ENGLISH

16 މޭ 2026

Advertisement

މަރުތަކަށް އިންސާފު ނުލިބުން އެންމެ ފަހުން އިދާރަތަކުގެ ބޮލަށް؟!

16 މޭ 2026

|

އައިމިނަތު ޝަފާ

ތިން ރައީސުން އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ؛ ސަން.

ރާއްޖޭގައި ގޮތް ނޭނގޭ ގޮތަށް ހިނގާފައިވާ މީހުން ގެއްލުވާލުމާއި، މަރުތަކުގެ ހާދިސާތައް ތަހުގީގުކޮށް އިންސާފު ހޯދައިދިނުމުގެ ޒިންމާ އުފުލަންޖެހޭ ބަޔަކީ ފުލުހުންނާއި ރައްޔިތުންގެ މަޖިލިސްކަން ދޭހަވާ މޭރުމަކުން ކުރީގެ ތިން ރައީސުން ރޭ ވާހަކަފުޅު ދައްކަވައިފި އެވެ. 

ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭއްވެވި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަަލަ އާއި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްްސަލަ އަށް ޔާމީނާއި، ސޯލިހުގެ ދައުރުގައި ވެސް އިންސާފު ނުލިބުނުކަން ފާހަގަކޮށް ނޫސްވެރިޔަކު ވަނީ ދެން ވެރިކަން ލިބިވަޑައިގެންފި ނަމަ އެކަންކަން ތަކުރާރުނުވާނެ ކަމުގެ ޔަގީންކަން ދެއްވިދާނެތޯ އައްސަވާފަ އެވެ. 

ސުވާލަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ އެފަދަ މައްސަލަތަކުގައި ބަލަންޖެހޭނީ އެ މައްސަލައެއް ބަލަން ފުލުހުންނާ ހަވާލުކުރިތޯ ކަމަށާއި ފުލުހުން ރަނގަޅަށް ރަނގަޅަށް މަސައްކަތް ނުކުރާނަމަ ޖަވާބުދާރީ ކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ. 

"ރިލުވާނުގެ މައްސަލަ ވެސް، ދެން ތިބި މީހުންގެ މައްސަލަ ވެސް ހަަމަ ރައީސް ޔާމީން ސަރުކާރުގައި، ވެރިކަމުގައި ތަހުގީގު ފަށްޓާފައި ވަނީ.  ތަހުގީގު ނުނިމި އުޅެނިކޮށް އަޅުގަނޑު ވެރިކަމުން ވަކިވީ. ދެން ކަންތައް ދިޔަ ގޮތް ވެސް ހަމަ، ދެންމެ ސޯލިހު އެ ވިދާޅުވެދެއްވީ. މިއީ ފުލުހުން ކުރަން ޖެހޭ މަސައްކަތެއް ދެއްތޯ؟ ފުލުހުންނަށް އެކަން ނުކުރެވިގެން ދިގުލައިގެން ދާ ކަމަށް ވަންޏާ ރައްޔިތުންގެ މަޖިލީހުން ދެއްތޯ އެމީހުން ހާޒިރުކުރަން ޖެހޭނީ،". ރައީސް ޔާމީން ވިދާޅުވި އެވެ. 

ރައީސް ޔާމީން ވިދާޅުވީ މަރުގެ މައްސަލަތަކުގައި ފެނިގެންދަނީ ރައްޔިތުންގެ މަޖިލިސް ފެއިލްވި މަންޒަރުކަމަށެވެ. ސަރުކާރު ނިމިގެންދާއިރު ހުރިހާ ކަމަކަށް ޒިންމާވާންޖެހޭނީ ރައީސް މީހާ އެކަނި ނޫންކަމަށާއި މުއައްސަސާތަކުން ވަކި ކަމެއް ނުކުރާނަމަ އެކަން ބަލައި ފިޔަވަޅު އެޅުމުގެ ބާރު މަޖިލީހަށް ދީފައިވާކަމަށް ވިދާޅުވި އެވެ. 

"ރައްޔިތުންގެ މަޖިލީހުން އެމީހުން ހާޒިރުކޮށްފައި، މިހާރު މިސާލަކަށް ސަލާމަތީ ކަންކަމާ ބެހޭ ކޮމިޓީ، 241 ކޮމިޓީ ދެއްތޯ، މަޝްހޫރު ކޮމިޓީ، މަޖިލިސް މެންބަރުން، ރައްޔިތުންގެ މަންދޫބުންގެ ފެއިލިއާ އެއް ދެއްތޯ ފެނިގެން މި ދަނީ؟ ފެނިގެން މިއޮއް ދަނީ ހަަމަ އެކަނި ރައީސުލް ޖުމްހޫރިއްޔާއަކަށް ހުންނަ މީހަކަށް ހުންނަ މީހަކު ކަމެއް ނުކުރި ކަމެއް ނޫން،". ރައީސް ޔާމީން ވިދާޅުވި އެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މަރުތަކުގެ މައްސަލަތައް ބަލަަން ކޮމިޝަނެއް ހެދި ކަމަށާއި އެ އެ ކޮމިޝަނުން ޑރ. އަފްރާޝީމްގެ މަރާ ބެހޭ ގޮތުން ތަހުގީގުކޮށް ރިޕޯޓެއް ނެރުނު ކަމަށެވެ. ޔާމީން ރަޝީދުގެ މަރާ ބެހޭ ގޮތުން ތަހުގީގު ކުރުމަށް ފަހު ރިޕޯޓް ހާމަ ނުކުރީ އެ މައްސަލަ ޝަރީއަތުގައި އޮތުމުން ކަމަށް ވިދާޅުވި އެވެެ. 

ނޫސްވެރިޔާ ރިލުވާންގެ މަރުގެ މައްސަލަ ވެސް  ތަހުގީގުކޮށް، އެ މައްސަލާގައި ތުހުމަތު ކުރެވޭ ބަޔަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ދެ ރައީސުންވެސް އެބޭފުޅުންގެ ސަރުކާރުތަކުގައި މިކަންކަން ހިނގިގޮތް ދިފާއުކުރައްވައި އެންމެ ފަހުން ގޮވާލެއްވީ މި ސަރުކާރުން އެކަން ބެލުމަށެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމަށް އެންމެ ބޮޑަށް ވިއްކެވީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އަދި، ބްލޮގަރު ޔާމީން ރަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީ އަދި ގޮތްނޭނގޭ އެހެންވެސް މަރުތަކުގެ ގާތިލުން ހޯދައި އާއިލާތަކަށް އިންސާފު ހޯދައިދިނުމުގެ ވައުދެވެ. ވެރިކަމުގެ ފުރަތަމަ ދުވަހު "ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަން" ގެ ނަމުގައި ކޮމިޝަނެއް އެކުލަވާލައި އެ ކޮމިޝަނަށް މެމްބަރުން އައްޔަންކޮށް މަސައްކަތްތައް ފެށި އެވެ. ނަމަވެސް ވެރިކަން ނިންމާލީ މަރުތަކުގެ އެއްވެސް މައްސަލައަކަށް އިންސާފެއް ނުލިބި އެވެ. 

ކިޔުންތެރިންގެ ހިޔާލު