ENGLISH
15 މޭ 2026
"ކޯ.ލެބް 26" ގެ ނަމުގައި ޤައުމީ ފެންވަރުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ
15 މޭ 2026
|
އެންމެ މަޤްބޫލު
މައިންޑްކޯ އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން، "ކޯ.ލެބް 26" ގެ ނަމުގައި ޤައުމީ ފެންވަރުގެ ޚާއްސަ ހަރަކާތެއް ބާއްވަން ނިންމައިފި އެވެ.
އާޓިފިޝަލް އިންޓެލިޖަންސް އަދި ޑޭޓާގެ ޤާބިލިއްޔަތު އިތުރުކުރުމަށް މައިންޑްކޯ އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން، މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 18 އިން 21 ވަނަ ދުވަހުގެ ނިޔަލަށް ހޮޓެލް ޖެންގަ އެވެ.
މި ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް "މޯލްޑިވްސް 2.0" އެޖެންޑާގެ ދަށުން، އަދި ނެޝަނަލް އޭއި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރެއް ޤާއިމުކުރުމަށް މައިންޑްކޯ އަދި ބީ.އެމް.އެލް އިން 4 އޭޕްރީލް 2026 ގައި ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ހިންގާ ޤައުމީ ހަރަކާތެކެވެ.
ހަތަރު ދުވަހުގެ މުއްދަތަށް ބާއްވާ މި ހަރަކާތް ބެހިގެންވަނީ މައިގަނޑު ދެ ބަޔަކަށެވެ.
އެގޮތުން ފުރަތަމަ ދެ ދުވަސް ޚާއްސަކުރެވިފައި ވަނީ ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތަކުގެ މަސައްކަތްތައް ހަރުދަނާކުރުމާއެކު އެފިޝެންސީ އަދި އުފެއްދުންތެރިކަން އިތުރުކުރުމަށް އޭ.އައި ބޭނުންކުރެވިދާނެ "ޔޫސް-ކޭސް" ދެނެގަތުމަށް ބޭއްވޭ ސްޕްރިންޓް ސެޝަންއެއްގެ ގޮތުގަ އެވެ.
ހަރަކާތުގެ ފަހު ދެ ދުވަހު (މޭ 20 އިން 21 އަށް) ކުރިއަށްދާނީ އަމަލީ ނަތީޖާއަށް އަމާޒުކޮށްގެން ބާއްވާ "ކޯ.ލެބް 26 ހެކަތަން"އެވެ. ހެކަތަންގެ މަސައްކަތްތައް ވެސް ބަހާލެވިފައިވަނީ އޭ.އައި ބޭނުންކޮށްގެން ދެ ދާއިރާއަކުން އީޖާދީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ.
މިގޮތުން ފުރަތަމަ ދާއިރާ ޚާއްސަކުރެވިފައިވަނީ ކޯލެބް އިވެންޓްގެ ފުރަތަމަ ދެ ދުވަހު ސަރުކާރުގެ އިދާރާތަކުން އިސްފަސްކުރާ އޭ.އަައި ޔޫސްކޭސްތަކަށް ދާއިރާގެ ފަންނީ ހުނަރުވެރިންނާއި، ތަޖުރިބާކާރުންނާއި، ޑިވެލޮޕަރުންނާއި، ހެކަތަންގެ ބައިވެރިން ގުޅިގެން އިޖާދީ ހައްލު ހޯދުމަށެވެ.
އަދި ދެވަނަ ދާއިރާ ޚާއްސަކުރެވިފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ސްވައިޕް އޭ.ޕީއައި ބޭނުންކޮށްގެން ފިންޓެކް ނުވަތަ މާލީ ދާއިރާއަށް އައު އީޖާދުތައް ތައާރަފުކުރުމަށް ނުވަތަ ހައްލުތައް ހޯދުމަށެވެ.
ސަރުކާރުގެ އިދާރާތަކުން އެންމެ އިސްކަންދޭނެ ޔޫސްކޭސްތައް އެކަށައެޅިގެންދާނީ ޔޫސްކޭސްތައް ޖަޖްކުރުމަށް އެކުލަވާލެވޭ ފަންނީ މާހިރުންގެ ޕެނަލްއަކުން ދޭ މާކުހުގެ އިތުރުން، ކޯލެބް އިވެންޓްގައި ހަރަކާތްތެރިވާ ބައިވެރިންގެ ވޯޓާއި އާންމު ރައްޔިތުންގެ ޚިޔާލާއި ވޯޓު ހިމެނޭ ދެފުށް ފެންނަ ސްކޯރިންގ ނިޒާމެއްގެ އެހީތެރިކަމާއެކުވެ.
އާއްމުންގެ ވޯޓަށް ޔޫސްކޭސްތައް ހުޅުވާލެވިގެންދާނީ 19 މެއި އިން ފެށިގެން ހަތް ދުވަހުގެ މުއްދަތަށެވެ. ޔޫސްކޭސްތަކަށް އާއްމުންގެ ފަރާތުން ލިބޭ ވޯޓަށް ބިނާކޮށް ކުރިމަގުގައި "ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރު" މެދުވެރިކޮށް އޭ.އައިގެ އެހީތެރިކަމާއެކު ސަރުކާރުގެ އިދާރާތަކަށް ބޭނުންކުރެވިދާނެ އީޖާދީ ހައްލުތައް ހޯދުމުގެ މަގުޗާޓެއް އެކުލަވާލެވި، ރައްޔިތުންނަށް މަންފާކުރާނެ މަޝްރޫޢުތަކެއް ހިންގުމަށް ސެންޓަރުގެ މަސައްކަތްތައް އަމާޒުކޮށް ބައްޓަންކުރެވިގެންދާނެއެވެ.
އޭ.އައި އެންޑް ޑޭޓާ ސެންޓަރުގެ މައިގަނޑު މަގްސަދަކީ ސަރުކާރުގެ އެކި އިދާރާތަކުގައި ގުޅިގެން އެއްފުރާޅެއްގެ ދަށުން، ޒިންމާދާރުކަމާއެކު އޭ.އައި ފަދަ ފަހުގެ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން އާންމު ޚިދުމަތްތައް ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ ގާބިލުކަން ގައުމުގައި ބިނާކުރުމެވެ.
އަދި އަމަލީ ގޮތުން ނަތީޖާ ނެރެވޭނެ ފަދަ އޭ.އައި ނިޒާމުތަކާއި އިޖާދީ ހައްލުތައް ދައުލަތުގެ ތެރޭގައި ބޭނުންކުރުމާއެކު ރާއްޖޭގެ ފިންޓެކް އިކޯސިސްޓަމަށް ގެނެވޭ އިޖާދީ ހައްލުތަކާއެކު ރައްޔިތުންނާއި ޚިދުމަތްހޯދާ ފަރާތްތަކަށް ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް މަގުފަހިކޮށްދިނުމެވެ.
"ކޯ.ލެބް 26"އަކީ ރާއްޖޭގެ ޑިޖިޓަލް އިންގިލާބުގައި ކޮންމެ ރައްޔިތެއްގެ ބައިވެރިވުން ހިމެނޭކަން ކަށަވަރުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
މައިންޑްކޯ އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން މި ފަހިކޮށްދެނީ، އޭއައިގެ ކުރިއެރުންތަކަށް ރާއްޖެއިން ހަމައެކަނި ބަލަން ތިބުމުގެ ބަދަލުގައި، އެ ކުރިއެރުންތައް އަމަލީ ގޮތުން ބޭނުންކޮށްގެން ރައްޔިތުންނަށް އޭގެ ފައިދާ ހޯދައިދޭނެ ގައުމީ މަގުޗާޓެކެވެ.
މިއީ އުފެއްދުންތެރި، ދެފުށް ފެންނަ، އަދި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ރާއްޖެއަކަށް ކުރާ ދަތުރުގެ ވަރަށް އުއްމީދީ ފެށުމެކެވެ.