ENGLISH
16 މޭ 2026
100 މީޓަރު އަޑިއަށް ފީނޭވަރަށް ސިފައިން ތަމްރީނުކުރަނީ
16 މޭ 2026
|
މީހަކު ޑައިވް ކުރަނީ
އެންމެ މަޤްބޫލު
އެމްއެންޑީއެފް ކޯސްޓްގާޑްގެ އޮފިސަރުން 100 މީޓަރު އަޑިއަށް ޑައިވް ކުރެވޭ ވަރަށް ތަމްރީން ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި އެމްއެންޑީއެފްގެ ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމް ވިދާޅުވީ ސިފައިންގެ ޑައިވަރުން ޑައިވްކުރުމަށް ކޮލިފައިވެފައި ތިބެނީ 50 މީޓަރަށް ޑައިވް ކުރުމަށް ކަމަށެވެ.
ސަތޭކަ މީޓަރަށް ޑައިވް ކުރެވޭ ފެންވަރަށް ޑައިވަރުންނަށް ތަމްރީނުކުރުމަށްޓަކައި މިއަހަރު މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށާއި މިކަން ކުރިއަށްދާނީ އަވައްޓެރި ބައެއް ގައުމުތަކުގެ އެހީއާއި، ސަރުކާރުގެ އެހީތެރިކަމާއެކުގައި ކަމަށް ސަލީމް ފާހަގަކުރެއްވި އެވެ.
"ސަރުކާރުގެ އިސްނެގުމާއެކު މިއަހަރުތެރޭގައި 100 މީޓަރަށް ޑައިވްކުރެވޭ ފެންވަރަށް ޑައިވަރުން ގެންދިއުމަށްޓަކައި ޕްރޮގްރާމެއް ފަށާފައިވަނީ. މިމަހުގެ ތެރޭގައި މީގެ ސެކަންޑް ފޭސް ހިނގާނެ. މިއަހަރު ނިމުމުގެ ކުރިން އެއަށް ބޭނުންވާ މީހުން ތަމްރީނުކޮށް ކުރިއަށްގެންދެވޭތޯ މި ބަލަނީ،". ސަލީމް ވިދާޅުވި އެވެ.
ސަލީމް މިހެން ވިދާޅުވިއިރު މި މަހުގެ 14 ވަނަ ދުވަހު ވ. އަތޮޅުގައި ފީނަން ގޮސް އުޅުމުގެ ތެރޭގައި ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމަށް ނުރައްކާތެރި އޮޕަރޭޝަނެއް ވަނީ ފަށާފަ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގައި މިހާތަނަށް ފެނުނު ޑައިވަރުގެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިން ނެވެ. އަދި ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައިކަމަށެވެ.
މި ހަތަރު ޓޫރިސްޓުންނާއި އެ މީހުންގެ އިންސްޓްރަކްޓަރު 60 މީޓަރަށް ފީނިއިރު، ރާއްޖޭގައި އާންމުކޮށް ޑައިވްކުރަން ހުއްދަ އޮންނަނީ 30 މީޓަރަށެވެ.