ENGLISH

16 މޭ 2026

Advertisement

ޤާނޫނާ ޚިލާފުވުމާއި، ނުފޫޒު ފޯރުވުމަކީ ރައީސްގެ ދެކަނބަލުން ކުރައްވާނެ ކަމެއް ނޫން: އިގްބާލް

16 މޭ 2026

|

އައިމިނަތު ޝަފާ

ރައީސް އޮފީހުގެ ވަޒީރު އިގްބާލް ރައީސްއާ އެކު

ޤާނޫނާ ޚިލާފުވުމާއި، ކަންކަމަށް ނުފޫޛު ފޯރުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރައްވާނެ ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރު އިގްބާލް އާދަމް ވިދާޅުވެއްޖެ އެވެ. 

ފިކުރު ތަފާތުވުމަކީ އަނެކާގެ އަބުރު ކަތިލަން އޮތް ޙުއްޖަތެއް ނޫންކަމަށް ވިދާޅުވެ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި އިގްބާލް ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ބަސްބުނުމުގެ ޙައްޤަކީ އިސްލާމްދީން އެންމެހައި މުސްލިމްތަކުންނަށް ކަށަވަރު ކޮށްދެއްވާފައިވާ އިޖުމާލީ އަދި މުފްރަދު ޙައްޤެއްކަމަށެވެ. އެހެންނަމަވެސް މި ހައްގުތައް ދީފައިވަނީ އިންސާނާގެ މައްޗަށް ލާޒިމުވެގެންވާ ވާޖިބުތަކަކާއި، އިންތަކަކާއި، މިންތަކަކާއި، ޙުދޫދުތަކެއްގެ ތެރޭގައި ހިފޭއްޓިގެންވާ ގޮތުގައި ޙައްޤާއި ބާޠިލު ވަކިކޮށްދެމުންކަމަށް ވިދާޅުވި އެވެ. 

"މިނިވަންކަމާއިއެކު ބަސްބުނާ އިންސާނާގެ ދުލުގެ އެއްކޮޅުވެސް އޮތީ ހައްޔަރުވެފަ އެވެ. މިނިވަންކަމާއިއެކު ވައިގެތެރޭގައި ވިހުރެމުންދާ ދިދައިގެ އެއްކޮޅުވެސް ހައްޔަރު ކޮށްފައިވާ ފަދައިންނެވެ. އެއީހަމަ ބުނެވުނު ބީދައިން ނެވެ،". އިގްބާލް ވިދާޅުވި އެވެ. 

ދިވެހިރާއްޖޭގެ ޤާނޫނުއަަސާސީގައި ކަނޑައަޅާ ބަޔާންކޮށް، ޤަބޫލުކޮށްގެން ތިބީވެސް އިސްލާމް ދީނުގައި މިކަން އޮތް ގޮތްކަމަށާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ދެ ވަނަ ބާބުކަމަށްވާ "އަސާސީ ޙައްޤުތަކާއި މިނިވަންކަމާ ބެހޭ ބާބު" ބަލާލައިފިނަމަ ކޮންމެ ރައްޔިތަކަށް މިކަން ސާފުކޮށް ފެންނާނެކަމަށް ވިދާޅުވި އެވެ.

"އާދެ! ދީނުގެ އަޞްލަކާއި ޚިލާފު އެއްވެސް ކަމެއް ކުރުމަކަށް އަޅުގަނޑުމެންގެ ޤާނޫނު އަސާސީވެސް ޖާގައެއް ނުދެއެވެ. އެއީ މާތްވެގެންވާ އިސްލާމްދީން އެފަދަ ކަންކަމަކަށް ހުއްދަ ނުދޭތީ އެވެ،". އިގްބާލް ވިދާޅުވި އެވެ.

އިގްބާލް ވިދާޅުވީ މީހުންގެ އަބުރާބެހުމާއި، ހުތުރު އެއްޗެތި ކިއުމާއި، މީހުންގެ ބޮލުގައި ދޮގު އިލްޒާމުތައް އެޅުވުމާއި، ދޮގު މަޢުލޫމާތުގެ އެހީގައި މަސްލަޙަތު ގެއްލުވާލުމާއި، މުޖުތަމަޢުގެ ހަމަޖެހުން ގެއްލޭފަދަ ކަންކަން ޤަޞްދުގައި ކުރުމާއި، އެއްވެސް ޙައްޤަކާނުލައި މީހުންގެ ޛާތީ ދިރިއުޅުމުގެ ކަންކަމާ ބެހުމަކީ އެއްވެސް މީހަކަށް އޮތް ޙައްޤެއް ނޫންކަމަށެވެ. 

މިފަދަ ކަންކަން ކުރާ ފަރާތްތަކުން، އެއިން ކޮންމެ ކަމެއް އެމީހަކާއި އަރާ ހަމަކުރާނޭ ދުވަހެއް އަންނާނޭކަމާއި، އަދި އެއިން ކޮންމެ ކަމަކަށް އެމީހަކު ޖަވާބުދާރީ ވާން ޖެހޭނޭކަމަށް ވިދާޅުވެ އިގްބާލް ވިދާޅުވީ އަދި މިއިން ކޮންމެ ކަމަކީ ދުނިޔެއާއި އާޚިރަތުގައި ޢަދާލަތު އެމައްޗަށް ގަދަވެގަންނާނޭ ކަމެއްކަން ކޮންމެ މީހަކުމެ ދަނެގެން އުޅުމަކީ ބުއްދިވެރިކަމެއް ކަމަށެވެ. 

އަހަރެމެންގެ ތެރެއިން މަދު ބަޔަކު ނަމަވެސް މިވަނީ ތަހުޛީބުގެ އިންތަކާއި ޙުދޫދުތައް ފަހަނަޅާގޮސް ނާތަހުޛީބުގެ ބައިވެރީންނަށްވެ، ޙައްޤާއި ބާޠިލުގެ މަގުން ކަސިޔާރުވެފައިކަމަށް ވިދާޅުވި އެވެެ. 

"ތިމާ އަނެކުންނާ ދިމާޔަށް ޙަޤީޤަތާ ޚިލާފު ބަސްތައް ބުނެ އެކިއެކި މީސްމީހުންގެ ބޮލުގައި އެއްވެސް ޙައްޤަކާއި ނުލައި އެކިކަލަ ނުރައްކާތެރި ދޮގު އިލްޒާމުތައް އަޅުވަމުން ދާއިރު، އެއަޑުތައް އަހައި އެ މަންޒަރުތައް ދެކި ލޮލުން ކަރުނަ އޮހޮރާނޭ، އެ އިލްޒާމުތައް ނިޞްބަތްވެވޭ އެމީހެއްގެ މައިންބަފައިންނާއި، ފިރީންނާއި، އަންބީންނާއި، ދަރީންނާއި އެއްބަނޑު ތިމާގެ މީހުންނާއި އެނޫން މީހުން ތިބި ފަދައިން، އެފަދަ ވިޔާނުދާ ކަންކަންކުރާ ނާތަހުޛީބުގެ ބައިވެރީންނަށް އެފަދަ ކަންކަން ކުރިމަތިވެ، އެފަދަ އިލްޒާމުތައް އެމީސްމީހުންގެ ބޮލުގައި އެޅިގެންދާ ޙާލަތެއް މެދުވެރިވާ ހިނދު، އެ އަޑުތައް އަހައި، އެމަންޒަރުތައް ދެކި ލޯތަކުން ކަރުނަތައް އޮހޮރާނޭ މައިންބަފައިންނާއި، ފިރީންނާއި، އަނބީންނާއި، ދަރީންނާއި އެއްބަނޑު ތިމާގެ މީހުން އެމީހުންގެ ސިޓިންގް ރޫމްތަކުގައި އެ ދުވަހަކުން ތިބޭނޭކަން އެފަދަ ވިޔާނުދާ ކަންކަން ކުރާ މީހުންވެސް ދަންނާން ވާނެކަމުގައި ދެކެމެވެ،". އިގްބާލް ވިދާޅުވި އެވެ. 

އެގޮތުން ގައުމުގެ ރައީސުލްޖުމްހޫރިއްޔާއަކީ މ. ދިމްޔާޠު ޑރ. މުޙައްމަދު މުޢިއްކަން ޤަބޫލުކުރައްވަން ދަތިވެގެން ބައެއް މީހުން އުޅެ ކަމަށް ވިދާޅުވެ އެފަދަ މީހުންނަށް ރައްދު ދެއްވައި އިގްބާލު ވިދާޅުވީ ސިޔާސީ ފިކުރު ތަފާތުވުމަކީ އަނެކާގެ އަބުރު ކަތިލަން އޮތް ޙުއްޖަތެއް ނޫން ކަމަށެވެ. 

ދިވެހި ރައްޔިތުންގެ އަގުލަބިއްޔަތުން ކަން ނިންމެވި ގޮތުގެ މަތީން، މާތް اللهގެ އިރާދަފުޅާއި މިންވަރުފުޅު އެގޮތުގައި އޮތް ކޮންމެ ހިނދެއްގައި ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ދެންވެސް އަދި މުސްތަޤްބަލުގައިވެސް ހުންނަވާނީ މ. ދިމްޔާޠު ޑރ. މުޙައްމަދު މުޢިއްޒުކަމަގައި އިގްބާލް ވިދާޅުވި އެވެ. 

ރައީސް މުޢިއްޒާއި، ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދާއި، ރައީސް މުޢިއްޒުގެ ބޭފުޅުންނާއި ބެހޭ ގޮތުން ކެނޑިނޭޅި ފަތުރަމުންދާ ދޮގު މަޢުލޫމާތު ފެތުރުމާއި، އެބޭފުޅުންގެ އިސްތަށިފުޅުގައި ދޮގު އިލްޒާމުތައް އަޅުވަމުންދާ ފަރާތްތަކުން އެ ކުރަމުންދާ ޙަޤީޤތާއި ޚިލާފު އެންމެހައި މަސައްކަތްތައް މި ހިނދުން މި ހިނދަށް ހުއްޓަވާލައްވައި، ރިވެތި އަޚްލާޤާއި ސުލޫކުގެ އިމުގެ ތެރެއަށް އެފަދަ ކޮންމެ ބޭފުޅަކުމެ ވެދެވަޑައިގަތުމަށް އިގްބާލް އިލްތިމާސް ކުރެއްވި އެވެ. 

ރައީސް މުޢިއްޒުގެ ޢާއިލާއާއި ބެހޭ ގޮތުން ކިތަންމެ ވަރަކަށް ދޮގު މަޢުލޫމާތު ފަތުރައި، ރައީސްގެ އިސްތަށިފުޅުގައި ކިތަންމެ ވަރަކަށް ދޮގު އިލްޒާމުތައް އެޅުވިޔަސް، އަދި ކިތަންމެ ވަރަކަށް ރައީސްގެ ޒާތީ ދިރިއުޅުއްވުމާ ބެހުނަސް، މާތް الله ގެ އިރާދަފުޅާއިއެކު ރައީސް މުޢިއްޒުގެ ސަޚްޝަކަށް އެއްވެސް ލޮޅުމެއް ނާރާނެކަމަށް ވެސް ވިދާޅުވި އެވެ. 

"ކިލަނބު ކަމެއްވެސް ނުގެނެވޭނެއެވެ. ސިހުމެއްވެސް ނުދެވޭނެއެވެ. އަދި އެމަނިކުފާނުގެ މުރާލިކަމަށް ބަދަލެއްވެސް ނާންނާނެއެވެ،". އިގްބާލް ވިދާޅުވި އެވެ. 

އިގްބާލް ވިދާޅުވީ ރައީސް މުޢިއްޒާއި ފަސްޓް ލޭޑީ ސާޖިދާއަކީ ނުހަނު ކެތްތެރި، ނުހަނު ހިތްތިރި، އެހައިމެ ޢަޒުމް ވަރުގަދަ ބޭފުޅުންކަމަށެވެ.  މާތްވެގެންވާ އިސްލާމް ދީނުގައި ހުއްދަނޫން އެއްވެސް ކަމެއް މިއިން ބޭފުޅަކު ނުކުރައްވާނެކަމަށާއި އަދި ޤާނޫނާ ޚިލާފުވުމާއި، ކަންކަމަށް ނުފޫޛު ފޯރުވުމަކީ ރައީސް މުޢިއްޒާއި ފަސްޓް ލޭޑީ ސާޖިދާގެ ޠަބީޢަތާއި އެއްވެސް ގޮތަކުން ގުޅޭ ކަންކަމެއް ނޫންކަމަށް ވިދާޅުވި އެވެ.  މިފަދަ އެއްވެސް ކަމެއް މިއިން އެއްވެސް ބޭފުޅަކު ނުކުރައްވާނޭކަމުކަމުގެ ޔަގީންކަން ދެއްވަނީ އެންމެ ރަނގަޅަށް އެ ދެބޭފުޅުން ދަންނަ މީހެއްގެ ޙައިޘިއްޔަތުން ކެރި ހުރެގެންކަމަށް އިގްބާލް ވިދާޅުވި އެވެ. އިގްބާލަކީ ރައީސް ޑރ. މުއިއްޒުއާ އާއިލީގޮތުން ގާތް އެމަނިކުފާނުގެ ބޭބޭފުޅެކެވެ. 

ޕޯސްޓު ނިންމަވާލައްވަމުން އިގްބާލް ވިދާޅުވީ ރައީސް މުޢިއްޒާއި ފަސްޓް ލޭޑީ ސާޖިދާއަކީ ރިވެތި އަޚްލާޤާ ސުލޫކު ފަހަނައަޅާ ވަޑައިގަންނަވާނޭ ބޭފުޅުންނެއް ނޫނެންކަމަށާއި އަދި ވާޖިބަށް ފުރަގަސް ދެއްވާނޭ ބޭފުޅުންނެއްވެސް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު