ENGLISH
15 މޭ 2026
އިޓަލީގެ ޑައިވަރުންތަކެއް ގެއްލުން: ރައީސްގެ ތަޢުޒިޔާ، މީހުން ހޯދުމުގެ މަސައްކަތަށް ޚާއްސަ އިސްކަމެއް
15 މޭ 2026
|
ދެ ޤައުމުގެ ރައީސުން
އެންމެ މަޤްބޫލު
ފެލިދެއަތޮޅުގައި ފީނަން ގޮސް އުޅުމުގެ ތެރޭގައި ގެއްލުނު، އިޓަލީ ވިލާތަށް ނިސްބަތްވާ ފަސް ޑައިވަރުންގެ ތެރެއިން އެކަކު ނިޔާވެ، އިތުރު ހަތަރު ޑައިވަރުން ގެއްލުނު ހިތާމަވެރި ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ރައީސް ސަރޖިއޯ މަޓަރެއްލާއަށާއި، އެ ޤައުމުގެ ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.
އެކްސްގައި ހިއްސާކުރެއްވި ތައުޒިޔާގެ މެސެޖުގައި އެމަނިކުފާނު ވަނީ، މި ހާދިސާއާ ގުޅިގެން ފުން ހިތާމައެއް ލިބިވަޑައިގެންފައިވާކަމަށާ، ނިޔާވި މީހާއާއި ގެއްލިގެން ހޯދަމުންދާ މީހުންގެ ޢާއިލާތަކާއި ހެޔޮ އެދޭ ފަރާތްތަކަށް، ހެޔޮ ދުޢާކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.
އަދި ގެއްލިފައިވާ ހަތަރު މީހުން ހޯދުމުގެ މަސައްކަތް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވި އެވެ. އަދި މިކަމަށްޓަކައި ކުރިއަށްގެންދާ ރިކަވަރީ އޮޕަރޭޝަންގައި އިޓަލީވިލާތުގެ ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްވެސް އެމަނިކުފާނު ވަނީ ޝުކުރުއަދާކުރައްވާފައެވެ.
ވ.އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ފަސް ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނިފައިވާއިރު ބާކީ ތިބި މީހުން ވަނީ ކޭވްއެއްގެ ތެރޭ ތާށިވެފައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
އެކެއްގެ ހަށިގަނޑު ފެނިފައިވަނީ، އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށް، އިއްޔެ 18:13 ހާއިރު މޫދު އަޑިންނެވެ.
މި ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިންނެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގަ އެވެ. މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވަތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ޚާއްޞަ ސާމާނު ފޮނުވާ ފުރަތަމަ ޑައިވް ވަނީ ކޮށްފަ އެވެ.