ENGLISH
15 މޭ 2026
ނަކްބާއަށް 78 އަހަރު: ފަލަސްތީނު ޗާޓުން ފޮހެލަން ކުރާ މަސައްކަތް
15 މޭ 2026
|
މިއަދު ނަކްބާގެ ހާދިސާއަށް މިވަނީ 78 އަހަރު ފުރިފައި
އެންމެ މަޤްބޫލު
ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވި "ނަކްބާ" ނުވަތަ ބޮޑު ކާރިސާއަށް މިއަދު 78 އަހަރު ފުރިއްޖެ އެވެ.
"ނަކްބާ" ދުވަހުގެ ގޮތުގައި ފާހަގަކުރަނީ މޭ މަހުގެ 15 ވަނަ ދުވަހެވެ. އަދި އަންނަ ޖޫން މަހުގެ 5 ވަނަ ދުވަސް އެމީހުން ފާހަގަކުރަނީ 'ނަކްސާ" ދުވަހުގެ ގޮތުގަ އެވެ. "ނަކްބާ"ގެ މާނައަކީ މުސީބާތެވެ. ފަލަސްތީނު މީހުން ނަކްބާ ދުވަސް ފާހަގަކުރަނީ އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި ފަލަސްތީނު ބޭއްވުމަށް ފަހު ޔަހޫދީންނަށް ދައުލަތް ހަދައިދޭން ވެގެން އެމީހުންގެ ގެދޮރުން ނެރެލައި، އެމީހުންގެ ބިންތައް ހުސްކުރި އަނިޔާވެރި ދުވަސްތަކުގެ ހަނދާންތައް އާކުރުމަށެވެ. ފަލަސްތީނު މީހުންގެ ބިންތައް ހުސްކޮށް ޔަހޫދީންނަށް ދިނުމުގެ އަނިޔާވެރި އަމަލު ހިންގީ 1947 ވަނަ އަހަރާއި 1948 ވަނަ އަހަރު އެވެ.
ނަކްބާ ކާރިސާގައި 750,000 ފަލަސްތީނު ރައްޔިތުން އެމީހުންގެ އަމިއްލަ ގެދޮރާއި ބިމުން ނެރެލައި، ފަލަސްތީނުގެ ބިމުގެ 78 އިންސައްތަ ސަހުޔޫނީން ހިސާރުކުރި އެވެ. މި އިސްތިއުމާރުގެ ދަށުން ބާކީވި އަނެއް 22 އިންސައްތަ ބިމަކީ މިހާރު ހަނގުރާމައިގެ ނުރައްކަލުގައި އޮތް ޣައްޒާ އާއި އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރި އެވެ.
ފަލަސްތީނުގެ ބިންތައް ފޭރިގަތުމަށްފަހު ސަހުޔޫނީން އެބައިމީހުންގެ މަސައްކަތް ހުއްޓާލީކީ ނޫނެވެ. ފަލަސްތީނުގެ އަސްލު ވަޒަންވެރިންގެ އައިޑެންޓިޓީ އާއި ތާރީހީ ހެކިތައް ފޮހެލުމަށްޓަކައި، ރަށްތަކުގެ ނަންތައް ވެސް ބަދަލުކުރަން ފެށި އެވެ.
މިގޮތުން އަރަބި ބަހުން ކިޔައި އުޅުނު ގިނަ ރަށްތަކެއްގެ ނަންތައް ވަނީ ހިބްރޫ ބަހަށް ބަދަލުކޮށްފަ އެވެ. ފަލަސްތީނުގެ ކޮންމެ ރަށެއްގެ ނަމަކީ އެ ރަށެއްގެ ސަގާފަތާއި، ތާރީހާއި، އަދި އެތަނެއްގައި އުޅުނު މީހުންގެ ހަނދާންތަކާ ގުޅިފައިވާ މުހިންމު ބަހާއެކެވެ. ނަންތައް ބަދަލުކުރުމުގެ މައިގަނޑު ބޭނުމަކީ އެ ބިމަކީ ފަލަސްތީނުގެ ރައްޔިތުންގެ ބިމެއް ނޫންކަން ދެއްކުމާއި، ތާރީހުން އެމީހުންގެ ނަން ފޮހެލުމެވެ.
ސަހުޔޫނީންގެ މި އަމަލުތަކާ ގުޅިގެން އަލްޖަޒީރާއިން މިހާރު ވަނީ ފަލަސްތީނުގެ 10 ރަށެއްގެ ނަމުގެ މާނައާއި އެ ނަންތަކުގެ ފަހަތުގައިވާ ތާރީހީ ވާހަކަތައް ހިމެނޭ "ވިޝުއަލް ޓުއާ" އެއް ތައްޔާރުކޮށްފަ އެވެ. މި ޓުއާގެ އެހީގައި، އިސްތިއުމާރުގެ ކުރިން އެ ރަށްތަކުގެ ހާލަތާއި، އެ ރަށްތަކަށް ކިޔައި އުޅުނު އަސްލު ނަންތަކުގެ މުހިންމުކަން ދުނިޔެއަށް ހާމަކޮށްދީ ފަލަސްތީނުގެ ތާރީހު ރައްކާކުރެވޭނެ އެވެ. މި "ވިޝުއަލް ޓުއާ" ގައި ޤުދުސްއާއި، ބައިތުއްލަހަމް އަދި އިބްރާހީމްގެފާނަށް ނިސްބަތް ކުރެވޭ އަލް ޚަލީލް އަވަށާއި، އަރީހާގެ އިތުރުން ގަލީލީ ކޯރާ އިންވެގެން އޮންނަ ސަރަހައްދުތައް ހިމެނެ އެވެ.
ފަލަސްތީނުގެ ރައްޔިތުން ބިމާއި ވަޒަނުން ނެރެލެވުނު ނަމަވެސް، އެމީހުންގެ ހިތްތަކުން އެ ބިމުގެ އަސްލު ނަންތަކާއި ހަނދާންތައް ފޮހެލުމަކީ ސަހުޔޫނީންނަށް ކުރެވޭނެ ކަމެއް ނޫނެވެ.
ޔަހޫދީން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް މިފަހުން ވަރުގަދަކޮށްފައިވާއިރު 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ފެށި ހަނގުރާމައިގައި މިހާތަނަށް 70،000 އަށް ވުރެ މުސްލިމުން ވަނީ ޝަހީދުކޮށްލާފަ އެވެ.