ENGLISH
15 މޭ 2026
ގެއްލުނު ޑައިވަރުން ހޯދުމަށް ސިފައިން ކުރިއަށްގެންދާ އޮޕަރޭޝަން ރައީސް ބައްލަވާލައްވައިފި
15 މޭ 2026
|
ދިފާއީ ބާރުން ކުރިއަށްގެންދާ އޮޕަރޭޝަންގެ މައުލޫމާު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަރުވަނީ . ފޮޓޯ؛ސޯޝަލް މީޑިއާ
އެންމެ މަޤްބޫލު
ވ.އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ހަތަރު މީހުން ހޯދުމަށް ރާއްޖޭގެ ދިފާއީ ބާރުން ކުރިއަށްގެންދާ އޮޕަރޭޝަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވައިފި އެވެ.
މި ހާދިސާ ހިނގި ކަމަށް ބެލެވޭ ސަރަހައްދަށް ރައީސް ކުރެއްވި މި ޒިޔާރަތުގައި، ރާއްޖޭގެ ދިފާއީ ބާރުން ކުރިއަށްގެންދާ ރެސްކިއު އޮޕަރޭޝަންގެ އެންމެ ފަހުގެ މައުލޫމާތު ހޯއްދެވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ހާރިޖީ ވަޒީރު އިރުދިޝާމް އާދަމް، ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން، ދާހިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިޙުސާންގެ އިތުރުން ސަލާމަތީ ބާރުތަކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.
ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ ފަސް ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު-- އެމްއާރުސީސީއަށް ލިބިފައިވަނީ އިއްޔެ މެންދުރު 13:45 ހާއިރެވެ. އެ މައުލޫމާތު ލިބުމާއެކު އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފްއިން ފަށާފައިވާކަމަށާއި މި މަސައްކަތުގައި ސަފާރީއާއި، ވ.އަތޮޅު ޕޮލިސް ސްޓޭޝަނުގެ އިތުރުން އަލިމަތާ ރިސޯޓުގެ އެހީތެރިކަން ލިބެމުންދާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އޮޕަރޭޝަން ކުރިއަށްގެންދާއިރު އެ ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ ހަރަކާތްތެރިވަމުން ދެއެވެ.
މި އޮޕަރޭޝަން ހިނގާ ގޮތް ބައްލަވާލެއްވުމަށްޓަކައި އެ އުޅަނދުގައި އިޓަލީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވެސް އެބަ އިންނެވި އެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން، ރައީސް މުއިއްޒު، އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާއަށާއި އެގައުމުގެ ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެ އެކްސްގައި ޕޯސްޓެއް ވަނީ ކުރައްވާފަ އެވެ. މި ޕޯސްޓުގައި އެމަނިކުފާނު ވަނީ ގެއްލިފައިވާ އިޓަލީވިލާގެ ރައްޔިތުން ހޯދުމުގެ މަސައްކަތް ހާއްސަ އިސްކަމެއްދެއްވައިގެން ކުރަމުންދާކަމަށް ވިދާޅުވެފަ އެވެ.