ENGLISH

16 މޭ 2026

Advertisement

ނޫސްވެރިންގެ ދިފާއުގައި ނުކުމެ ނޫސްވެރިޔަކު ކުރި ސުވާލަށް ހުރަސް އަޅައިފި

16 މޭ 2026

|

އައިމިނަތު ޝަފާ

ރޭގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ؛ ދައުރު ނޫސް

ނޫސްވެރިންގެ ދިފާއުގައިކަމަށް ވިދާޅުވެ ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ހުރަސް އެޅުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ. 

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި ކަމަށް ވިދާޅުވެ ކުރީގެ ތިން ރައީސުން ރޭ ބޭއްވި ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ ތިން ވެރިކަމުގައި ވެސް ގޯސްތައް ހެދިފައިވާކަމަށް ތިން ރައީސުން ވިދާޅުވާ ވާހަކަފުޅުތަކާ ގުޅުވައިގެންނާއި ތިން ވެރިކަމުގައި ނޫސްވެރިންނަށް ކުރިމަތިވި ހުރަސްތަކާ ގުޅޭގޮތުން ސުވާލުކުރައްވާފަ އެވެ. 

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މައްސަލައާއި މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލަ ފެންމަތިވީ ރައީސް ޔާމީންގެ ވެރިކަމުގައި ކަން ނޫސްވެރިޔާ ފާހަގަކުރެއްވި އެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ނިމިގެންދިޔައީ މި ހާދިސަތަކުގެ ފުރިހަމަ ތަހުގީގެއް ނުކުރައްވާކަން ނޫސްވެރިޔާ ފާހަގަކުރެއްވި އެވެ. 

ނޫސްވެރިޔާގެ މިވާހަކަތައް މި ހިސާބަށް ހުއްޓުވައި ރައީސް ޔާމީން ވަނީ ސްކޯޕުން ބޭރަށް ނޫސްވެރިޔާ ދާކަމަށް ވިދާޅުވެފަ އެވެ. 

އޭގެ ފަހުން ސުވާލު ފުރިހަމަ ކުރުމުގެ ފުރުސަތުވެސް ނޫސްވެރިޔާއަށް ރައީސް ޔާމީން ދެއްވާފައެއް ނުވެ އެވެ. އެއަަށްފަހު ރައީސް ޔާމީން ވިދާޅުވީ ވަކި މީހެއްގެ ވެރިކަމުގައި މީހަކު މަރުވުމަކީ އެމީހަކު ޒިންމާވާންޖެހޭ ކަމެއް ނޫންކަމަށެވެ. 

އެއްވެސް ހާލަތެއްގައި ރައީސް ޔާމީންގެ މައްޗަށް ތުހުމަތެއް ނުކުރައްވާކަމަށް ތަކުރާރުކޮށް ބުނަމުންދިޔަ ނަމަވެސް ތިން ރައީސުންވެސް ވަނީ ނޫސްވެރިޔާ ހުއްޓުވަން މަސައްކަތް ކޮށްފަ އެވެ. 

މީގެ އިތުރުން އެހެން ނޫސްވެރިންނަށް ވެސް ރޭގެ ބައްދަލުވުމުގައި އެކި ކަހަލަ ހުރަސްތަކާ ދިމާވިކަމުގެ ވާހަކަތައް ސޯޝަލް މީޑިއާގައި ދަނީ ފެންމަތިވަމުން ނެވެ.

ނޫސްވެރިންގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަދެއްކުމަށް ބޭއްވި ފޯރަމެއްގައި، ނޫސްވެރިންގެ އަޑު ކަނޑުވާލަން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން ނެވެ. އަދި މިކަމުގެ ކަންބޮޑުވުންވެސް ނޫސްވެރިން ހިމެނޭހެން ގިނަ ބަޔަކު އަންނަނީ ފާޅުކުރަމުން ނެވެ. 

ކިޔުންތެރިންގެ ހިޔާލު