ENGLISH
16 މޭ 2026
ކަނޑުމަގުން ދަތުރުކުރާ ބިދޭސީންގެ މައުލޫމާތު އެނގޭނެ ނިޒާމެއް ގާއިމުކުރަނީ
16 މޭ 2026
|
"އޮޕަރޭޝަން ކުރަނގި" ތެރެއިން ބިދޭސީންގެ މައުލޫމާތު އަދާހަމަކުރަނީ. ފޮޓޯ؛ދާހިލީ ސަލާމަތާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
މޯލްޑިވްސް 2.0ގެ މަސައްކަތް ނިމޭއިރު ކަނޑުމަގުން ދަތުރުކުރާ ބިދޭސީންގެ މައުލޫމާތު އެނގޭނެ ނިޒާމެއް ގާއިމްކުރެވޭނެކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމުގަ މޯލްޑިވްސް 2.0ގެ ދައުރާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ބިދޭސީން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދިއުމަށް ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރާއިރު ބައެއް ފަހަރު އެ އުޅަނދުތަކަށް އަރާ ބިދޭސީން ދެނެގަތުމަށް ދަތިވާކަމަށެވެ. އެހެންނަމަވެސް މޯލްޑިވްސް 2.0 ގެ މަސައްކަތްތައް ނިމޭއިރު ކޮންމެ އުޅަނދަކަށްވެސް އަރާ ފައިބާ ބިދޭސީންނަކީ ކޮން ބައެއް ކަން އެނގޭނެ ނިޒާމެއް ގާއިމުކުރެވޭނެކަމަށާއި އޭގެ ސަބަބުން ހިތާމަވެރި ހާދިސާތައް ހިނގާއިރު ވެސް ގެއްލޭ މީހުންގެ ވަނަވަރު ދެނެގަތުމަށް ފަސޭހަވެގެންދާނެކަމަށް ވިދާޅުވި އެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މި ދައުރު ނިމޭއިރު ރައްޔިތުން ޤަބޫލުކުރާ އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކުން ބަލާއިރުވެސް އެންމެ ރަނގަޅަށް ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ އެއް ގައުމުގެ ގޮތުގަ ރާއްޖެ ކަނޑައެޅިގެންދާނެ ކަމަށެވެ.
އޮޕަރޭޝަން ކުރަނގީގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތްތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ މި ފިޔަވަހީގެ ތެރެއިން ޤަވާއިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން ހޯދައި މިއަހަރުގެ ނޮވެމްބަރު 17ވަނަ ދުވަހުގެ ކުރިން ޑީޕޯޓުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އޮޕަރޭޝަން ކުރަނގީގެ ދަށުން މައުލޫމާތު ނަގާފައިވާ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތްވެސް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.