ENGLISH
15 މޭ 2026
ހައްޖުވެރިންނަށް ސިއްހީ ހިދުމަތްދޭ ކްލިނިކެއް ގާއިމުކޮށްފި
15 މޭ 2026
|
ހައްޖުވެރިންނަށް ހިދުމަތްދޭން މައްކާ ހޮޓަލުގައި ގާއިމުކުރި ކްލިނިކް. ފޮޓޯ؛ ހައްޖު ކޯޕަރޭޝަން
އެންމެ މަޤްބޫލު
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްދާ ހައްޖުވެރިންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް މައްކާ ހޮޓަލުގައި ކްލިނިކެއް ގާއިމުކޮށްފި އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ އެ ކޯޕަރޭޝަނުން އެންމެ އިސްކަންދެނީ ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ.
މި ކްލިނިކް ހިންގާނީ ޙައްޖު ކޯޕަރޭަޝަނާއި ސައުދީގެ ނޭޝަނަލް ހޮސްޕިޓަލް ގުޅިގެން ނެވެ. މި ކްލިނިކް ގާއިމުކޮށްފައިވަނީ ސައުދީ ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑަށްކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.
މިއީ ހައްޖާއި އުމްރާގެ އަޅުކަމަށް މައްކާއަށްދާ ދިވެހިންނަށް ސިއްހީ ގޮތުން ދިމާވާ އެކި ކަހަލަ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދީ، ލުއިފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ މަގުސަދުގައި ހިންގާ ކްލިނިކެކެވެ.
ހައްޖު ކޯޕަރޭޝަންގެ މެޑިކަލް ޓީމުގައި ހަތަރު ޑޮކްޓަރުންނާއި ފަސް ނަރުހުންނާއި ހޮސްޕިޓަލަށް ހައްޖުވެރިޔަކު ގެންދަން ޖެހިދާނެ ހާލަތަކަށް ތައްޔާރުވެ އޮތުމުގެ ގޮތުން 24 ގަޑިއިރު ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގައި އެމްބިއުލާންސް ހިދުމަތް ވަނީ ގާއިމުކޮށްފަ އެވެ. ހައްޖު ކޯޕަރޭޝަނުން ބުނީ މި ކްލިނިކުން ޑޮކްޓަރުންގެ ހިދުމަތްވެސް 24 ގަޑިއިރު ހައްޖުވެރިންނަށް ލިބޭނެ ކަމަށެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަމަށްދާ ދިވެހި ހައްޖުވެރީންގެ ފުރަތަމަ ގްރޫޕް މިއަދު ފުރާފައިވާއިރު ދެ ވަނަ ގްރޫޕް ފުރާނީ އާދިއްތަ ދުވަހު އެވެ.