުގަދަ ޑައިވަރު، ސްޓާފް ސާޖެންޓް، މަރުޙޫމް މުޙައްމަދު މަހުދީއަށް ޝަހީދެއްގެ ދަރަޖަ ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލަހައްޓަވާށި. އާމީން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މަހުދީ ނިޔާވިކަން ސިފައިން ވަނީ ޔަގީންކޮށްދީފައެވެ.
މަހުދީ ދިވެހި ސިފައިންގެ ހިދުމަތާ ގުޅިވަޑައިގަތީ 19 ޑިސެމްބަރު 2005 ގަ އެވެ. މިއަދާ ހަމައަށް މަހުދީ ވަނީ ސިފައިންގެ ހިދުމަތުގައި 20 އަހަރާއި ހަތަރު މަސް ދުވަހު މަސައްކަތްކުރައްވާފައެވެ.
ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނަކީ ހައި ރިސްކު، ނުރައްކާތެރި އޮޕަރޭޝަނެކެވެ.
ޑައިވް ކުރަނިކޮށް މަހުދީ ޑީކޯވެ ހާލު ދެރަވުމުން ވަގުތުން ވަނީ އޭޑީކޭއަށް ގެނެސް ފަރުވާދީފައެވެ.
ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ފަސް ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނިފައިވާއިރު ބާކީ ތިބި މީހުން ވަނީ ކޭވްއެއްގެ ތެރޭ ތާށިވެފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.