ENGLISH
15 މޭ 2026
ވިސާއާ ނުލައި ސީޝެލްސްއަށް 30 ދުވަހަށް ދަތުރުކުރެވޭނެ ގޮތް ހަމަޖައްސައިފި
15 މޭ 2026
|
ދިވެހިރާއްޖެ އާއި ސީޝެލްސް އާ ދެމެދު ވިސާއާ ނުލައި 30 ދުވަހަށް ދަތުރުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ޚާރިޖީ ވުޒާރާ
އެންމެ މަޤްބޫލު
ދިވެހި ރާއްޖެ އާއި ސީޝެލްސްއާ ދެމެދު ވިސާއާ ނުލައި 30 ދުވަހުގެ މުއްދަތަށް ދަތުރުކުރެވޭ އެއްބަސްވުމެއް ޤާއިމްކޮށްފި އެވެ.
މި އެއްބަސްވުން ޤާއިމްކޮށްފައިވަނީ، ސީޝެލްސްގެ ޚާރިޖީ ވަޒީރު ބެރީ ފޯރ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، ދިވެހި ރާއްޖެއާއި ސީޝެލްސްއާ ދެމެދު ވިސާ ނެގުމަކާ ނުލައި ދަތުރުކުރެވޭނެ އެއްބަސްވުމަށް މެއި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ރައްޔިތުންނަށް ވެސް ވިސާއާ ނުލައި 30 ދުވަހު ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވަޒީރު އިރުތިޝާމް ވިދާޅުވި އެވެ.
ޚާރިޖީ ވުޒާރާއިން ފާހަގަކުރެއްވީ، ސީޝެލްސްގެ ޚާރިޖީ ވަޒީރުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަކީ، ދެގައުމުގެ ޚާރިޖީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ މުހިއްމު ކަމެއް ކަމަށެވެ. މީގެ އިތުރުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ދެ ގައުމުގެ މެދުގައި އޮންނަ ގާތް ގުޅުމާއި ، ރަހްމަތްތެރިކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ސިފަ ކުރައްވާފައިވެ އެވެ.
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އިތުރަށް ވިދާޅުވީ، މި ތާރީޚީ ނިންމުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ފަތުރުވެރިކަމާއި އެދާރާއާއި ގުޅުން ހުރި އިންވެސްޓްމަންޓްތަކަށް އައު ދިރުމެއް ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ދެ ގައުމުގެ ރައްޔިތުންނަށް ވެސް ހިތްގައިމު ރަށްތަކާއި، ކަނޑުފަޅުތަކުގެ ރީތިކަން ތަޖުރިބާކޮށް، އުފާ ހޯދުމަށް މި އެއްބަސްވުމުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ދިވެހިރާއްޖެއިން ސީޝެލްސްއާއެކު ރަސްމީކޮށް ޚާރިޖީ ގުޅުން ޤާއިމުކުރީ، 1 ޖުލައި، 1980ގަ އެވެ. މިއަހަރު ދެގައުމުގެ ގުޅަމަށް 46 އަހަރު ފުރޭނެ އެވެ.