ENGLISH
15 މޭ 2026
ހާޖީންގެ ހުރިހާ އިންތިޒާމްތަކެއް ވަނީ ވަރަށް ފުރިހަމައަށް ގާއިމްކުރެވިފައި: ވަޒީރު ޑރ. ޝަހީމް
15 މޭ 2026
|
ހައްޖުވެރިން ފުރުމުގެ ކުރިން އެއާޕޯޓްގެ ތައްޔާރީތައް ވަޒީރު ބައްލަވާލެއްވުން-- ފޮޓޯ: އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގެ ހައްޖުވެރިން ފުރުމުގެ ކުރިން އެއާޕޯޓްގެ ތައްޔާރީތައް ބައްލަވާލެއްވުމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙަމަދު ޝަހީމް އަލީ ސައީދު ޒިޔާރަތްކުރައްވައިފި އެވެ.
މި ޒިޔާރަތަށްފަހު ވަޒީރު ވިދާޅުވީ، ހުރިހައި އިންތިޒާމްތަކެއް ވަރަށް ފުރިހަމައަށް އިންތިޒާމް ކުރެވިފައިވާ ކަމަށެވެ. ވަޒީރު ފާހަގަކުރެއްވީ މައްކާގައި ހާޖީން ތިބޭ ހޮޓަލްގެ އެންމެހާ އިންތިޒާމްތައް ވެސް ޙައްޖު ކޯޕަރޭޝަނުން ގާއިމްކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ޙައްޖު މިޝަންއިން ވެސް މައްކާގައި ހަރަކާތްތެރިވަމުން އަންނަކަން ފާހަގަކުރެއްވި އެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވީ، މުއައްސަސާތަކުން ދިވެހި ހާޖީންނަށް ފޯރުކޮށްދޭންޖެހޭ އެންމެހާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ސާބިތުވެގެން ތިބި ކަމެވެ. މިއަހަރުގެ ހައްޖު ދަތުރުގައި ހާޖީންނަށް ފޯރުކޮށްދޭންޖެހޭ އެންމެހާ ހިދުމަތް ފޯރުކޮށްދެވި، އަޅުކަން އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވުމަކީ ވަޒީރު އުއްމީދު ކުރައްވާ ގޮތް ކަމަށް ވިދާޅުވި އެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ހައްޖަށްދާ މީހުންގެ ފުރަތަމަ ގްރޫޕް މިއަދު ފުރާނެ އެވެ. ރާއްޖެއިން ޙައްޖަށްދާ މީހުންގެ ފުރަތަމަ ފްލައިޓުގައި 235 މީހުން ސަޢޫދިއާ އެއާލައިންގައި ފުރުމަށް ހަމަޖެހިފައިވަނީ 15:25 ގަ އެވެ.
މިއަހަރުވެސް ދިވެހި ޙައްޖުވެރިން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތަކުގެ ތެރެއިންނެވެ. އެގޮތުން ޙައްޖުވެރިން ފުރުމަށްޓަކައި ރާއްޖޭގައި ވާން ޖެހޭ ތައްޔާރީތަކުގެ ތެރޭގައި ހިމެނޭ މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ވަނީ ފުރިހަމަކޮށްފަ އެވެ.
މީގެ އިތުރުން، ދިވެހި ޙައްޖުވެރިން މައްކާއަށް ދިއުމުގެ ކުރިން މައްކާގައި ފުރިހަމަ ކުރަންޖެހޭ އެންމެހާ އިންތިޒާމުތަކެއް ވެސް ޙައްޖު ކޯޕަރޭޝަނުން މިހާރު ވަނީ ފުރިހަމަކޮށްފަ އެވެ. އޭގެ ތެރޭގައި ދިވެހި ޙައްޖުވެރިން ތިބޭ ހޮޓަލުގެ އިންތިޒާމުތަކާއި، އެތެރޭގެ ދަތުރުފަތުރާއި އަދި މިނާއާއި ޢަރަފާތުގައި ފުރިހަމަ ކުރަން ޖެހޭ އެންމެހާ އިންތިޒާމުތަކެއް ވެސް މުޠައްވިފާއި ގުޅިގެން ފުރިހަމަކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.
މިއަހަރަކީ ވެސް ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ ޚިދުމަތްތަކެއް ދެވިގެންދާނެ އަހަރަކަށް ހެދުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ އަދި ޙައްޖު ކޯޕަރޭޝަން ގުޅިގެން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.