ENGLISH
16 މޭ 2026
މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ބިސް ބުރަށް
16 މޭ 2026
|
މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދި ބިސް ބުރު ޓީމު ޓްރޮފީ އާއެކު --- ފޮޓޯ: އެފްއޭއެމް
އެންމެ މަޤްބޫލު
މާލެ ރީޖަން ލީގު (ދެވަނަ ޑިވިޝަން) ގެ ޗެމްޕިއަންކަން ހޯދައި، ބިސް ބުރު ސްޕޯޓްސް ކުލަބުން ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފިކޭޝަނުގެ ޖާގައެއް ހޯދައިފިއެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ އައު އޮނިގަނޑު ވަނީ ހަތަރު ސަރަހައްދަކަށް ބަހާލާފައެވެ. އެ ގޮތުން ނޯތު ރީޖަން، ސެންޓްރަލް ރީޖަން، ސައުތު ރީޖަން އަދި މާލެ ރީޖަންއަށް ބަހާލައިފައިވާއިރު، މާލެ ރީޖަނަކީ ކުރީގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ބިސް ބުރުން ހޯދީ ދެވަނަ ބުރުގައި ކުޅުނު ފަހު މެޗުގައި ރޭ ލޮރެންޒޯ ސްޕޯޓްސް ކުލަބުގެ މައްޗަށް 2-5 ގެ ނަތީޖާއަކުން ކުރިހޯދައި، ތާވަލުގެ ދެވަނައިގައި އޮތް ކުލަބު ޕީކޭގެ މައްޗަށް ފައިދާ ލަނޑުގެ ތަފާތުން ކުރި ހޯދައިގެންނެވެ.
ލީގު އުސޫލުން ކުރިއަށްދިޔަ ދެވަނަ ބުރުގައި ހަތަރު ޓީމު ވާދަކުރިއިރު، ތާވަލުގެ އެއްވަނައިގެ ގޮތުގައި ބިސް ބުރަށް ޗެމްޕިއަންކަން ލިބެނީ ތިން މެޗުން ހަ ޕޮއިންޓާއި ފައިދާ ހަތަރު ލަނޑު ހޯދައިގެންނެވެ. ދެވަނައިގައި އޮތް ޕީކޭއަށްވެސް ހަ ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ލިބިފައިވާ ފައިދާ އެންމެ ލަނޑެކެވެ.
މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ބިސް ބުރުން ހޯދުމާއެކު، ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފިކޭޝަނުގެ ޖާގައެއް އެ ޓީމަށް ވަނީ ލިބިފައެވެ. ޕްރިމިއަރ ލީގުގެ ކޮލިފިކޭޝަންގައި ކުޅޭނީ ބިސް ބުރުގެ އިތުރުން، ނޯތު ރީޖަނަލް ލީގާއި، ސެންޓްރަލް ރީޖަނަލް ލީގާއި، ސައުތު ރީޖަނަލް ލީގުގެ ޗެމްޕިއަން ޓީމުތަކުގެ އިތުރުން، ނިމިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ހަތްވަނަ އާއި އަށްވަނައަށް ދިޔަ ޓީސީ ސްޕޯޓްސް ކުލަބާއި ކުލަބު ގްރީން ސްޓްރީޓްސްއެވެ.
ހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއަރ ލީގު ކޮލިފިކޭޝަންގެ ގަދަ ހަތަރު ޓީމަށް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ޖާގަ ލިބިގެންދާނެއެވެ.