ENGLISH
15 މޭ 2026
ސޯޝަލް މީޑިއާ ބޭނުން ކުރުމުގެ ސަބަބުން އެކަނިވެރިވާ ކަމުގެ އިހްސާސްވޭތަ؟
15 މޭ 2026
|
ސޯޝަލް މީޑިއާގެ ސަބަބުން އެކަނިވެރިވާކަން އިހުސާސްވޭ. -- ފޮޓޯ: ޕީޕަލް.ކޮމް
އެންމެ މަޤްބޫލު
އެމެރިކާގެ ޕަބްލިކް ހެލްތު ސާވިސްގެ ރަސްމީ މަޖައްލާ ކަމަށްވާ "ޕަބްލިކް ހެލްތު ރިޕޯޓްސް" ގައި ޝާއިޢުކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ސޯޝަލް މީޑިއާ ބޭނުންކުރުމަކީ ރަހުމަތްތެރިކަން ވަރުގަދަކޮށްދޭ ކަމެއް ނޫނެވެ. އެހެންނަމަވެސް ގިނަ އިރު ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރުމުގެ ސަބަބުން މީހާ އިތުރަށް އެކަނިވެރި ވެދާނެ ކަމަށް ދިރާސާއިން ހާމަވެފައިވެ އެވެ.
އެމެރިކާގައި 30 އަހަރާއި 70 އަހަރާ ދެމެދުގެ 1500 މީހުން ބޭނުން ކޮށްގެން ދިރާސާ އެއް ވަނީ ހަދައިފަ އެވެ. މި ދިރާސާއިން އެނގުނު ގޮތުގައި ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރާ މީހުންގެ ތެރެއިން ދުވަހަކުވެސް އަމަލީ ގޮތުން ދިމާނުވާ މީހުން ގިނަނަމަ، އެ މީހެއްގެ އެކަނިވެރިކަން އިތުރެވެ އެވެ. މި ދިރާސާގައި އިސްކޮށް އުޅުއްވި އޮރެގަން ސްޓޭޓް ޔުނިވަރސިޓީގެ ޕްރޮފެސަރ ޑރ. ބްރަޔަން ޕްރިމެކް ބުނި ގޮތުގައި، ގާތް ރަހުމަތްތެރިންނާ ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނައިން މުއާމަލާތް ކުރުމަކީވެސް އެކަނިވެރިކަން ކުޑަކޮށްދޭ ކަމެއް ނޫނެވެ.
މީގެ ކުރީގެ ދިރާސާތައް ބޮޑަށް ހެދިފައި ހުންނަނީ ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންނަށް ކުރާ އަސަރުތަކުގެ މައްޗަށެވެ. ނަމަވެސް، މި އައު ދިރާސާއިން ބޮޑެތި މީހުންނަށް އޮންލައިން ގުޅުންތަކުގެ ސަބަބުން ކުރާ އަސަރުތައް އެނގިގެންދާ ކަމަށް ޕްރިމެކް ބުނެފައިވެ އެވެ. ޕްރެމިކް ބުނީ، އެކަނިވެރި މީހުން އޮންލައިންކޮށް ނުދަންނަ މީހުންނާ ގުޅުން ބަދަހިކުރަނީތޯ ނުވަތަ ނުދަންނަ މީހުންނާ ގުޅުން ބަދަހިކުރުމުން އެކަނިވެރިވަނީތޯ ސާފުނުވި ނަމަވެސް، ބޮޑަށް ބެލެވެނީ މި ދެ ގޮތްވެސް ދިމާވާ ކަމަށެވެ.
އަމަލީ ދިރިއުޅުމުގައި ރަހުމަތްތެރިން ތިބުމަކީ އެކަނިވެރިކަން ފިލުވައިދޭ ކަމެއްކަން އެތައް ދިރާސާއަކުން ސާބިތުވެ އެވެ. ނަމަވެސް، އޮންލައިންކޮށް ގުޅުން ބޭއްވުމަކީ އޭގެ ބަދަލުގައި ކުރެވޭނެ ކަމެއް ނޫން ކަމަށް ޕްރިމެކް ބުނެފައިވެ އެވެ.
ޕްރިމެކް މިކަން ސިފަކުރީ އާފަލުގެ ބަދަލުގައި އާފަލު ރަހަދޭ "ސީރިއަލް" އެއް ކެއުމާ އެވެ. އޭނާ ބުނީ، އެ ސީރިއަލްއިން ބަނޑުފުރޭނެކަމަށާއި، ކެލޮރީ ވެސް ލިބި އަދި ރަހަވެސް މީރުވާނެ ކަމަށެވެ. އެހެންނަމަވެސް އިންސާނާގެ ހަށިގަނޑަށް ބޭނުންވާ އަސްލު މާއްދާތަކެއް އޭގައި ނުހުންނާނެ ކަމަށް ޕްރިމެކް ބުންޏެވެ.
މި ފަރަގުގެ ސަބަބުން ގިނަ ބަޔަކު އެކަނިވެރިވާކަން ހާމަވެގެން ގޮސްފައިވެ އެވެ. އިޖުތިމާޢީ ގުޅުންތަކާ ދުރުވުމަކީ ދުވާލަކު 15 ސިނގިރޭޓް ބުއިމާ އެއްވަރުގެ ސިއްހީ ގެއްލުމެއް ލިބޭ ކަމެއް ކަމަށްވެސް ދިރާސާވެރިން ފާހަގަކޮށްފައިވެ އެވެ.
އަމަލީ ދިރިއުޅުމުގައި ރަހުމަތްތެރިން ހޯދަމާ
އެކަނިވެރިކަމުން ސަލާމަތްވުމަށްޓަކައި އަމަލީ ދިރިއުޅުމުގައި ރަހުމަތްތެރިން ބޭނުންވެ އެވެ. އެކަށީގެންވާ ވަރަށް ރަހުމަތްތެރިން ނެތުމަކީ ވަރަށް އާންމު ކަމެއް ކަމަށް ނަފްސާނީ އިލްމުވެރިޔާ މެލިސާ ގްރީންބާގް ބުނެފައިވެ އެވެ. އޭނާ ބުނި ގޮތުގައި މިއީ ތިމާގެ އެއްވެސް އައިބެއް ނުވަތަ މައްސަލައެއް އުޅޭތީވާ ކަމެއް ނޫނެވެ.
މިކަން ބަދަލުކުރުމަށްޓަކައި، ފޮތް ކިޔާ، ކަސްރަތު ކްލާސްތަކާއި، ކުރެހުމުގެ ކްލާސްތަކުގައި ބައިވެރިވުމަށް އޭނާ ލަފާދީފައިވެ އެވެ. މީގެ އިތުރުން ދީނީ ޖަމާއަތްތަކުގައި ބައިވެރިވުމަކީވެސް ކުރެވިދާނެ ކަމެކެވެ. އަދި ކޮންމެ ތަނަކަށް ދިޔަ ނަމަވެސް، ފޯނާ ދުރުވުމަށާއި، ފޯނަށް ގެއްލިފައި ހުންނަނަމަ، ވަށައިގެން ތިބޭ މީހުންނާ ގުޅުން އުފެއްދުމަށް ހުރަސް އެޅިގެންދާނެކަމަށް ބުނެފައިވެ އެވެ.
ސޯޝަލް މީޑިއާ ބޭނުންކުރާނަމަ
ރަހުމަތްތެރިކަން ދެމެހެއްޓުމަށް ސޯޝަލް މީޑިއާ ބޭނުންކުރުމަށް ގްރީންބާގް ތާއީދެއް ނުކުރެ އެވެ. ނަމަވެސް، ބޭނުންކުރާނަމަ، މީހުންގެ ޕޯސްޓްތައް ބަލައިލުމުގެ ބަދަލުގައި، މެސެޖުކޮށްގެން ނުވަތަ ކޮމެންޓްކޮށްގެން އަމަލީ ގޮތުން މުއާމަލާތް ކުރުން ރަނގަޅު ކަމަށް ބުނެފައިވެ އެވެ. ހަމައެކަނި މީހުންގެ ޕޯސްޓްތައް ބަލަން ހުރުމަކީ ނަފްސާނީ ބަލިމަޑުކަމާއި ހާސްކަމަށް މަގުފަހިވާ ކަމެކެއް ކަމަށްވެސް ދިރާސާވެރިން ބުނެފައިވެ އެވެ.
ޕްރިމެކް ބުނި ގޮތުގައި، ސޯޝަލް މީޑިއާ ބޭނުންކުރާއިރު ތިމާ މުއާމަލާތް ކުރަނީ ކޮން ބަޔަކާކަމާއި، އެ ގުޅުން ދަމަހައްޓަން ބޭނުންވޭތޯ އަމިއްލައަށް ވިސްނާލުން މުހިންމު ކަމަށެވެ.
މި ދިރާސާއިން އެނގޭ އެންމެ މުހިންމު ކަމަކީ، އެކަނިވެރިކަމުން ދުރުވުމަށްޓަކައި ފޯނާއި ޓެކްނޮލޮޖީއާ ދުރުވެ، އަމަލީ ގޮތުން މީހުންނާ ބައްދަލުކޮށް ގުޅުން ބަދަހިކުރަން ޖެހޭ ކަމެވެ.