ENGLISH

15 މޭ 2026

Advertisement

40 މޭލަށް ވައިދަގަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

15 މޭ 2026

|

އާމިނަތު ނުޒްލާ

ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވެ ހުދު ސަމާލު ވަނީ ނެރެފައި.

މިއަދު މެންދުރު 2 އިން ފެށިގެން އިރުއޮއްސި 7 އާ ހަމައަށް، ކ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފައި ވަނީ ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި މި ހިސާބުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

މީގެ އިތުރުން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހެނދުނު 8:00 އިން 14:00 އަށްވެސް ހުދު ސަމާލު ނެރެފައިވެ އެވެ.

ފާއިތުވި 24 ގަޑިއިރަށް ބަލާއިރު އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރެކޯޑް ކުރެވިފައިވަނީ ހުޅުމާލެ އަށެވެ. އެއީ 68.2 މިލިމީޓަރުގެ ވާރޭ އެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑް ކުރެވިފައިވަނީ ހުޅުލެ އަށެވެ. އެއީ 59.7 މިލިމީޓަރުގެ ވާރޭ އެވެ.

މޫސުން ގޯސްވެ، ކޮޅިގަނޑުގައި ވައިގަދަވާނެ ކަމަށް ލަފާކޮށް އެކަމަށް ކަނޑުދަތުރު ކުރާ ފަރާތްރަކުން ސަމާލުވުމަށް އެމްއެންޑީއެފް އިން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވިލާގަނޑުގައި އެންމެ ވައިގަދަވިކަމަށް ރެކޯޑްކުރެވިފައިވަނީ ސ. ގަމަށެވެ. އެރަށަށް 56 މޭލު ބާރު މިނުގައި ވައިޖެހުނު ކަމަށް ރެކޯޑް ކުރެވިފައިވެ އެވެ. ދެން އެންމެ ބާރަށް ވައި ޖެހިފައިވަނީ ކ. ކާށިދޫ އަށެވެ. އެއީ 49 މޭލު ބާރު މިނުގަ އެވެ.

މެޓް އިން ބުނީ އުތުރުގެ އަތޮޅުތަކަށް މިއަދު ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ކަމަށެވެ. ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެކަމަށް މެޓް އިން ލަފާކޮށްފައިވެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ކަނޑުތައް އާއްމު ގޮތެއްގައި ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ކަނޑުގަދަވުން ވެސް އެކަށީގެންވާ ކަމަށް މެޓް އިން ބުނެފައިވެ އެވެ.

މެޓް އިން ބުނީ، ރާއްޖޭގެ ކަނޑުގެ ރާޅުތަކުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާއި ހަތް ފޫޓްއާ ދެމެދުގައި ކަމަށެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް މެޓް އިން ލަފާކޮށްފައިވެ އެވެ.

މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ އެންމެ މޫސުން ގޯސްވާ ދުވަސްވަރެވެ. އެހެންކަމުން ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށާއި، އެ އިދާރާއިން ނެރެމުން އަންނަ މޫސުމުގެ އެލާޓުތަކަށް ވެސް ސަލާލުކަން ދިނުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެ އެވެ. މަގުމަތީގައި ދުއްވާ ފަރާތްތަކުންވެސް ސަމާލުކަންދޭންވި ކަންތައްތައް، ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވެ އެވެ.

މޫސުން ގޯސްވުމާއި ގުޅިގެން ކަމާގުޅުން ހުރިހާ އިދާރާތަކުން ވެސް އަންނަނީ، ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ނުވަތަ ގެއްލުން ކުޑަ ކުރުމަށްޓަކައި، މޫސުމަށް ސަމާލުވުމަށް ނަސޭހަތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު