ENGLISH

16 މޭ 2026

Advertisement

ކުރިނބީ ކައުންސިލްގެ އައު އިމާރާތް ހުޅުވައިފި

16 މޭ 2026

|

ފާތުމަތު އަދާ

ކުރިނބީ ކައުންސިލް އިދާރާގެ އައު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތު

ހދ. ކުރިނބީ ކައުންސިލް އިދާރާގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ. 

ކުރިނބީ ކައުންސިލްގެ އައު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި، އިމާރާތް ހުޅުވައިދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ނިމާލާއި ހދ.ކުރިނބީ ކައުންސިލްގެ ރައީސް ޢަބްދުﷲ އަސްލަމެވެ.

ކުރިނބީ ކައުންސިލްގެ އައު އިމާރާތް ހުޅުވުމުގެ ރަސްމިޔާތުގައި ހދ. އަތޮޅު ކައުންސިލްގެ ރައީސާއި، ރަށުގެ އިދާރާތަކުގެ އިސްވެރިންނާއި، ރަށަށް ޚިދުމަތްކުރައްވާފައިވާ ޚިދުމަތްތެރީންގެ އިތުރުން، ކުރިނބީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ކުރިނބީ ކައުންސިލްގެ 4 ވަނަ ދައުރުގެ ކައުންސިލް މެންބަރުންނާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިތުރުން ކައުންސިލްގެ 5 ވަނަ ދައުރަށް އިންތިޚާބު ކުރެވުނު ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ވެސް ބައިވެރިވެފައިވެއެވެ.

މި މަޝްރޫއަކީ އެލްޖީއޭގެ ޕީއެސް.އައިޕީ ބަޖެޓުގެ 5.9 މިލިއަން ރުފިޔާއަށް ކުރިނބީ ކައުންސިލާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫއެކެވެ.

އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ނިމާލް މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ، މަޝްރޫޢުގެ ކޮންޓްރެކްޓް 2023 ސެޕްޓެމްބަރުގައި ހެދި ނަމަވެސް، ޢަމަލީ މަސައްކަތް ކުރިއަށް ނުދާކަމަށެވެ.

ނިމާލް ވިދާޅުވީ، މި ސަރުކާރު އައިއިރު މުޅި މަޝްރޫޢުން ނިންމިފައިވަނީ އެންމެ ދެ އިންސައްތަ މަސައްކަތް ކަމަށެވެ. ނަމަވެސް މި ސަރުކާރާ ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަވާލުވެވަޑައިގެން 98 އިންސައްތަ މަސައްކަތް ނިންމާލާފައިވާކަށް އޭނާ ފާހަގަކުރެއްވިއެވެ.

ކުރިނބީގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކުރިން ބޭނުންކުރަމުން އައީ 32 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ، ޖާގައާއި ވަސީލަތްތަކުގެ ގޮތުން ދަތި އިމާރާތެއް ކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

މި މައްސަލައިގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާ ކަމަށާއި އަދި ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށާއި، އައު ޒަމާނީ ޚިދުމަތްތައް ފެށުމަށްވެސް މީގެ ސަބަބުން ވަރަށް ބޮޑަށް ހުރަސްއެޅެއެވެ.

އަލަށް އިމާރާތްކުރި ކައުންސިލް އޮފީހަކީ ޒަމާނީ ވަސީލަތްތަކާއެކު ޖާގަ ތަނަވަސްކޮށް ބިނާކޮށްފައިވާ ތަނެއް ކަމަށާއި، މީގެ ސަބަބުން މުވައްޒަފުންނަށް ހިއްފަސޭހަ މާހައުލެއް ލިބި، ރައްޔިތުންނަށް ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވާނެ ކަމަށް ކައުންސިލުން ބުނެއެވެ.

މި އައު އިމާރާތުގެ ސަބަބުން، ކުރިން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ކުރިމަތިވި ހުރިހާ ދަތިތަކަށް އެދެވޭ ދާއިމީ ހައްލެއް ލިބޭނެ ކަމަށް ކައުންސިލުން ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު