ENGLISH
15 މޭ 2026
ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހަށްވުރެ ﷲ ގެ ޙަޟްރަތުގައި ޞާލިޙު ޢަމަލު ކުރުމަށް ލޮބުވެތިކަން ބޮޑު ދުވަސްތަކެއް ނުވޭ: ހުކުރު ޚުޠުބާ
15 މޭ 2026
|
އެންމެ މަޤްބޫލު
ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހަށްވުރެ ﷲ ގެ ޙަޟްރަތުގައި ޞާލިޙު ޢަމަލު ކުރުމަށް ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވާ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"ޙައްޖު މަހުގެ ފުރަތަމަ 10 ދުވަސް" މި މަޢުޟޫއަށް މުޅި ރާއްޖޭގައި ދިން ޚުޠުބާގައި ބުނީ، މި ދުވަސްތަކަކީ ދުނިޔެއަށް އަންނަ އެންމެ ހެޔޮ ދުވަސްތަކަށްވުމުގެ ސަބަބެއް ކަމުގައި ޢިލްމުވެރީން ބަޔާންކުރައްވަނީ، އެންމެ މަތިވެރި ހެޔޮ ޢަމަލުތައް މި ދުވަސްތަކުގައި ޖަމާވާތީއެވެ. ނަމާދާއި ރޯދައާއި ޞަދަޤާތާއި ޙައްޖުގެ މަތިވެރި އަޅުކަން ޖަމާވާތީ ކަމަށެވެ.
މާތް ﷲގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ މައްސަރުތަކަކީ ޙުރުމަތްތެރިވެގެންވާ މައްސަރުތައް ކަމަށްވާ، ރަޖަބު މަހާއި، ޛުލްޤައިދާ މަހާއި، ޛުލްޙިއްޖާ މަހާ އަދި މުޙައްރަމު މަސް ކަމަށް ޚުޠުބާގައި ބުންޏެވެ. އޭގެ ތެރެއިން ވެސް އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ މައްސަރަކީ ޙައްޖު މަސް ކަމަށާއި، ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ އެ މަހުގެ އެންމެ މާތް ދުވަސްތައް ކަމަށެވެ.
"އަހަރެމެންގެ ކުރު މި ޙަޔާތުގައި، ހެޔޮކަމުގެ މާތް މޫސުންތައް، ގިނަގުނަ ދަރުމަޔާއި ޘަވާބުލިބޭނޭ ގޮތަށް، ތަކުރާރުވާ ގޮތެއްގައި މާތް الله ލައްވާފައިވުމީ، އެކަލާނގެ އޯގާވަންތަކަމާއި ރަޙުމަތްވަންތަކަމުގެ ބޮޑުކަން ހާމަވާ ކަމެކެވެ. ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދާންތައް ފިލައިނުދަނީސް އަހަރެމެންނާ ކުރިމަތިވަމުން މި އަންނަނީ ދުނިޔެއަށް އަންނާނޭ އެންމެ މާތް ދުވަސްތަކެވެ. ހެޔޮ ޢަމަލުކުރުމަށް މާތް ﷲ އެންމެ ލޯބިވެވޮޑިގެންވާ ދުވަސްތަކެވެ." ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ، މި ދުވަސްތަކަކީ ދުނިޔެއަށް އަންނަ އެންމެ ހެޔޮ ދުވަސްތަކަށް ވުމުގެ ސަބަބެއް ކަމުގައި ޢިލްމުވެރީން ބަޔާންކުރައްވަނީ، އެންމެ މަތިވެރި ހެޔޮ ޢަމަލުތައް މި ދުވަސްތަކުގައި ޖަމާވާތީ ކަމަށެވެ.
ނަމާދާއި ރޯދައާއި ޞަދަޤާތާއި ޙައްޖުގެ މަތިވެރި އަޅުކަން ޖަމާވާތީވެ، މި ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ޓަކައި ހެޔޮ ޢަމަލުކުރުމަށް އަވަސްވެގަތުމަށް ޚުޠުބާގައި ގޮވާލާފައިވެއެވެ.
"އެންމެ ފުރަތަމަ ކަމަކަށް ތެދުވެރި އިޚުލާޞްތެރި ތައުބާއަކުން ތައުބާވެ މި ދުވަސްތައް ފަށާށެވެ! ތައުބާވާ އަޅުންދެކެ މާތް ﷲ ލޯބިވެ ވޮޑިގަންނަވައެވެ. އަދި ތައުބާވުމަކީ އެންމެ ގިނައިން ކީރިތި ޤުރުއާނުގައި ގޮވާލައްވާފައިވާ އެއް ކަންތަކެވެ." ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ، ޙައްޖު މަހުގެ ފުރަތަމަ ދުވަސްތަކުގައި ކުރެވޭން އޮތް އެންމެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ރޯދަހިފުން ހިމެނޭ ކަމަށާއި، ޚާއްޞަކޮށް ޙައްޖު މަހުގެ ނުވަވަނަ ދުވަހުގެ ރޯދައިގެ ދަރުމައާއި ޘަވާބު މަތިވެރިވެގެންވާ ކަމަށެވެ. ރަސޫލާ صلى الله عليه وسلمގެ ޙަދީޘްބަސްފުޅުގައި ވަނީ އެ ދުވަހުގެ ރޯދައަކީ ވޭތުވެދިޔަ އަހަރާއި އަންނާން އޮތް އަހަރުގެ ފާފަތައް ފުއްސަވާނޭ ރޯދައެއް ކަމުގައެވެ.
"ހެޔޮ ކަންކަމަކީ މީހާއަށް މާތް ﷲގެ ރަޙުމަތާއި ނިޢުމަތްތައް ލިބުމުގެ ސަބަބެއްކަމުގައި ދަންނާށެވެ! ހަމަ އެ ފަދައިން ފާފަތަކަށް އަރައިގަތުމަކީ މާތް ﷲ، އެކަލާނގެ ރަޙުމަތުން އެ މީހަކު ދުރުކުރައްވައި، އެކަލާނގެ ނިޢުމަތްތަކުން އެ މީހަކު މަޙުރޫމުކުރައްވާނޭ ސަބަބެއްކަން ހަނދާންކުރާށެވެ! އެހެންކަމުން ޙައްޖު މަހުގެ މަތިވެރި ދުވަސްތަކުގައި ފާފަތަކަށް އަރައިގަތުމާއި، ނެތިމޮށުމާއި، ދެބައޮޑުވުމާއި، ދޮގުހެދުމާއި، އަރާރުންވުމާއި، މަލާމާތްކުރުމާއި، ފުރައްސާރަކުރުމާއި، ބާޠިލު ވާހަކަ ދެއްކުމާއި، ފިތުނައުފައްދައި، ފަސާދަކުރުން ފަދަ އެންމެހައި ނުބައިކަންކަމުން ދުރުހެލިވެ ތިބޭ ބަޔަކަށް ވާށެވެ! މާތް ﷲ ލޯބިވެ ވޮޑިގެންނުވާ އެއްވެސް ޢަމަލަކަށް އަރައިނުގަނެ، ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ!" ޚުޠުބާގައި ބުންޏެވެ.
ޚުޠުބާ ނިންމާލަމުން ވަނީ، ޙައްޖު މަހުގެ މަތިވެރި ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްޓަކައި މި ދުވަސްތަކުގައި ނުބައި ކަންކަމާ ދުރުހެލިވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ބުނެފައެވެ.
މި މަތިވެރި ދުވަސްތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ޓަކައި، ފަރުޟު ނަމާދުތަކަށް ފަރުވާތެރިވުމާއި، ރަވާތިބު ސުންނަތްތަކަށް ރައްކައުތެރިވުމާއި، ކީރީތި ޤުރްއާން ކިޔެވުމާއި، ޤުރުއާނާ މެދު ވިސްނައި ފިކުރުކުރުމާއި، ގިނަގިނައިން މާތް ﷲގެ ޙަޟުރަތުގައި ދުޢާދެންނެވުމާއި، ރޭ އަޅުކަންކުރުން ފަދަ ކަންކަމަށް ޚާއްޞަ ސަމާލުކަމެއްދީ ހެޔޮކަންކަމުގައި ޝާމިލުވެ އެ ކަންކަމުގައި ދެމިތިބުމަށް ޚުޠުބާގައި ގޮވާލާފައިވެއެވެ.